އެތެރެވުން ގިނަވެ ސިނގިރެޓް ޓެކުހުން ފުރޭނީ މުއިއްޒު ޖީބު!

ބޯމީހުން މަދުނުވެ ގިނަވާނީ ވައްކަމާ ޓެކުމާ ފޭރުމާ ސަލާންޖެހުން

އެތެރެވުން ގިނަވެ ސިނގިރެޓް ޓެކުހުން ފުރޭނީ މުއިއްޒު ޖީބު!

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގެއްލުން ހުރިކަމެކެވެ. ނުރައްކާތެރި ކަމެކެވެ. ކަމުގެ ނުރައްކާތެރިކަން ނޭނގޭ މީހަކު ނޫޅެއެވެ. ކިތަންމެ ގެއްލުން ބޮޑަސް، ނުރައްކަލަސް ދުންފަތުގެ އަދިރި އަޅާފައި ތިބި މީހުންގެ އަދަދަކީ މަދު އަދަދެއް ނޫނެވެ. ދުންފަތާ މުޖުތަމައު ދުރުކުރުމަކީ ކިތަންމެހާވެސް ބޭނުންތެރި ރަނގަޅު ކަމެކެވެ. އެހެނެއް ކަމަކު އެތައް ހާސްބައެއްގެ ކަށީގެ މަދުގައި ހިފާފައިވާ އާދައެއް ހުއްޓުވާލުމަކީ ފަސޭހަކަމެއް ނޫނެވެ.

މަސްތުވާ ތަކެއްޗަކީ އެތެރެކުރުމާއި އުފެއްދުމާއި ގެންގުޅުމާއި ބޭނުންކުރުން މަނާއެއް ޗެކެވެ. ބާޒާރުގައި އާއްމުކޮށް ވިއްކާކަށްވެސް ނުހުރެއެވެ. އެހެން ނަމަވެސް މަސްތުވާތަކެތި ލިބުމަކަށް ބޭނުން ކުރުމަކަށް ހުރަހެއް ނެތެވެ. އެކި ގޮތް ގޮތަށް ސްމަގުލްކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ފަތުއަޑުކިޔާފާ އެބަކުރެއެވެ. ހުޅުހުޅުން ދޫވެ ވާނުވާ ނޭނގުމުގައި އެތައް ހާސް ބަޔަކު އެބައުޅެއެވެ. އެކަން ހުއްޓުވަން ސަރުކާރަށް ކުރެވޭ ކަމެއް ނުއޮވެއެވެ. ގާނޫނާއި ގަވައިދާ ހިލާފަށް ޑްރަގް އެތެރެކޮށް ވިއްކާ ބޭނުން ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ގާނޫނީ ބޮޑުކުށެކެވެ. އެހެން ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރުމަކީ ކުށަކަށްނުވެ ބައްޔަކަށް ވަނީ ބަދަލު ކޮށްފައެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަކީ ބަލި މީހުންކަމަށް ވަނީ ގަބޫލު ކުރުވާފައެވެ.   

ޑްރަގްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ ގައުމެއްގައި އާއްމު ސިއްހަތުގެ ނަން ބޯޑުއަޅުވައިގެން ވޭޕް މަނާކޮށް ސިނގިރެޓަކުން -/8ރ ސަރުކާރަށް ނަގަން ހަމަ ޖެއްސުމަކީ ދައުލަތަށް ފައިސާ ހޯދަން ޖެހި މަޅިއެކެވެ. އާއްމު ސިއްހަތަށް ހެވެއް އެދިގެން ކުރި ކަމެއްނޫނެވެ. ސިނގިރެޓްގެ އަގު ބޮޑުކުރުމުން ކޮންމެވެސް ބަޔަކު ދުންފަތާ ދުރަށް ދާނެއެވެ. އެހެނެއްކަމަކު ސިއްހީ ނަޒަރިއްޔާގައި ދުންފަތާ މީހުން ދުރުކުރަން އުޅޭ މީހުން ހީކުރާވަރުގެ ނަތީޖާއެއް ނުފެންނާނެއެވެ. މަނާކޮށްގެން ލިބުން ދަތިކޮށްގެން ކަމެއް ހުއްޓުވޭނަމަ ޑްރަގް ހުއްޓުވޭނެއެވެ. 

ސަރުކާރުގެ ހަރަދުތައް ބޮޑުވެ ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން ފައިސާ ހޯދަން ސިނގިރެޓާއި ދުންފަތުގެ ބާވަތްތަކުގެ ޓެކްސް ބޮޑުކުރި ކުރުމަކީ ހެޔޮ ނިޔަތެއްގައި ކުރިކަމެއް ނޫނެވެ. -/2ރ. އަށް ވިއްކި ސިނގިރޭޓް -/6ރ. އަށް ބޮޑުކޮށް -/110ރ އަށް ސިނގިރެޓް ފޮއްޓެއް ބޮޑު ވުމަކުންވެސް ބޯ މީހުނެއް މަދެއް ނުވެއެވެ. އެތެރެކުރާ ސިނގިރެޓް މަދެއް ނުވެއެވެ. ސަރުކާރަށް ލިބޭ ޢާމްދަނީ އިތުރުވުން ނޫންކަމެއް އެކަމަކުން ހަގީގަތުގައި ނުވެއެވެ. ކަސްޓަމްގެ ހިސާބުތަކުން އެހަގީގަތް އެހުރީ ފެންނާށެވެ.

ސަރުކާރުން ނަގާ ޓެކްހާއި ހެދި ކުރިންވެސް އެހާ އަގުބޮޑުކޮށް ގަނެގެން ބޭނުން ކުރަމުން އައި ސިނގިރެޓްގެ އަނެއްްކާވެސް ދެގުނަ ކޮށްލުމަކީ އަލިފާނާ ކުޅުން ފަދަ ކަމެކެވެ. އެތައް ހާސް ބަޔަކު ދެވި ހިފާފައިވާ ކަމަކަށްވާތީ އާއްމު ސިއްހަތުގެ ނަންބޯޑު އަޅުވައިގެން ސިނގިރެޓާއި ދުންފަތުގެ ބާވަތްތަކުގެ ޓެކްސް އިންތިހާ ދަރަޖައަށް ބޮޑުކޮށްލުމަކީ އެތައް ހާސް ނުރައްކަލަކަށް ގައުމު ވައްޓާލުމެވެ. މަދު މީހަކު ދުންފަތާ ދުރަށް ދިޔަނަމަވެސް ރާއްޖެއަށް އެތެރެކުރެވޭ ސިނގިރެޓެއް ބޭނުންކުރާ މީހުނެއް މަދެއް ނުވާނެއެވެ.

އަނބި ދަރިން ނުކައިނުބޮއި ތިއްބަސް ގަންނަން ލިބެންޏާ ސިނގިރޭޓް ގަނެގެން ބޯނެ މީހުން މަދެއް ނުވާނެއެވެ. ލިބޭ ކުޑަ އާމްދަނީ އެންމެ ފުރަތަމަ ހަރަދު ކުރާނެ ކަމަކަށް ވާނީ ސިނގިރެޓް ގަތުމަށެވެ. ދަރައިގެންނާއި ދަމާ ވީދައިގެންވެސް ބޯމީހުން ސިނގިރެޓް ބޯނެއެވެ. ސިނގިރެޓްގެ އަގު އިންތިހާއަށް ބޮޑުކޮށްލުމުން މަރާމާރީއާއި ވައްކަން ކުރުން ގިނަވާނެއެވެ. ލޫޓުވުމާ ފޭރުން އިތުރުވާނެއެވެ. އެތައް އާއިލާ ތަކަކުން ކާބޯތަކެތި ހުސްވެ ސަލާންޖަހަން ނިކުންނާނެއެވެ. ކަރަންޓް ބިލާ ފެންބިލު ނުދެއްކޭ އާއިލާތައް އެތައް ގުނައަކަށް އިތުރުވެގެން ދާނެއެވެ. ސްމަގުލް ކުރެވޭ އެއްޗަކަށް ސިނގިރެޓް ނުވެއެއް ނުދާނެއެވެ.

ނަތީޖާއެއްގެ ގޮތުން އަމަން ބެލެހެއްޓުމަށް އިތުރު ވަސީލަތާ މީހުން ބޭނުންވެ ދައުލަތުން އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެއެވެ. ކަރަންޓާއި ފެނަށް ފައިސާ ދެއްކުން މަދުވެ އެ ހިދުމަތްތައް ދިނުމަށް ބުރޫއަރާ ހިސާބަށް ދާނެއެވެ. ޖުމްލަކޮށް ސިނގިރެޓްގެ އަގު ބޮޑުކޮށްގެން ލިބޭ ލާރިކޮޅަށްވުރެ މުޅި ދައުލަތަށް އެކަމުން އުފުލަންޖެހޭނެ ތަކުލީފާއި ގެއްލުން ބޮޑުވާނެއެވެ. ވެރިންނާއި ކަސްޓަމް އޮފިސަރުންނަށް މިލިޔަނުން ބައިއަޅައިގެން ޓިސޫޕެކެޓާއި ނެޕީ ފަދަ ނަންނަމުގައި ސިނގިރެޓް ކޮންޓޭނަރުތައް ސުމަގްލްކޮށްގެން ބަޔަކު މަހުޖަނުންނަށް ވާނެއެވެ. އާހިރުގައި ފުރިބާރުވާނީ މުއިއްޒުގެ ޖީބެވެ.