ޗޮކްލެޓުގެ ބަދަލުގައި އަނގުރުދެލިން ބިސްކޯދު އުފައްދާ ފެކްޓްރީއެއް ބަންދުކޮށްފި

ޗޮކްލެޓުގެ ބަދަލުގައި އަނގުރުދެލިން ބިސްކޯދު އުފައްދާ ފެކްޓްރީއެއް ބަންދުކޮށްފި

މިސްރުގެ ގަލްޔޫބިއްޔާގައި ހިންގަމުންދިޔަ، ހުއްދަނެތް ބިސްކޯދު އުފައްދާ ފެކްޓްރީއެއް ބަންދުކޮށްފިއެވެ. ފެކްޓްރީ ބަންދުކުރީ މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކުރުމާއި، ސާފުތާހިރުކަން ކުޑަވުމުގެ އިތުރުން، ޗޮކްލެޓުގެ ބަދަލުގައި ކާބޯތަކެތީގައި ބޭނުންކުރާ ކަޅުކުލަ ޖެއްސުމަށް އަނގުރުދެލި ބޭނުންކުރަމުންދަނިކޮށް ފެނުމާ ގުޅިގެންނެވެ.

އިދާރާތަކުން އެ ފެކްޓްރީ ރެއިޑްކުރިއިރު، ގާތްގަނޑަކަށް 1.8 ޓަނުގެ ބިސްކޯދާއި އޭގެ ރޯމެޓީރިއަލް ހިފަހައްޓާފައިވެއެވެ. އޭގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ގުލްކޯޒާއި ބަޓަރުގެ އިތުރުން، ގަސްގަހާގެހިން އުފައްދާފައިވާ އަނގުރުދެލި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކަޅުކުލައިގައި، "އޯރިއޯ" ސްޓައިލަށް އުފައްދާފައިވާ ގިނަ އަދަދެއްގެ ބިސްކޯދު ހިމެނެއެވެ.

މީގެ އިތުރުން، އެ ފެކްޓްރީން ވަނީ އެއްވެސް ލިޔެކިޔުމެއް ނެތް ތަކެތި ބޭނުންކޮށްގެން އައިސްކްރީމްވެސް އުފައްދާފައެވެ.

މި މައްސަލައާ ގުޅިގެން އެ ތަން ހިންގި ފަރާތާ މެދު ގާނޫނީ ފިޔަވަޅު އަޅާފައިވާއިރު، އެ ސަރަޙައްދުގެ ކާބޯތަކެތި އުފައްދާ ތަންތަން އިތުރަށް ހަރުދަނާކޮށް ބަލައި ފާސްކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަމުރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާއިރު، މިކަމުގައި ޒިންމާވާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މިސްރުގެ ގާނޫނު ބުނާގޮތުން، އޮޅުވާލައިގެން  ކާނާއަށް  އެއްޗެހި އެއްކުރުމާއި ނުވަތަ ހަލާކުވެ މުއްދަތު ހަމަވެފައިވާ ތަކެތިން ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތަކަށް ޖަލު ހުކުމާއި ބޮޑެތި ޖޫރިމަނާތައް އާދެއެވެ. އަދި އެފަދަ ތަކެއްޗަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އެއްޗެއް ކަމުގައިވާނަމަ ދޭ އަދަބު އެއަށްވުރެ ބޮޑުވެގެންދެއެވެ.