ރާއްޖެ މައްޗަށް ނަގަމުންދަނީ ނުރައްކާ ވިލާގަނޑެއް

އިންޑިއާ އިން ރާއްޖެއާ ވާހަކަ ދައްކާނީ ހަތަރުކަޅި ހަމަ ނުކޮށް އިސްޖަހައިގެން

ރާއްޖެ މައްޗަށް ނަގަމުންދަނީ ނުރައްކާ ވިލާގަނޑެއް

މާ އަޑުގަދަ ފާޓު ފުޅާ ނަންހުރި ބޭބޭފުޅުންނާ މަޝްހޫރު ޝަޚްޞިއްޔަތުތައް ތިއްބާ 2018ގައި ކުއްލި އަކަށް މި ގައުމު ހަވާލު ކުރެއްވީ ހިންނަވަރުން ވަޑައިގެންހުންނެވި ބަސްމަދު ނިޔަނެތި މީހަަކަށެވެ. ކުރިއަށް އޮތްތަނަށް މިންވަރު ކުރައްވާފައި ހުރި ވެރިޔަކީ ރައީސް މުޢިއްޒެވެ.  

އަންނާން ހުރި ކަންކަމަކީ އައިމާ ނޫނީ އެނގޭ ކަންކަމެއް ނޫނެވެ. ކޮވިޑްގެ ޢާލަމީ އެ ބޮޑުވަބާ ކުރިމަތީގައި އޮތްކަން ދެނެވޮޑިގެންވީ ހަމަ އެކަނި އެ ފަރާތަށެވެ. އުރެދުންތެރިން އުރެދުނަސް މިއީ ހުރިހާ ރަށެއްގައި 5 ވަގުތު ނަމާދު ގާއިމް ކުރާ ހަމައެކަނި ދުނިޔޭގެ ގައުމެވެ.

ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙްގެ ވެރިކަން ފަށައިގަނެ ދުވަސްކޮޅެއް ނުވެ ދުނިޔެ ހުއްޓުވާލި ކޮވިޑްގެ ނާމާން 2 އަހަރު، ދިވެހިންގެ ޒިންމާ މަތިކުރެއްވީ އެއްކަލަ ހިންނަވަރު މީހާއަށެވެ.

މަގުތައް ފަޅުވެ ވިޔަފާރި ހުއްޓި އަލިތައް ފަނޑުވެ ބިރުވެރިކަން ލާވަށާލާ، އެންމެން ތިބީ ތިބި ތަނެއްގައި ބަންދު ވެގެންނެވެ. އެމްބިއުލާންސްގެ ސައިރަންގެ އަޑަށް ކުޑަދޮރުން ބޯދިއްކޮށްލާ އިރު ފެންނަނީ، ހިނގާ ބިނގާވާ މައްޔިތުން ތަކެއް ފަދަ ބިރުވެރި ހެދުން އަޅައިގެން ތިބި ސިއްޙީ އެހީތެރިންނެވެ. ޖެހިގެންހުރި ގެއިން ނެރެ އެމްބިއުލާންސަށް އެ އެރުވީ އިއްޔެ ވާހަކަ ދެއްކި އަވަށްޓެރިޔާއެވެ. އިރުކޮޅަކުން އައި ފޯން ކޯލްގައި އެބުނީ ޑައިރެކްޓް ކޮންޓެކްޓަކަށްވާތީ ކަރަންޓީނު ފެސިލިޓީއަށް ދާން ތައްޔާރު ވުމަށެވެ. މައިން ބަފައިންނާ ޢާއިލާ ދޫކޮށް ޚުދުތިމާ ވެސް ދާން ޖެހުނީއެވެ.

ދުނިޔެއަށް މިސާލު ދައްކަމުން ކޮވިޑް މެނޭޖްކުރެވި، އިގްތިޞޯދު ހުޅުވި ގައުމު ހިނގައިގަތް ތަން ދެކެފީމެވެ. ހިންނަވަރުން އައި މީހަކާ އެޓާސްކް ހަވާލުކުރެއްވީ ކޮން ސަބަބަކަށްޓަކާ ބާވައެވެ؟ 

އަނެއް 5 އަހަރަށް މި ރާއްޖެ ހަވާލު ކުރައްވާފައި މިވަނީ ވަށަފަރަށް ނިސްބަތްވާ އަނެއް އިބޫ ފަދަ ޑރ. މުހަންމަދު މުޢިއްޒެވެ. އަންނާން އޮތީ ކޮންކަމެއް ކަމެއް ނޭނގެއެވެ. އިގްތިޞޯދީ ގޮންޖެހުން ބޮޑެވެ. ބަޖެޓް ސަޕޯރޓްގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ޑޮލަރު ވަގުތުން ނުލިބި ޑރ. މުއިއްޒަކަށް ވެސް ވާކަށް ނެތެވެ.

ބަޖެޓް ސަޕޯރޓަކީ އިންޑިއާ ނޫން ގައުމަކުން ދިވެހިންނަށް ލިބޭ އެއްޗެއް ނޫނެވެ. ވެރިކަން ބަދަލުވީމާ މިދަނޑިވަޅު އަންނާނެކަން އިންޑިއާ އަށް އެނގޭނެ އެވެ. އިންޑިއާ އައުޓް ކުރިއަށް ގެންދެވޭނެ ގޮތެއް ދެން ބުނެބަލާށެވެ. 

ގަތަރާ އެކު ރައީސް ޞޯލިޙް އެއްބަސްވެފައިވާ އިހަވަންދިއްޕޮޅު ޓްރާންޝިޕްމެންޓް ޕްރޮޖެކްޓް ކުރިއަށް ގެންދާނަމަ އިންޑިއާ އިން ރާއްޖެއާ ވާހަކަ ދައްކާނީ ހަތަރުކަޅި ހަމަ ނުކޮށް އިސްޖަހައިގެން އޮވެއެވެ. މިއީ ޑރ. މުއިއްޒުގެ ސަރުކާރަށް ފަސޭހަ ގޮތަކަށް ނުވާނެއެވެ.

އެހެނެއް ނޫނެވެ ދެލޯމަރާފައި ވެސް އިހަވަންދިއްޕޮޅު މަޝްރޫޢު ނިންމައިފި ނަމަ، ވެރިކަން ބަދަލުވެގެން ދުނިޔެތެރެއަށް ދިވެހިން ނާށިގަނޑު ހިފައިގެން ނުކުންނާކަށް ނުޖެހޭނެއެވެ.

އަޖައިބެކެވެ. އިންޑިއާ އާ ރާއްޖެއާ ދެމެދު 8 ޑިގްރީ ޗެނަލުން ދުވާލަކު އެތައް ސަތޭކަ އާގު ބޯޓް ހުރަސް ކުރާތާ ކިތަންމެ ޒަމާނެކެވެ. އެކަމުން އިންޑިއާ އަށް އޮތް ނުރައްކަލެއް ނެތެވެ. އެ ބޯޓް ފަހަރަށް ތެލާ ފެނާ ކާނާ ސަޕްލައިކޮށް ރާއްޖޭން އެ ވިޔަފާރިކޮށް ދިވެހިރާއްޖެ ފުދުންތެރި ވެގެން އިންޑިއާ އަށް ވާން އޮތީ އެންމެ ނުރައްކަލެކެވެ. އެއީ ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވެގެން ރާއްޖެއިން ސަލާން ޖެހުން ހުއްޓޭނެ ގޮތް ވުމެވެ.

އަނެއްކޮޅުން، މެދުއިރުމަތިން ފެންނަނީ އުޖާލާ މަންޒަރެއް ނޫނެވެ. ފަލަސްތީނުގެ ހާލަތު އެއް ފަރާތުގައި ބާއްވާފައި ވިސްނާލާއިރު ތެޔޮފީފާގައި ރޯވެގެން ތެލުގެ އަގު ބޮޑުވީމާ ކުރިމަތިވާ ނުރައްކާ މާބޮޑުވާނެއެވެ.

މާބޮޑަށް ޕާޓީތަކާ ކުލަކުލަ ވެގެން އުޅެވޭކަށް ނެތެވެ. ދިވެހިންގެ އެއްބާރުލުން ޑރ. މުއިއްޒުގެ ސަރުކާރަށް އިންތިހާއަށް ބޭނުން ވާނެއެވެ. މިއީ ވަކިޕާޓީ ތަކާބެހޭ  ކަމެއް ނޫނެވެ. މިއީ ރައީސް އިބޫ އާއި ރައީސް މުއިއްޒާ ގުޅޭ ކަމެއްވެސް ނޫނެވެ. 

ދިވެހިންގެ ރާއްޖެ ކިޔައިގެން ވަކިބަޔަކު ވެރިކަމަށް އަންނަން ހަދާ ހީލަތުގައި ނުޖެހި، ދިވެހިންގެ ރާއްޖެ އަކީ އެންމެންގެ ރާއްޖެ ކަމުގައި ގަބޫލު ކުރަން ޖެހެއެވެ.