ރާއްޖޭގެ އިސްލާހީ ދަތުރާއި ކުރިމަގު ބިނާކުރުން

ދިރާސާ ރިޕޯޓް: ދިވެހިރާއްޖޭގެ އިސްލާހީ ދަތުރާއި ދެމެހެއްޓެނިވި ކުރިމަގު ބިނާކުރުން

ރާއްޖޭގެ އިސްލާހީ ދަތުރާއި ކުރިމަގު ބިނާކުރުން

ތައާރަފު

ދިވެހިރާއްޖެއަކީ ފަހަކަށް އައިސް ސިޔާސީ، އިޖުތިމާޢީ އަދި އިގުތިސޯދީ ގޮތުން ބޮޑެތި ބަދަލުތަކަކާއި ގޮންޖެހުންތަކެއް ތަޖުރިބާކުރަމުންދާ ގައުމެކެވެ. މި ބަދަލުތަކުގެ ތެރެއިން ގައުމު އިސްލާހުކޮށް، ރައްޔިތުން އެދޭފަދަ ފާގަތި މުސްތަގުބަލެއް ހޯދުމަށްޓަކައި ހަރުދަނާ ނިޒާމީ ބަދަލުތަކެއް ބޭނުންވެއެވެ. މި ރިޕޯޓަކީ ގައުމުގެ މުއައްސަސާތައް ވަރުގަދަކުރުމާއި، އިގުތިސޯދު ހަރުދަނާކުރުމާއި، އަދި އިޖުތިމާއީ އަދި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އެކުލަވައިލެވިފައިވާ ދިރާސާއެކެވެ.

1. ދިމިގުރާތީ މުއައްސަސާތައް ވަރުގަދަކުރުން

ގައުމެއްގެ ބިންގަލަކީ އެ ޤައުމެއްގެ އަދުލު އިންސާފުގެ ނިޒާމެވެ. މި ދާއިރާ އިސްލާހުކުރުމަށްޓަކައި ފަނޑިޔާރުގެތަކަށް ސިޔާސީ ނުފޫޒު ފޯރުވުން މުޅިން ހުއްޓުވަންޖެހެއެވެ. ފަނޑިޔާރުން އައްޔަނުކުރުމުގެ މަރުހަލާގައި، އެ މީހެއްގެ ތައުލީމީ ގާބިލުކަމާއި އަހުލާގީ ނަޒާހަތްތެރިކަމަށް އިސްކަންދޭނެ ހަރުދަނާ އުސޫލެއް އޮތުން މަޖުބޫރެވެ. ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހަކީ ވަކިވަކި މެންބަރުންގެ ނުވަތަ ޕާޓީތަކުގެ މަސްލަހަތަށްވުރެ، ގައުމީ މަސްލަހަތު އިސްކުރާ ތަނަކަށް ހަދަންޖެހެއެވެ. މަޖިލީހުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ހިންގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބާރުވެރިކަން އިތުރުކުރުމަކީ ޑިމޮކްރަސީގެ މައިބަދަ ވަރުގަދަވާނެ ކަމެކެވެ.

2. އިގުތިސޯދީ އިސްލާހާއި ސިންދަފާތުކުރުން

ދިވެހިރާއްޖޭގެ އިގުތިސޯދު ހަމައެކަނި ފަތުރުވެރިކަމަށް ބިނާވެފައި އޮތުމުގެ ބަދަލުގައި، އިގުތިސޯދު ސިންދަފާތުކުރުން (diversify) މުހިންމެވެ. އަމިއްލަ ވިޔަފާރިތަކަށް ހުރި އިދާރީ ހުރަސްތައް ނައްތާލައި، އައު އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ބިނާ ކުރަންޖެހެއެވެ.ހާއްސަކޮށް އިޔާދަކުރަނިވި ހަކަތައާއި މަސްވެރިކަމުގެ ސިނާއަތް ޒަމާނީކުރުމަށް އިންވެސްޓްކުރުން މުހިންމެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ދައުލަތުގެ ބަޖެޓުން ބޭކާރު ހަރަދުތަކާއި ސިޔާސީ މަގާމުތައް މަދުކުރުމަކީ ދެމެހެއްޓެނިވި މާލީ ސިޔާސަތެއްގެ ފެށުމެވެ.

3. ލާމަރުކަޒީ ނިޒާމާއި ރައްޔިތުންގެ ބައިވެރިވުން

ލާމަރުކަޒީ ނިޒާމުގެ އަސްލު މަގުސަދަކީ ރަށު ފެންވަރުގައި ރައްޔިތުން ބާރުވެރިކުރުވުމެވެ. ކައުންސިލްތަކަށް މާލީ އަދި އިދާރީ މިނިވަންކަން ފުރިހަމައަށް ދީ، ރަށުގެ ތަރައްގީގެ މަޝްރޫއުތައް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސަރުކާރުގެ ނިންމުންތަކުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުވުމުން، ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާނީ ރައްޔިތުންގެ ހަގީގީ ބޭނުންތަކާ އެއްގޮތަށެވެ.

4. މަދަނީ ހޭލުންތެރިކަމާއި ތައުލީމު

ގައުމެއްގެ އިސްލާހީ ބަދަލުގެ އެންމެ ބޮޑު ބާރަކީ ހޭލުންތެރި ރައްޔިތެކެވެ. ރައްޔިތުންގެ ހައްގުތަކާއި ޒިންމާތަކަށް އަހުލުވެރިކުރުވުމަށް މަދަނީ ތައުލީމުގެ ޕްރޮގްރާމްތައް ހިންގަންޖެހެއެވެ. ވަގުތީ މަންފާއަކަށްވުރެ ގައުމީ މަސްލަހަތު އިސްކޮށް، އެނގިތިބެ ވޯޓުލުމުގެ ސަގާފަތެއް އާލާކުރަންޖެހެއެވެ. އަދި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުރައްވާ މަސައްކަތްތަކުގެ ރިޕޯޓުތައް އާންމުކޮށް، ރައްޔިތުންނަށް ޖަވާބުދާރީވާނެ ނިޒާމެއް އޮތުމަކީ ނަޒާހަތްތެރިކަން އިތުރުވާނެ ކަމެކެވެ.

5. އުމުރާނީ ތަރައްގީއާއި ޓެކްނޮލޮޖީ

ތަރައްގީގެ މަޝްރޫއުތައް ބައްޓަންކުރަންވާނީ ދެމެހެއްޓެނިވި ގޮތެއްގައެވެ. ދަތުރުފަތުރުގެ ނިޒާމާއި، ސިއްހީ އަދި ތައުލީމީ ވަސީލަތްތައް ތަރައްގީކުރުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން، ޑިޖިޓަލް އިގުތިސޯދެއް ބިނާކުރުމަށްޓަކައި ޓެކްނޮލޮޖީގެ ފުރުސަތުތައް މުޅި ރާއްޖެއަށް ފުޅާކުރަންޖެހެއެވެ. މިއީ ޒުވާނުންނަށް އައު ވަޒީފާގެ ފުރުސަތުތައް ހުޅުވި، ދުނިޔޭގެ ބާޒާރުގައި ރާއްޖެއަށް ވާދަކުރެވޭނެ މަގެކެވެ.

6. ތިމާވެށި ހިމާޔަތްކުރުން

ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއް ގައުމަށް ވުމާއެކު، ތިމާވެށި ރައްކާތެރިކުރުމަކީ އިހުތިޔާރީ ކަމެއް ނޫނެވެ. ދެމެހެއްޓެނިވި މަސްވެރިކަމާއި، ކުނި މެނޭޖުކުރުމުގެ ހަރުދަނާ ނިޒާމުތަކާއި، އަދި ތެލަށް ބަރޯސާވުން ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމަކީ ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ނިންމުން

މި ދިރާސާއިން ހާމަވާ ގޮތުގައި، ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، އިގިތިސޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. ގައުމު އިސްލާހުކުރުމަކީ ހަމައެކަނި ވެރިންގެ ޒިންމާއެއް ނޫނެވެ. އެއީ ރައްޔިތުންގެ ބައިވެރިވުމާއި، އެއްގަލަކަށް އެރުމާއި، އަދި އިހުލާސްތެރި މަސައްކަތުން ހާސިލުކުރެވޭނެ އުުޖާލާ މަންޒިލެކެވެ. މި ދެންނެވި ބަދަލުތައް ގެނެވިއްޖެނަމަ، ދިވެހިރާއްޖެއަކީ ހަމަހަމަކަމާއި އިންސާފު ގާއިމުވެފައިވާ، ކުރިއަރާފައިވާ ގައުމަކަށް ވާނެކަން ކަށަވަރެވެ.