ރައީސް ނަޝީދާއި ރައީސް ވަހީދަށް އިނާޔަތް ނުދޭން ފާސްކޮށްފި!
ކުރީގެ ރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދަށް ކުރީގެ ރައީސުންނަށްދޭ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނު އިސްލާހު ކޮށްފިއެވެ.
މިހާރު ގާނޫނު ބުނާ ގޮތުން ކުރީގެ ރައީސުންގެ ތެރެއިން މާލީ އިނާޔަތް ލިބި ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށެވެ. އެހެން ކަމުން ދައުރެއްގެ ރައީސްކަން ނުކުރައްވާތީ ރައީސް ނަޝީދާއި ރައީސް ވަހީދަށް ދައުލަތުން ކުރީގެ ރައީސުންނަށްދޭ މާލީ އިނާޔަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދައުލަތުން ދޭން ވާނެ ކަމަށް އިސްލާހުގައި ބުނެއެވެ. ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް ގެނައި އިސްލާހުގައި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000ރ. ދައުލަތުން ދޭން ވާނެކަމަށް ބުނެފައިވެއެވެ.
އެހެން ނަމަވެސް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ރައީސް ނަޝީދާއި ރައީސް ވަހީދަށް ވެސް ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުން ފައިސާ ލިބިވަޑައިގަންނަވާނެއެވެ.
ގާނޫނަށް އައި ބަދަލާ ގުޅިގެން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ރައީސަކަށް ދައުލަތުން މަހަކު ލިބި ވަޑައިގަންނަވާނީ ގިނަވެގެން އެއްލައްކަ ރުފިޔާއެވެ. ދެ ދައުރު ދައުރު ރައީސްކަން ކުރައްވާފައިވާ ރައީސަކަށް ގިނަ ވެގެން މަހަކު ލިބި ވަޑައި ގަންނަވާނީ 125000.00 ރުފިޔާއެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ދޭ ފައިސާ ދިނުން ގާނޫނަށް ގެނައި އައު އިސްލާހުގެ ދަށުން ނިމުމަކަށް އައީއެވެ. އަނެއްކޮޅުން ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ އެ ނޫން މަގާމެއް އަދާކުރައްވާ ނަމަވެސް އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައެއް ނުގަންނަވާނެއެވެ.

