މުއިއްޒުގެ ދީނީ ވެރިކަން | ސަދޫމު ޝަރީއަތުގައި ވެސް ދެހަސްމުން ތިބޭ

އެއް ޖިންސުން ކައިވެނި ކޮށްދިނުންވެސް މުއިއްޒަށް އޯކޭވީތަ

މުއިއްޒުގެ ދީނީ ވެރިކަން | ސަދޫމު ޝަރީއަތުގައި ވެސް ދެހަސްމުން ތިބޭ

މުއިއްޒުގެ ނިއްކުރީގައި ހުންނަ ކުރަގަނޑަކީ ސަރުކާރަކީ ދީނީ ސަރުކާރެއް ގޮތުގައި ބަލައިގަނެގެން ލާދީނީއޭ ނުކީމާ ނިމުނީއެވެ. ކުރިން ވެސް ހިނގި ލާދީނީ ހުރިހާކަމެއް ހަމަ އެގޮތަށް ނުވަތަ އެއަށްވުރެ މާބޮޑަށް މިހާރުވެސް ރާއްޖޭގައި އެބަ ހިނގައެވެ. ހިންގައެވެ. 

ރޭވި ތަރުތީބުވެގެން ފުޅާދާއިރާއެއްގައި ސަރުކާރުގައި ހިންގާ ހިޔާނާތާއި ވައްކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ރިޝްވަތާއި ނުފޫޒު ފޯރުވައިގެން ކުރުވާ ޝަރުއީ ހުކުމްތަކުގެ ވާހަކަ ވެސް ދައްކާނެ ކަމެއް ނެތްތާއެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ހިތުހުރި ގޮތަކަށް ގާނޫނު އަސާސީއާއި ގާނޫނުތައް ބަދަލުކޮށްލާ ކޮށްލުމުގެ ވާހަކައަކީ އައުވާހަކައެއް ނޫންތާއެވެ. 

ގާނޫނު ހިނގަނީ އާއްމު ރައްޔިތުންނާއި ވާދަވެރިންގެ މައްޗަށެވެ. ރައީސާއި ރައީސްގެ މަސްލަހަތު އޮތް އެއްވެސް މީހަކަށް ތަނަކަށް އެއްޗަކަށް ގާނޫނެއް ނުހިނގައެވެ. ރައީސް މެންބަރުންނަށް ދޭ ރިޝްވަތަކީ ކޮރަޕްޝަނަކަށް ނުވެއެވެ. 

ޅަނދޮޅު ޅަނބާޅަ އެކަނިވެރި މަޔަކާ ހިތާވެގެން ނުއެކަށޭނަ ސިޔާސީ މަގާމް ދީގެން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރަމުން ދަންވަރަށް ގުޅަމުން މުސާރައިގެ އިތުރަށް މަހުން މަހަށް ބޮޑެތި އަދަދުތަކުން ފައިސާދެމުން ރިޔާސީ ދަރުބާރުގެ ސޯފާއަށް ތިރިކުރިޔަސް އެއްޔަކީ ކުށެއް ނޫނެވެ. އަދަބު ލިބުނީ ދަންވަރަށް ގުޅަނީ ކިއްވެހޭ އަހާ ނޫސްވެރިޔާއަށެވެ. ތަހުގީގައި ޝަރީއަތް ކުރަނީ މައްސަލަ ރައްދުވާ ދެފަރާތުންކުރެ އެއްފަރާތް ހާޒިރު ނުކުރާތާއި ހޭވެސް އަހާލުމެއް އެފަރާތުގެ ބަހެއް ނެތިއެވެ. ސަދޫމުގައިވެސް ކުރާ ޝަރީއަތުގައި ދެހަސްމުން ތިބެއެވެ. 

އިސްލާމީ ޝަރީއަތުގެ ނަމުގައި ހިންގާ ޝަރީއަތުން ރިބާ ނަގާދޭ ދައުލަތެކެވެ. ޝަރީއަތުން ކުރާ ހުކުމަށް އިންޓްރަސްޓް އަރާގޮތަށް ދަރިމައިވާ ހުކުންކުރާ ޝަރުއީ ނިޒާމެއް އޮތް އިސްލާމީ ދައުލަތެއް ރާއްޖެ ނޫނީ ދުނިޔޭގެ ތާރީހު ނުދެކެއެވެ.

ބޯކޮށް ޑޮލަރު ލިބޭތީ އެއްޖިންސުން ކައިވެނި ކޮށްދީ ހެދިޔަސް އެކަން ހުއްޓުވާނެ ވެރިއަކު ނެތެވެ. ގާނޫނެއް ޕޮލިހެއް ނެތެވެ. ވާނީވެސް އެހެން ތާއެވެ. އެލްޖީބީޓީކިޔު އަސާސީ ހައްގެއްގެ ގޮތުގައި ބަލައިގަނެ ކުރިއަރުވާ ސަމޯއާ އެގްރިމަންޓްގައި މުއިއްޒުގެ ދީނީ ސަރުކާރުން ސޮއިކޮށް ސަމޯއާ އެގްރިމަންތްވަނީ އިސްލާން ކޮށްފައެވެ. 

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ އިރު އެކަން ހުއްޓުވޭ ސަރުކާރެއް ނެތެވެ. އެކަމުން އެކަނިވެސް ނޫނު އަތޮޅުގައި ހިންގަން ފަށާފައިވާ ރެސިޑެންސީ ޓައުންޝިޕް ޕްރޮގްރާމާއި ރަސްމާލެ އަލައްބާރު ސިޓީ ރެސިޑެންސް ޕްރޮގްރާމް ލާފުރާ ފުރިހަމަވުމުން އެތަންތަނުގައި ރާއްޖޭގެ ގާނޫނު ނުހިނގާނެކަން ޔަގީން ވެއެވެ.