މާލޭ ހުރިހާ ގޮނޑިއަށް އެމްޑީޕީގެ މެމްބަރުން ހޮވާނެ: މާލޭ މޭޔަރ

ވޯޓަކީ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއް

މާލޭ ހުރިހާ ގޮނޑިއަށް އެމްޑީޕީގެ މެމްބަރުން ހޮވާނެ: މާލޭ މޭޔަރ

މާލޭގެ ހުރިހާ ގޮނޑިތަކަށް އެމްޑީޕީގެ މެމްބަރުން ހޮވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް އެހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.

އެމްޑީޕީގެ މެމްބަރުންނަށް ލާ ވޯޓަކީ މުސްތަގުބަލާ ގުޅިފައިވާ ވޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ބަޔަކަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމަކީ މުސްތަގުބަލު ގެއްލިގެންދާނެ ކަމެއް ކަމަށްވެސް މާލޭ މޭޔަރ ވިދާޅުވިއެވެ. 

އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފިކުރާއި ސިޔާސަތަކީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދިނުމެވެ. ހެޔޮ ހިތަކާއިގެން މާލޭގެ ރައްޔިތުންނާއި ދަފުތަރުގެ ރައްޔިތުންނަށް ބިން ޔަގީންކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އާޒިމް ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ މުހިންމުކަން ދެއްވި އެއް ކަމަކީ މާލޭގެ ރައްޔިތުންނަށް ގެދޮރު ހޯދައި ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތި ކަށަވަރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީގެ މެމްބަރުންނަށް ދޭންޖެހޭ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ދެކިވަޑައި ގަންނަވައެވެ. މިއަދު އެއްވެސް ބަޔަކަށް ގައުމު އޮތް ހާލަތު ނޯޅޭ ކަމަށާއި ވެރިކަން ހޯދުމަށް ޕީއެންސީން ހެދި ދޮގުތައް ހުރިހާ އެންމެންނަށް މިއަދު އެނގިއްޖެ ކަމަށްވެސް އާޒިމް މިރޭ ވިދާޅުވިއެވެ.

ކޮވިޑު 19 ގެ ބަލިމަޑުކަމުގައި އިގުތިސޯދު ފުލުގައި ޖެހި ދެ އަހަރު ގެއްލިގެން ދިޔަ ނަމަވެސް، ކުރީ ސަރުކާރުން އެ ދަތިކަން ފޫބައްދަން ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ އުނދަގޫ ހާލަތުގައި އެއްވެސް މީހެއްގެ ވަޒީފާ އޭރު ނުގެއްލި ގައުމު ހަމަ މަގަށް އެޅުވުނެވެ. ނަމަވެސް މިހާރު ގައުމުގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށް ވެސް މޭޔަރ އާޒިމް ވިދާޅުވިއެވެ.