އާދަމް އާޒިމްގެ މަސައްކަތް އިދިކޮޅަށް ހަޖަމެއްނުވި!
އަގުނުދޭ އެއްވެސް މަސައްކަތެއް އެމްޓީސީސީ ލައްވާ ސަރުކާރުން ނުކުރުވާ
އެމްޓީސީސީން ރާއްޖޭގެ ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތައް ކާމިޔާބު ކަމާއެކު ހިންގާ ނިންމާތީ ބަޔަކު ދަތްބާރު ވަނީ މާ ވަރަކަށެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަތަރު އަހަރު ތެރޭގައި އެމްޓީސީސީ މެދުވެރިކޮށް ހިންގާ ނިންމަމުންދާ ތަރައްގީގެ މަޝްރޫއު ތަކަށް ހަސަދަވެރި ވާބަޔަކު ހަސަދަވެރި ވިޔަސް ގިނަ ރައްޔިތުން ތިބީ އުފަލުންނެވެ.
އެމްޓީސީސީ ބަނގުރޫޓުވުމާ ދިމާލަށް ދަތުރުކުރާ ކަމަަށް ބުނެ ރައްޔިތުންގެ މެދުގައި ޝައްކު އުފައްދާ އިތުބާރު ނަގާލުމަށް ކުރާ ބަޔަކު އެ ކުރަނީ ބޭކާރު މަސައްކަތެކެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުގެ މޭސްތިރި ކަމުގެ ދަށުގައި އެމްޓީސީސީ ހޯދަމުންދާ ކާމިޔާބީ ތަކަށް ހަސަދަ ވެރިވާ ބަޔަކު ހަސަދަ ވެރިވާ ސަބަބުތަކެއް އެބަހުއްޓެވެ. އެމްޓީސީސީގެ ފައިދާ ކުޑަވަމުންދާ ވާހަކައާއި ބަގުރޫޓްވުމާ ދިމާލަށް ދަތުރު ކުރާ ކަމަށް ބުނެ ފިތުނަ އުފައްދަނީ އެ ސަބަބުތަކާ ހުރެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށް ރަށެއްގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި މި ސަރުކާރުން ކުރެވިދާނެ ކަމެއް ކަމަށް އެއްވެސް ބަޔަކު ކުރިއަކުން ގަބޫލެއް ނުކުރެއެވެ. ދެކޮޅު ނުޖެހޭ ގެއްލުން ބޮޑުކަމެއް ކަމަށްދެކި މީގެ ކުރީގެ ސަރުކާރު ތަކުން ހުރިހާ ރަށެއްގައި ބަނދަރު ހެދުމަށް އޮތީ ފަސްޖެހި ނުކޮށެވެ.
ލަފާ ފުރަން ފަސޭހަ ވާނޭ ގޮތަށް ބަނދަރުތައް ފުންކޮށް ބޭރުތޮށި ހިލައިންޖަހާ އަތްދޮށުތޮށި މަތީ ފެންވަރުގައި ހުރިހާ ރަށެއްގައި ހެދުމަކީ ކުޅަދާނަ ކަމެއް ކަމަކަށް ކުރިއަކުން ނުދެކެއެވެ. ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިން ހީވެފައި އޮތީ ކުށްހީއެއް ކަން ސާބިތުކޮށްދީ ރަށް ރަށަށް ޖަޒީރާ ވަންތަ ހަގީގީސިފަ ގެނެސް ދިނުމުގައި އެމްޓީސީސީގެ ދައުރު ވަރަށް ބޮޑެވެ.
ރަށް ގިރުމުގެ ނުރައްކާތެރިކަމާ ކުރިމަތިވެފައި އޮތް ރަށް ރަށުގެ ގޮނޑުދޮށްތައް ވެލިން މުއްސަދިކޮށްދީ ކޮންމެ ރަށަކީ ރައްކާތެރި ކަން ލިބިގެންވާ ރަށަކަށް އެ ހަދާދެނީއެވެ. އަޑިގުޑަންވެ ޗަކަހެދި ހިނގާ ބިނގާވެ އުޅެން ދަތި އެތައް ރަށެއްގެ މަގުތަކުގައި ތާރުއަޅާ ރައްޔިތުންނަށް އަމާން ވެއްޓެއް އެދަނީ ހޯދާ ދެމުންނެވެ. މިހިރަ މިހިރަ ކަންކަމަކީ ސިޔާސީ ވާދަވެރިންނަށް ހަޖަމު ވާނެ ކަންކަމެއް ނޫނެވެ.
ދަތުރު ފަތުރުން މުޅިރާއްޖެ ވައިގެ މަގުންނާއި ކަނޑުގެ މަގުން ގުޅާލުމަށް ރައީސް ސާލިހު ހިންގަވަން ފައްޓަވާފައިވާ މެގަ ހަރަކާތުގެ އެންމެ އަމަލީ މަސައްކަތުގެ ބައިވެރިއަކީ އެމްޓީސީސީއެވެ. އެކުއެކުގައި އެތައް އެއަރޕޯޓެއްގެ މަސައްކަތް އެބަ ހިނގައެވެ. ބޮޑެތި ސިޓީ ތަކުގައި އާރޓީއެލް ބަހުގެ ހިދުމަތް ހެޔޮއަގުގައި އަރާމުކޮށް އެބަ ދެއެވެ. މުޅި ރާއްޖެ ކަނޑުމަގުން ގުޅާލުމަށް އާރޓީއެލް ފެރީގެ ހިދުމަތް ދޭންވަނީ ފަށާފައެވެ. އަގު ހެޔޮކޮށް އަރާމުގައި ހަލުވި ދުވެލީގައި ރައްޔިތުންނަށް ދަތުރު ފަތުރުކުރެވޭނެ ގޮތް ވެގެން ދާތަން ބަލަންތިބި ވާދަވެރިން އެތިބީ ތަލިން ކުޅު ހިކިފައެވެ.
ރައްޔިތުންގެ ކުންފުނި މެދުވެރިކަން ރައްޔިތުންނަށް އުފާވެރިކަން ހޯދާ ދިނުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވޭނެ ހުރިހާ ގޮތެއް ވާދަވެރިން ދަނީ ހޯދަމުންނެވެ. ރައްޔިތުންނަށް މާ ހެޔޮ އެދޭކަމަށް ހެދިގެން ދައްކާނެ އެހެން ވާހަކައެއްް ނެތިގެން މި ދައްކަނީ އެމްޓީސިސީ ބަނގުރޫޓުވާނެ ވާހަކައެވެ. ވާނުވާ ރަނގަޅަށް އެނގިތިބެ ގަސްދުގައި ފިތުނަ އުފައްދަނީ ހިތުން ރައްޔިތުން ރުޅިއަރުވާށެވެ.
އާނއެކެވެ. އެމްޓީސީސީއަކީ ވެސް ފައިދާ ހޯދަން މަސައްކަތްކުރާ ރައްޔިތުންގެ ކުންފުންޏެކެވެ. އެމްޓީސީސީކުރާ ކޮންމެ ކަމެއް ކުރާނީ ގެއްލުމަކަށް ނުވާގޮތަށެވެ. މަސައްކަތުގެ އަގުނުދޭ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް އެމްޓީސީސީ ލައްވައެއް ނުކުރުވައެވެ. ހަވާލު ކުރެވޭ މަސައްކަތް ނިމެމުން ދާވަރަކަށް މަސައްކަތުގެ އަގު ދެމުންނުދާ އެއްވެސް މަސައްކަތެއް އެމްޓީސީސީއަކުން ނުކުރެއެވެ. ނުވެސް ކުރާނެއެވެ. މަސައްކަތްތައް ހިނގަމުން ދާއިރު އެ ކަމަކަށް ކުރަންޖެހޭ ހޭދައެއް އެއްބަސްވެފައި އޮންނަ ގޮތަކަށް މަސައްކަތް ނަގާފަރާތުން ކުރުމަކީ ކޮންޓްރެކްޓްގެ އުސްލޫބެވެ. އެހަލަތުގައި އެކުންފުންޏެއްގެ މާލީ ހިސާބުތަކުން އަޑިގުޑަން ފެންނާނެއެވެ. މަސައްކަތް ނިމި ހަމަ އަގު ލިބުމުން އެއްކަލަ އަޑިގުޑުން ފިލާ ހަމަހަމަވެ އުފުލިފައިވާ ކުންނުގެ ފެންނާނެއެވެ.
ރައްޔިތުންގެ ކުންފުނިތަކަކީ ރައްޔިތުންނަށް އަގުހެޔޮ ފަސޭހަ ހިދުމަތްތައް ދިނުމާއެކު ފައިދާ ހޯދަން މަސައްކަތްކުރަން އުފެދިފައި ހުންނަ ތަންތަނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ދެވޭ އަސާސީ ހިދުމަތްތަކުން ފައިދާ ހޯދުމަކީ ރައްޔިތުން ކުންފުނިތަކުގެ އަމާޒެއް ނޫނެވެ. އަސާސީ ހިދުމަތަކީ ހިދުމަތް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުންޏަށް އުފުލަންޖެހޭ ބުރަޔަކަށް ނުވެ ދެވެން ޖެހޭ ހިދުމަތެކެވެ. ދެވޭ އަސާސީ ހިދުމަތަކުން ފައިދާ ހޯދާނީ އަސާސީ ހިދުމަތަކަށް ވުރެ އިތުރަށް އެހިދުމަތެއްގެ ބޭނުން ކުރާ ފަރާތް ތަކުންނެވެ. އަސާސީ ހިދުމަތް ދިނުމަށް ކުރަންޖެހޭ ހޭދަ ދެވޭ ހިދުމަތުން ލިބޭ އެއްޗަކަށް ވުރެ ބޮޑުވާނަމަ އެބައި ފޫބައްދަނީ ސަރުކާރުންދޭ ސަބްސިޑީން ނުވަތަ އެހެން ހަރަކާތެއް ހިިންގައިގެން ފައިސާ ހޯދައިގެނެވެ. މިއުސޫލުން ބަލާއިރު ރާއްޖޭގެ ކަންކޮޅުތަކުގައި އެމްޓީސީސީން ކުރާ އެއްވެސް މަސައްކަތަކީ އެމްޓީސީއަށް ވާގެއްލުމެއް ނޫނެވެ. އެކަންކަމުން އެމްޓީސީސީއަށާއި ރައްޔިތުންނަށް އޮތީ ފައިދާއެވެ. ފާގަތިކަމާ އުފާވެރިކަމެވެ.