އަމީރު ސައީދަށް: ގައުމު ސަލާމަތް ކުރެވޭނީ މި ވެރިކަން ނިމިގެން

ގައުމު ދެންވެސް ސަލާމަތްކުރެވޭނީ މި ވެރިކަން ނިމިގެން ކަމަށް ކުރީގެ މާލީ ވަޒީރު އޮނަރަބަލް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. އޮނަރަބަލް އަމީރު އެހެން ވިދާޅުވީ މިހާރު ރާއްޖޭން އުފުލަންޖެހޭ ހުރިހާ ދައްޗެއް ކުރިމަތި ކުރުވީ އެމްޑީޕީން ކަމަށް ވިދާޅުވެ އެމްއެމްޓީވިގެ ޕްރޮގްރާމެއްގައި މިހާރުގެ އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކަކަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައެވެ.
އަމިއްލަ ގާބިލްކަމެއް ނެތިއްޔާ އެހެން މީހުންގެ ވާހަކަ ނުދައްކާ މަޑުން ހުރިއްޔާ މާ ތާހިރު ވާނެ ކަމަށް ވިދާޅުވަމުން އަމީރު ވިދާޅުވީ ކޮވިޑާއެކު ނަގަން ޖެހުނު ދަރަންޏަކީ ގައުމު ސަލާމަތްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްކުރަން ކޮންމެހެންވެސް ކުރަންޖެހުނު ކަމެއް ކަމަށެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް އަކީ މުޅި މާލެ ސަރަހައްދުގެ އިގްތިސާދު އެއްކޮށް ބަދަލުކޮށްލައި، އިޖްތިމާއީ ގިނަ ކުރިއެރުންތައް ގެނުވާނެ ޕްލޭންތަކާއި އެކު ފެށުނު މަސައްކަތެއް ކަމަށް ވެސް އަމީރު ވިދާޅުވިއެވ. ބްރިޖްގެ ލޯނަކީ 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއި އެކު 25 އަހަރުން ދައްކަންޖެހޭ އަގު ހެޔޮ ލޯނެއް ކަމަށް ވެސް ކުރީގެ މާލީ ވަޒީރު ވިދާޅުވިއެވެ.
މިހާރު ސަރުކާރުން ހައުސިންގ އަޅަން މަސައްކަތް ކުރަނީ މާލެ ކޮމާޝަލް ޕޯޓް ގުޅިފަޅަށް ރިލޮކޭޓްކޮށް، މާލެ ޕޯޓް ސަރަހައްދު ތަރައްގީކުރަން ހުރި ފައިސާއިން ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އެހެން ނޫންނަމަ ގުޅިފަޅު އެއްކޮށް ހިއްކައި، ގިރާވަރު ހިއްކުން ނިންމައި މީހުން އާބާދުކުރުމުގެ މަސައްކަްތް މިހާރު ފެށެންވާނެ ކަމަސްވެސް އޮނަރަބަލް އަމީރު ވިދާޅުވިއެވެ. އެ ޕްލޭންތައް ހުންނާނީ ކުރިން ހަދާފައި ކަމަށް އަމީރު ވިދާޅުވެއެވެ.
އިގްތިސޯދީ ވަޒީރުގެ ވާހަކަތަކައް ރައްދުދެއްވާ ކުރީގެ މާލީ ވަޒީރު އައްސަވަނީ ޑިވެލޮޕްމެންޓް ބޭންކް ކޮބާތޯއެވެ. ފައިނޭންޝިއަލް ސެންޓަރޭ ކިޔައިގެން ގެނައި 8$ ބިލިއަން ޑޮލަރު އިންވެސްޓްމެންޓް ކޮބައިތޯއެވެ. އެހެން އެކަންކަން ހުރިއްޔާ މާ ބޮޑު ދަތި ކަމެއް ހުރެގެން ނުވާނެތާއޭ ވިދާޅުވެ އަމީރު ވިދާޅުވަނީ އެންމެ 2 އަހަރު ތެރޭ 30 ބިލިއަނުން ގައުމު ދަރަނި ވެރި ކުރިއިރު ކުރެވުނު މަސައްކަތެއް ފެންނަ ދިވެއްސަކު ނެތް ކަމަށެވެ.
އިންފްލޭޝަން މައްޗަށް ގޮސް، އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް އިކޮނޮމިކް މިނިސްޓަރު އުޅުއްވަނީ ފޮނި ބައިސާ ކެނޑުމުގައިކަމަށް ކުރީގެ މާލީ ވަޒީރު ވިދާޅުވިއެވެ.