ދައުލަތާ ދެކޮޅަށް ސިޔާސީމީހަކަށް ވަކާލާތު ނުކުރެވެންވީ ކީއްވެ!
މަސްލަތުއޮތް ފަރާތަކާ ދެކޮޅަށްދޭ ހެކިގަބޫލުކުރޭ- ވަކާލާތު ނުކުރެވޭ
މަސްލަހަތު އޮތްފަރާތަކާ ދެކޮޅަށް ހެކިބަސް ދިނުމާ ވަކާލާތު ކުރުމަކީ ގޯހަކަށް ވީތީ ހައިރާން ވެއްޖެއެވެ. ކުރިން ދަންނަ ގޮތުގައި ގަބޫލު ނުކުރެވޭނީ މަސްލަހަތު އޮތްފަރާތަކާ އެއްކޮޅަށް ދައްކާ ވާހަކައަކާ ހެކިބަހެވެ.
ސިޔާސީ ވެރިއަކު ސަރުކާރާ ދެކޮޅަށް ވަކަލާތު ކުރުމާއި ހެކިބަސްދިނުން ގޯސްވާ ސަބަބެއް ވިސްނާވިސްނާ ވެސް ބޮލަކަށް ނުވަނެވެ. ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ފަސާދައިގެ ކަމެއްގައި ދައުލަތުގެ މުއައްޒަފަކު ދައުލަތާ ދެކޮޅަށްދޭ ހެއްކެއްވެސް އެހެންވީމާ ގަބޫލު ކުރެވިގެން ނުވާނެތާއެވެ. ދައުލަތުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާ ފަސާދަ ސިއްރުކުރަން ޝަރީއަތުން އިތުރު ތަޅެއް ލާދިނީ ނޫންބާވައެވެ. ވިސްލްބްލޫ ގާނޫނާއި އެންޓިކޮރަޕްޝަން ގާނޫނު ފަދަ ގާނޫނުތަކުގެ ވާގިނެތުމުގެ ސަބަބަކަށް ސިޔާސީ މީހަކު ސަރުކާރާ ދެކޮޅަށް ވަކާލާތު ކުރުން ހުއްޓުވުން ނުވާނެބާވައެވެ.
މައްސަލައެއްގައި ދައުލަތުން ދައުވާ ކުރުމަކީ ދިފާއުގައި ދައުލަތާ ދެކޮޅަށް ދައުލަތުގެ މަގާމެއްގައިހުރި މީހަކު ވަކާލާތު ކުރުމުގެ ހައްގުން މަހުރޫމް ކުރެވޭނެ ކަމެއްނޫނެވެ. ތުހުމަތު ކުރެވޭ ފަރާތުން ދިފާއުވުމަށް ހޯދާ ދިފާއީ ވަކީލަކީ ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ މީހެއްނަމަ އެ ވަކީލަކު ޕްރޮފެޝަނަލީ ދިފާއީ ގޮތުން މީހަކަށް މަސައްކަތްކޮށް ކޮށްދިނުން މަނާ ކުރެވިގެން ނުވާނެއެވެ. ދިފާއީ ވަކީލުންގެ ހައްގަކީ ކޮންމެ މީހަކަށްމެ އަސާސީ ހައްގެކެވެ.
ފަނޑިޔާރުންގެ ކުރިމަތީގައި ދައުލަތާއި ދައުވާ ލިބޭ މީހާގެ ތަފާތެއް ނުއޮންނާނެއެވެ. ވަކީލުން ބަލައިގަތުމަށް އޮންނަ ހަމައިން ބަލައިގަނެގެން ކުރިއަށްދާ މައްސަލައެއްގާ ވަކީލު ބަލައިގެން އިރުވެސް އޮތް ހާލަތެއް ހަމައެގޮތަށް އޮއްވާ ޝަރީއަތެއްގެ މެދުތެރޭން ދިފާއީ ވަކީލު ބަލައި ނުގަތުމަކީ އަސާސީ ހައްގަކަށް އަރައިގަތުމަކަށް ނުވާނެ ހެއްޔެވެ.
ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާތީ ސިޔާސީ މީހަކަށް ފިޔަވަޅު އަޅާނީ ސިޔާސީ މަގާމު ދިން ފަރާތުންނެވެ. ކޯޓަކުން ނޫނެވެ. ރައިސުލްޖުމްހޫރިއްޔާ ބޭނުންނަމަ ދައުލަތާ ދެކޮޅަށް ވަކަލާތުކުރާ ސިޔާސީ މީހާ ސިޔާސީ މަގާމުން ދުރުކުރެވިދާނެއެވެ. ސިޔާސީ މީހަކަށްވީތީ ދިފާއީ ވަކީލަކަށް ނުވެވޭ ގޮތަށް އުސޫލެއް ހަމަޖެހިގެން ދިޔުމަކީ އަދުލުވެރިކަމާ ދެކޮޅު ކަމެކެވެ. އިސްލާމީ ޝަރީއަތުގައި ދަރިންނާ ދެކޮޅަށް މައިންބަފައިން ދޭހެކި، މައިން ބަފައިނާ ދެކޮޅަށް ދަރިންދޭ ހެކި ބަލައިގަނެވޭއިރު ދައުލަތާ ދެކޮޅަށް ސިޔާސީ މީހަކު ވަކާލާތު ކުރުން މަނާ ކުރުމަކީ ހަމަޖެހޭ ކަމެއްބާވައެވެ.