ސަރުވަޝް ދެއްކި ސާބިތުކަން ކޮންމެ މުއައްސަސާއަކުން ފެންނަންޖެހޭ: ޝާހިދު

ސަރުވަޝް ދެއްކި ސާބިތުކަން ކޮންމެ މުއައްސަސާއަކުން ފެންނަންޖެހޭ: ޝާހިދު
ފައިލް ފޮޓޯ

ޕެންޝަން ބޯޑުން އަހުމަދު ސަރުވަޝް އާދަމް އުސޫލު ހިފެހެއްޓެވުމުގެ ގޮތުން މަގާމުން އިސްތިއުފާ ދެއްވުމުން އެމްޑީޕީގެ ރައީސް ޢަބްދުއްލާ ޝާހިދު ތައުރީފް ކުރައްވައިފިއެވެ. އޮނަރަބަލް ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަހުމަދު ސަރުވަޝް އާދަމްގެ އިސްތިއުފާއަކީ އާންމުންގެ އިތުބާރާއި އަމާނާތްތެރިކަމަށް އުނިކަން ލިބޭފަދަ ޢަމަލުތަކަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށެވެ.

ތެދުވެރިކަމާއެކު އާންމު ހިދުމަތުުމަތުގައި މިފަދައިން މަސައްކަތްކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އުސޫލު ހިފެހެއްޓެވުމުގެ ގޮތުންނާއި އިތުބާރާއި އަމާނާތްތެރިކަމަށް އުނިކަން ލިބިދޭނެ ހާލަތްތަކުގައި މަގާމުން އިސްތިއުފާ ދިނުމަކީ ވަރަށް ބޮޑަށް އަށަގަންނަން ޖެހިފައިވާކަމެއް ކަމަށް ޝާހިދު ވިދާޅުވެއެވެ.

އަހުމަދު ސަރުވަޝް އާދަމް ގެ މި ސާބިތުކަމަކީ ގައުމީ މުއައްސަސާތައް ހިންގުމުގައި ހަމަ ހިފެހެއްޓުމާއި ޖަވާބުދާރީވުމުގެ ސާބިތުކަން ކޮންމެ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ދައްކާދީން ކަމެއްކަމަށް ޝާހިދު ދެކިވަޑައި ގަނެއެވެ. ހުރިހާ މުސްތަޤިއްލު މުއައްސަސާތަކެއްގައި، އާންމު ހިދުމަތުގެ ޒިންމާ ހަވާލުކުރެވިފައިވާ ކޮންމެ މީހަކުވެސް މިފަދައިން އަމަލުކުރުމުގެ ހިތްވަރު ހޯދަންވާނެ ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ. 

އެމް.އެމް.އޭ އިން ފައިނޭންސް ކުރުވައިގެން ސަރުކާރުން ބޮންޑު ގަތުމަށް ޕެންޝަން ބޯޑުން ނިންމާ ނިންމުމާއި ގުޅިގެން ޕެންޝަން ބޯޑްގެ މެންބަރެއް ކަމުގައިވާ އަހުމަދު ސަރުވަޝް އާދަމް މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިޢުފާ ދެއްވުމަށްފަހު އޭނާ ވިދާޅުވީ އެމް.އެމް.އޭ އިން ފައިނޭންސް ކުރުވައިގެން ސަރުކާރުން ބޮންޑު ގަތުމުގައި ގާނޫނީ ގޮތުންނާއި އަމާނާތްތެރިކަމުގެ ގޮތުންނާއި އިގުތިސާދީ ގޮތުން ސީރިޔަސް ކަންބޮޑުވުން ތަކެއް އުފެދޭ ކަމަށެވެ. އެހެން ކަމުން ރައްކާތެރިކަމާއި، ތެދުވެރިކަމާއި، މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަށްޓަކައި މަގާމުން ދުރަށް ޖެހިލުމަށް ނިންމެވީ ކަމަށް ސަރުވަޝް ވިދާޅުވެއެވެ.