ގައިރުގާނޫނީ ވަޒީރަށް ފްލެޓް ލިސްޓް ބާތިލެއް ނުކުރެވޭނެ
ފްލެޓް ނުލިބޭނެ ކަމަށް ކަނޑައެޅޭނީ ހަމައެކަނި ޝަރީއަތުން
މާލޭގައިދިރިއުޅޭ މީހުނަށް ހާއްސަކޮށްގެން ރައީސް ސޯލިހުގެ ވެރިކަމުގައި ތައާރަފްކުރި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމަށް އެތައްހާސް ބަޔަކު ކުރިމަތިލިއެވެ. ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ގޯއްޗާއި ފްލެޓް ހޯދުމަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަނޑައަޅާ ވަގުތީ ލިސްޓެއް އިއުލާނު ކުރިއެވެ. އިއުލާނުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ ހުށަހެޅި ޝަކުވާތައް ބަލައިގަނެ ލިސްޓް މުރާޖިއާ ކުރިއެވެ. ހުށަހެޅި ޝަކުވާތަކަށް ރިއާޔަތްކޮށް ބެލުމަށްފަހު ދާއިމީ ލިސްޓް އިއުލާނުކުރިއެވެ.
މާލެ ސަރަހައްދުން ފްލެޓް ލިބުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން ފުރަތަ ނިމޭ 4000 ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ވަނީ ސަރުކާރުން ގެޒެޓްކޮށް އާއްމު ކޮށްފައި އޮތް ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ފްލެޓްތައް ވަނީ ހަވާލު ނުކުރެވިއެވެ. އެހެން ކަމުން އައު ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިސްވެ ދެއްވިޔަގީން ކަމަކީ ރައީސް ސޯލިހު ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ ގެޒެޓްކޮށްފައިވަ ފަރާތް ތަކަށް ގޯއްޗާ ފްލެޓް ދެއްވާނެ ކަމުގެ ޔަގީންކަމެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އިސްވެ ހުންނަވާ އެންޓި ކޮރަޕްޝަން ކަމިޝަން މެދުވެރިކޮށް ފްލެޓް ދިނުން ހުއްޓުވާލީއެވެ. ފްލެޓަށް ޝަރުތު ހަމަކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ބަޔަކުލައްވާ ޝަކުވާ ތަކެއް ހުށަހަޅުވައިގެން ފްލެޓް ދޫކުރުން ހުއްޓުވިއެވެ.
ކުރީ ސަރުކާރުން 4000 ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅާފައި ތިބި %60 މީހުންނަކީ ފްލެޓް ހައްގު ނޫން ބައެއް ކަމަށް އޭސީސީން ތިން މަހެއްހާ ދުވަހު ކުރިގޮތަކަށް ތަހުގީގުކޮށް ވަނީ ކަނޑައަޅާފައެވެ. ކުރީ ސަރުކާރުން ކަނޑައަޅާ ގެޒެޓްކޮށްފައިވާ ދާއިމީ ލިސްޓް އޭސީސީން ތިންމަހެއްހާ ދުވަހު ކުރިގޮތަކަށް ތަހުގީގު ކުރުވުމަށްފަހު ބާތިލުކޮށް ފްލެޓް ދޭނެ މީހުން އަލުން ކަނޑައަޅަން މުއިއްޒު ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
އޭސީސީގެ ތަހުގީގަށް ބިނާކޮށް ޝަރުއީ ހުކުމެއްނެތި އެތައް ހާސް ބައެއްގެ ހައްގު ނިގުޅައިގަތުމުގެ ގާނޫނީ ބާރެއް މުއިއްޒުގެ ގައިރު ގާނޫނީ ހައުސިން މިނިސްޓަރަކަށް ލިބިގެން ނުވެއެވެ. ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ސަރުކާރުން ގެޒެޓް ކޮށްފައިވާ އެއްވެސް ފަރާތަކުން މިހާރު އެހައްގު ނިގުޅައި ގަނެވޭނީ އެންމެ ގޮތަކުންނެވެ. ފްލެޓް ލިބޭނެކަމަށް ދާއިމީ ލިސްޓްގައިވާ 4000 މީހުންކުރެ އެކެއްގެވެސް ފްލެޓްނުދީ ހިފެހެއްޓޭނީ ކޮންމެ މީހެއްގެ މައްސަލަ ވަކިވަކިން ތަހުގީގްކޮށް ހައްގުނޫންކަން ޝަރީއަތަށް ސާބިތު ކޮށްދީގެން ކުރާ ޝަރުއީ ހުކުމަކުންނެވެ. އެއް ވެރިކަމަކުން އަނެއް ވެރިކަމެއްގައި ނިންމާފައި ހުންނަ ކަންކަމުގެ ތެރެއިން ރައްޔިތެއްގެ ހައްގަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކުރެވޭނީ ޝަރުއީ ހުކުމަކުންނެވެ. ގެދޮރުވެރި ސްކީމުން ފްލެޓް ލިބޭނެކަމަށް ނިންމާ ގެޒެޓް ކޮށްފައިވާ އެކަކަށްވެސް ފްލެޓް ނުލިބޭނެ ކަމަށް ކަނޑައެޅޭނީ ހަމައެކަނި ޝަރީއަތުންނެވެ.
ގައިރު ގާނޫނީ ހައުސިންގ މިނިސްޓަރ ހައިދަރު ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މިހާރުކުރާ އެއްވެސް ކަމެއްގައި ގާނޫނީ ސައްހަކަމެއް ނުއޮންނާނެއެވެ. ވަޒީރުކަމަށް ރައީސް އައްޔަނުކުރާ މީހަކު މަޖިލީހުގެ ރުހުން ނުލިބެނީސް މަގާމުގެ ހައިސިއްޔަތުން ކުރާކަމެއްގެ ގާނޫނީ ސައްހަކަން އޮންނާނީ ރައްޔިތުންގެ މަޖިލީހުން އެމީހަކަށް ރުހުން ނުދިނުމާ ހަމައަށެވެ. މަޖިލީހުން ވަޒީރަކަށް ރުހުން ނުލިބޭ ވަގުތުން ފެށިގެން ވަޒީރުކަމަށް ރުހުން ނުލިބޭ މީހަކު ވަޒީރުގެ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކީ ގާނޫނީ ސައްހަކަން އޮތްކަމަކަށް ނުވާނެއެވެ. ޑރ. ހައިދަރު ހައުސިން މިނިސްޓަރުކަމުގައި ހުރުމަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނެތެވެ.
ގާނޫނީ ސައްހަކަން ލިބިގެންނުވާ ބާތިލު ވަޒީރަކަށް ފްލެޓް ލިސްޓް ބާތިލުކޮށް އަލުން ލިސްޓް އެކުލަވާލުމުގެ ބާރެއް ނުއޮންނާނެއެވެ. ބާތިލުކޮށް އަލުން އެކުލަވާލަންވީ ފްލެޓް ލިސްޓެއް ނޫނެވެ. ބާތިލުކޮށް މަގާމުން ފައްސާލަންވީ ވަޒީރު ކަމުގެ ގާނޫނީ ސައްހަކަން ގެއްލިފައިވާ ހައިދަރެވެ.