ކޮލެސްޓްރޯލް މަތިވެއްޖެނަމަ ކުރަންވީކީއް!
ކޮލެސްޓްރޯލް ދަށްކޮށް ހިތް ދުޅަހެޔޮކޮށް ބެހެއްޓުން
މަތީ ކޮލެސްޓްރޯލްގެ ސަބަބުން ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި އެހެނިހެން ސިއްހީ މައްސަލަތަކަށް މަގުފަހިވެދާނެއެވެ. އިންޑިއަން ހާޓް ޖާނަލްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށްފުށު ސަރަޙައްދުތަކުގައި 15% އިން 25% އަށް އަދި ސިޓީތަކުގައި 25% އިން 30% އަށް މީހުންގެ ކޮލެސްޓްރޯލް މަތިވެފައިވެއެވެ. ހަށިގަނޑުގެ ކޮލެސްޓްރޯލް މަދުކުރުމަށްޓަކައި، ވަކި ބާވަތެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅެ، ހިތަށް ފައިދާހުރި އާދަތަކެއް އަށަގެންނެވުން މުހިންމެވެ. މިގޮތުން ކޮލެސްޓްރޯލް ދަށްކޮށް ހިތް ދުޅަހެޔޮކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.
ޗިއާ މުގުގެ ފެނުން ދުވަސް ފެށުން
ޗިއާ މުގުގައި އޮމެގާ-3 ފެޓީ އެސިޑް ޢާއި ފައިބަރު އަދި އެންޓިއޮކްސިޑެންޓްތައް ގިނައިން ހުރެއެވެ. އެއީ އަހަރެމެންގެ ކާނާގެ ވަރަށް މުހިންމު ބައެކެވެ. ހެނދުނު ޗިއާ މުގުގެ ފެން ބުއިމުން އެލްޑީއެލް (ނުބައި ކޮލެސްޓްރޯލް) މަދުކުރުމަށް އެހީތެރިވެދެއެވެ. ބޯލާ ޗިއާ މުގުފެނުގައި ހުންނަ ދޫވާ ފައިބަރު ޖެލީ ކަހަލަ އެއްޗަކަށް ބަދަލުވެ، ލޭހޮޅިތަކުގައި ކޮލެސްޓްރޯލް ޖަމާވުން މަދުކުރުމަށް އެހީތެރިވެދެއެވެ. މޭޒުމަތީ ސަމުސަލެއްހާ ޗިއާ އާއި މުގު ރޭގަނޑު ފެނުގައި ބަހައްޓާފައި ހެނދުނު އެންމެ ފުރަތަމަ އެ ފެން ބޯށެވެ.
އޯޓްސް އާއި ބާރލީ ކެއުން
އޯޓްސް އާއި ބާރލީގެ ކާނާއަކީ ހިތަށް ވަރަށް ރަނގަޅު އެކުވެރިއެކެވެ. އެއީ ކޮލެސްޓްރޯލް މަދުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރާތީއެވެ. އޯޓްސް އާއި ބާރލީ އެލްޑީއެލް ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރެއެވެ. ހެނދުނުގެ ނާސްތާއަށް އޯޓްމީލް ތަށްޓެއް ކެއުމާއި ސޫޕާއި ސެލެޑަށް ބާރލީ އިތުރުކުރުމުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.
ކެއުމަށް ފައިބަރު އިތުރުކުރުން
ހިތުގެ ދުޅަހެޔޮކަމަށް އަނެއް ރަނގަޅު އެހީތެރިއަކީ ފައިބަރެވެ. ފައިބަރު ބޭނުންކުރުން އިތުރުކުރުމުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. މޭވާ، ތަރުކާރީ ފަޅޯ ފަދަ ބަނޑު ދިޔާކުރާ ފައިބަރު ގިނައިން އެކުލެވޭ ކާނާާ ކޮލެސްޓްރޯލްއާ ގުޅި، އެއްވެސް ގެއްލުމެއް ދިނުމުގެ ކުރިން ހަށިގަނޑުން ބޭރުކޮށްލައެވެ. ކޮންމެ ކެއުމަކަށްވެސް ފައިބަރު ގިނައިން އެކުލެވޭ ކާނާ ހިމެނުމަކީ ހަޖަމުކުރުން ރަނގަޅުކޮށްދޭ ކަމެއްގެ އިތުރުން، ކޮލެސްޓްރޯލް ހިފެހެއްޓުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. ކުރިއެރުން ފެންނަން ދުވާލަކު މަދުވެގެން 25-30 ގްރާމް ފައިބަރު އިތުރުކުރަން މަސައްކަތްކުރާށެވެ.
ކޮންމެ ދުވަހަކު ހަރަކާތްތެރިވެ އުޅުން
ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމުގައި ޖިސްމާނީ ހަރަކާތްތަކުގެ ދައުރު ވަރަށް ބޮޑެވެ. ކޮންމެ ދުވަހަކު ކަސްރަތު ކުރުމުން އެލްޑީއެލް (ނުބައި) ކޮލެސްޓްރޯލް މަދުކޮށް، އެޗްޑީއެލް (ރަނގަޅު) ކޮލެސްޓްރޯލް އިތުރުކުރުމަށް އެހީތެރިވެދެއެވެ. އެގޮތުން މާ ގަދަ ކަސްރަތުތައް ކުރާކަށް ނުޖެހެއެވެ. ހިނގުން، ބައިސްކަލު ދުއްވުން ނުވަތަ އާންމު ގޭތެރޭގައި ކުރާޒާތުގެ މަސައްކަތްތައް ކުރުން ފަދަ ކަންތައްތަކުންވެސް ހަރަކާތްތެރި ދިރިއުޅުމެއް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ހަފްތާގެ ގިނަ ދުވަސް ތަކުގައި، މަދުވެގެން 30 މިނެޓު މެދުމިން ވަރުގެ ހަރަކާތްތަކެއް ކުރުމަށް މަސައްކަތް ކުރާށެވެ.
ނަޓްސްއާއި މަދު ކެއުން
ކޮލެސްޓްރޯލް ދަށްކުރާ ރަނގަޅު މޭވާގެ ތެރޭގައި ފްލެކްސްސީޑް، ވޯލްނަޓް އަދި ބަދަން ހިމެނެއެވެ. ރަނގަޅު ކޮލެސްޓްރޯލް އިތުރުކޮށް، ނުބައި ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވާ މޭވާއެވެ. ކުޑަކުޑަ އަތްމުށެއްގެ މިންވަރަށް ނަޓްސް ނުވަތަ މަދު ކޮންމެ ދުވަހަކު ކެއުމުން ބޮޑު ބަދަލެއް އަންނާނެއެވެ. ނަމަވެސް ކެވޭ މިންވަރަށް ސަމާލުކަން ދޭންވާނެއެވެ. އެއީ ނަޓްސްގައި ކެލަރީ ވަރަށް ގިނައިން ހުންނާތީއެވެ.