މާލޭ ފަޅަކީ ރަބަރެއް ނޫން
އޮޑިވެރިންނާއި, ނެވިންނާއި ބައްދަލުކުރައްވާ މާލޭ މޭޔަރ މަޝްވަރާ ހޯއްދެވުން
ކޮންމެ ދެމޭ ރަބަރެއްވެސް ދަމާލެވޭނީ ދެމުން ހުސްވަންދެނެވެ. ކޮންމެ ދެމޭ ރަބަރަކީވެސް ވަކިވަރަކަށްވުރެ ބޮޑަށް ދަމަން ވެއްޖެނަމަ ވާންކެނޑި ދެމުން ހުސްވާ އެއްޗެކެވެ. ވަކިވަރަކަށްވުރެ ބޮޑަށް ދަމަން ވެއްޖެނަމަ ރަބަރު ކަޑައިގެންވެސް ދެއެވެ.
އާއްމު މުހާވަރާއެއްގެ ގޮތުގައި މާލޭ ފަޅަކީ ރަބަރެއް ގޮތުގައި ޒަމާނުއްސުރެ ސިފަކުރެއެވެ. ފަޅުފުރި ބާރުވެގެން ދޯނި ފަހަރަށް މާލޭފަޅަށް ނުވަދެވިފައި އޮންނަން ނުޖެހޭނެކަމަށް ގަބޫލުކުރެވިފައި އޮންނަ އޮތުމަކަށް ބާރުދޭ މިސާލު ބަހެއްގެ ގޮތުގައި މާލޭފަޅަކީ ރަބަރެކޭ ބުނެއުޅެއެވެ.
ބައެއް ކަހަލަ މުހާވަރާތަކަކީ އިންސާނާގެ ވިސްނުމަށް ނުބައި އަސަރު ފޯރުވާ ޒަމާނާ ހާލަތާ ނުބައްދަލު މުހާވަރާތަކެކެވެ. އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނުބައި ވިސްނުން އިތުރުކޮށްދޭ މުހާވަރަތައް ދޫކޮށްލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ނުބީހެންޏާ ކަނޑާހަމައެއް ނޫނެވެ. ފާޅުގައި ކުރުމުން ގޯސްވާ ކަމެއް ސިއްރުން ކުރުމަކީ ވޭސް ގޯސްކަމެކެވެ. މީހަކަށް ނޭނގެންޏާ ކޮންމެފަދަ ކަމެއްކުރުމަކީވެސް އެންމެ ރަނގަޅުކަމެއް ކަމަށް ދޭހަކޮށްދޭ ގޮތަށް ބުނެވޭ މުހާވަރާ ނުބީހެންޏާ ކަނޑާ ހަމަ ކަމަށް ގަބޫލުކުރާ ގަބޫލުކުރުމާ ދުރަށްދާން ޖެހެއެވެ. އަތުގައި މެކެންޏާ ދަތުގައި މެކޭނެ ކަމަށް ގަބޫލުކުރުމަކީ ހިޔާނަތާއި ކޮރަޕްޝަނަށް ހިތްވަރު ދިނުމެވެ. ހަފޮޅު އެތެރެވީމާ ބައި އަޅަން ޖެހޭނެ ކަމަށް ގަބޫލުކުރުމަކީ ހައްގު މިންވަރު ހޯދުމަށް މަސައްކަތް ކުރަން ނުޖެހޭކަމަށް ގަބޫކުރުވޭ ގަބޫލުކުރުމެކެވެ. މިޒާތުގެ އިޖުތިމާއީ މިންގަޑާ ހިލާފު އެތައް މުހާވަރައިގެ ތެރެއިން މާލޭފަޅަކީ ރަބަރެއް ކަމުގައި ގަބޫލުކުރެވިފައި އޮތް އޮތުން ބަދަލުކުރަން ޖެހެއެވެ.
މަލޭ މޭޔަރު އާދަމް އާޒިމް އެ މަސައްކަތް މިހާރު އެވަނީ ފައްޓަވާފައެވެ. މާލޭފަޅަކީވެސް ހިތުހުރި ވަރަކަށް ސުމާރެއްނެތި ބޭނުން ކުރެވެން އޮތްތަނެއް ނޫންކަން މާލޭފަޅުގެ ބޭނުން ހިފާ ފަރާތްތަކަށް ވިސްނަ ދެއްވުމުގެ ސިލްސިލާ މަސައްކަތްޕުޅެއް އެވަނީ ފައްޓަވާފައެވެ. އެންމެ ހެޔޮ ގޮތުގައި މާލޭފަޅުގެ ބޭނުން ވީހާވެން ގިނަ ބަޔަކަށް ހިފޭނެ ގޮތްތައް ހިއްދަވަ ދެއްވުމަށް މަސައްކަތް އެވަނީ ފައްޓަވާފައެވެ.
މާލެ ދަތުރު ކުރާ ބޯޓުފަހަރުތަކުގެ އޮޑިވެރިންނާއި, ނެވިންނާއި ބައްދަލުކުރައްވާ މަޝްވަރާ ހޯއްދަވައިގެން މާލޭފަޅަކީ އެންމެނަށްވެސް ލުއިފަސޭހަ ރައްކާތެރި ތަނަކަށް ހެއްދެވުމުގެ އަމަލީ މަސައްކަތް އެވަނީ ފައްޓަވާފައެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ފުވައްމުލަކު ސިޓީގެ މޭޔަރުގެ ބައިވެރިވުމާއި މަޝްވަރާވެސް ހޯއްދަވައިގެން މިއަދު ފެއްޓެވި މަސައްކަތްޕުޅުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ލަފަޔާއި މަޝްވަރާ ހޯއްދަވާނެ ކަމީ ޝައްކެއް ނެތްކަމެކެވެ.
އާހިރުގައި މާލޭފަޅަކީ އެންމެނަށްވެސް އަމާން އޮމާން ރައްކާތެރި ލުއިފަސޭހަ ލިބޭ ތަރުތީބަކުން ކަންކަން ހިގާ ތަނަކަށް ބަދަލުވެގެން ދާނެއެވެ. މާލޭފަޅަކީ ރަބަރެއް ކަމުގައި ގަބޫލުކުރެވިފައި އޮތް އޮތުން ބަދަލުވެގެން ދާނެއެވެ. މޭޔަރު އާޒިމް އަމަޡު ހިއްޕަވަފައި ހުރީ އެމަގަށެވެ.