މުއިއްޒުގެ ފޮއްދޫ ބަނދަރު ދޮގު

ހައުސިން މިނިސްޓަރ ކަމުގައި ހުރިއިރު މުއިއްޒު މަޖިލީހުގައި ދޮގު ހަދާފައިވަނީ ނޫމަޑި މައްސަލައިގައި އެކަންޏެއް ނޫނެވެ. ރައީސް މުއިއްޒަކީ ރައްޔިތުންގެ މަޖިލީހުގައި އެތައް ފަހަރަކު ދޮގުހަދާ ދޮގު މައުލޫމާތު ދީފައިވާ މީހެކެވެ.
މީގެ 11 އަހަރު ކުރިން ނ. އަތޮޅު ފޮއްދޫ ބަނދަރު ހެދުމާ ގުޅޭގޮތުން ވެސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގައި ދޮގު ހަދާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރެއް ކަމުގައިވާ ޔާމީނު ރަޝީދު މަޖިލީހުގެ ތެޅުމުގައި މުއިއްޒާ ކުރި ސުވާލަކަށް ދިން ޖަވާބަކީ ކަނޑައެޅިގެން މުއިއްޒު ހެދި ބޮޑު ދޮގެކެވެ.
އޭރުގެ މެންބަރު ޔާމީނު ރަޝީދު 22 ޖުލައި 2014ގައި އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒާ ސުވާލުކުރީ ނ. ފޮއްދޫ ބަނދަރު ހަދަން ފަށާނެ ތާރީހަކާއި ބެހޭ ގޮތުންނެވެ. ނިތްކުރިއަށް ރުލެއްވެސް އަރުވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހުރިހާ މެންބަރުންގެ ކުރިމަތީގައި މުއިއްޒު އޭރުވެސް ހެދީ ރޯމަރު ދޮގެވެ.
މުއިއްޒު މަޖިލީހުގައި އެ ދުވަހު ބުނީ ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ނ. ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. ފޮއްދޫގައި ބަނދަރު ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އޭރުގެ ސަރުކާރުން ކޮށް ނިންމާފައި ވާކަމަށް އެ ދުވަހު މުއިއްޒު މަޖިލީހުގައި ބުނެ މަޖިލީހަށް ވަނީ ދޮގު މައުލޫމާތު ދީފައެވެ. އެބުނި ދެމަސް 11 އަހަރަށް ވެގެން ދިޔައީއެވެ.
މުއިއްޒު މަޖިލީހުގައި އެބޮޑު ދޮގު ހެދިތާ 11 އަހަރު ފުރުނު ދުވަހު ފޮއްދޫއަށް އަރާ ބަނދަރު ޑްރާމާ މިހާރު މުއިއްޒު ކުޅޭއިރު އެކަަމުގެ ހަގީގަތަކީ ކޮބައިކަން އެނގެން ޖެހެއެވެ. ހަގީގަތުގައި ނ. ފޮއްދޫ ބަނދަރު ހެދުމަކަށް މުއިއްޒު އެއްވެސް ކަމެއް އޭރަކުވެސް މިހާރަކުވެސް ނުކުރެއެވެ.
ނ. ފޮއްދޫ ބަނދަރު ހެނދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)އާ ރައީސް ސޯލިހުގެ ވެރިކަމުގައި އޮތީ ހަވާލު ކޮށްފައެވެ. ސޯލިހު ސަރުކާރުން ހަވާލުކުރި ފޮއްދޫ ބަނދަރު މަޝްރޫއަކީ 53،754،575.40 އަގުހުރި މަޝްރޫއެކެވެ. މަސައްކަތް އެމްޓީސީސީން ހަވާލުވީ 390 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެހެން ނަމަވެސް މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ އެމްޓީސީސީން އެ މަސައްކަތް ކުރިޔަ ނުދީ ހުއްޓުވާފައި ބޭއްވުމަށްފަހު ލޯކަލް ކައިންސިލް އިންތިހާބާ ދިމާކޮށް މި މަހުގެ 9ގައި އަމަލީ މަސައްކަތް ފެށިކަމަށް ހަދަން ހައިމާކެއް ގެންގޮސްގެން ވަނީ ހާވަން ފަށާފައެވެ.
ހައިމާކް ގަނޑެއް އަރުވައިގެން ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީގޮތުން ފަށާދިންކަމަށް ހަދަން ކިތަންމެ ވަރަކަށް މީޑިއާ ސްޓަންޓް ޖެއްސިޔަސް ފޮއްދޫ މީހުނަށް މުއިއްޒު ހެދިހާ ދޮގު ހަނދާނެއް ނުނެތޭނެއެވެ. ޑރ. މުއިއްޒު ހަޔާތެއް އެހުސްކޮށްލަނީ ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުނަށް ދޮގުހެދުމުގައެވެ.