އިދިކޮޅު މީހުން ނުހޮވަނީ ހޮވިގެން ވިކޭތީ!

ވޯޓުދޭން ގިނަ ބަޔަކު ނުނިކުތުމަކީ އެމްޑީޕީގެ ލީޑަރޝިޕް މައްސަލައެއް ނޫން

އިދިކޮޅު މީހުން ނުހޮވަނީ ހޮވިގެން ވިކޭތީ!

2013 ގައި އެމްޑީޕީއަށް ވެރިކަން ގެއްލުނީ އެމްޑީޕީގައި މިހާރު އޮތް ލީޑަރޝިޕް އޮއްވައެއްނޫނެވެ. ރައިސް ނަޝީދާއި އެމަނިކުފާނުގެ އައުވާނުން އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ނަޝީދެވެ. ވާދަކުރެއްވީ 2012ގެ ބަގާވާތުގެ ޖަޒުބާތުގައި ގިނަ ބައެއްގެ ހަމްދަރުދީ ރައީސް ނަޝީދަށް އޮހެނިކޮންނެވެ. އެކަމަކު އިންތިހާބުން އެމްޑީޕީވީ ފޭއްޔެވެ.   

2014 ގެ މަޖިލިސް މެޖޯރިޓީ އެމްޑިޕީއަށް ނުލިބި އޭރު އޮތް ރައީސް ޔާމީނު ސަރުކާރަށް ލިބުނީވެސް އެމްޑީޕީގައި ރައިސް ނަޝީދާއި އެ މަނިކުފާނުގެ އައުވާނުން ލީޑަރޝިޕްގައި ތިއްބައެވެ. އޭރަކު އެމްޑީޕީ ވީ ފޭއްޔެއް ކަމަށް ކިޔައިގެން ނޫޅެއެވެ. އެކަކުވެސް އެމްޑީޕީ ފޭލިވެގެން ކަންބޮޑުވެގެނެއް ނޫޅެއެވެ. އެކަމުގެ ސަބަބުން އިތުރު 5 އަހަރު މަގުމަތިވެ އިންތިހާ ދަރަޖައިގެ އަނިޔާ ލިބުނުކަން ހަނދާނެއް ނެތެވެ.

މިހާރު އެމްޑީޕީ ފޭލިވެގެން އުޅޭ ވާހަކަ މާބާރަކަށް ދައްކަނީ އެމްޑީޕީގެ ލީޑަރޝިޕަށް ދަހިވެތިވެގެން އުޅޭ ރޫޅާލަން ނިކުތް މީހުންގެ އަވާގައި ބަޔަކު ޖެހިގެންނެވެ. ރެޔާދުވާލު އެމީހުން ކުރާކަމަކީ އެމްޑީޕީ މެންބަރުންގެ ހިތުގައި ލީޑަރޝިޕަށް ނަފުރަތު އުފެއްދުމެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ސަރުކާރު ތެރޭގައި ތިބެގެންވެސް ކުރީ އެ މަސައްކަތެވެ. 

އިބޫ ސަރުކާރުގެ ދިފާއުގައި މަސައްކަތްކުރެއްވި ފައްޔާޒާއި ޝާހިދާއި ރޮޒޭނާއާއި މާރިޔާ ދީދީ ފަދަ ބޭފުޅުންގެ މަސްކެއުން ނޫންކަމެއް އެތެރޭގައި ތިބެގެންވެސް ނުކުރެއެވެ. ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީ ރޫޅާލަން އުޅުނު އަނގަވާރުން ކަމަށްވާ ސިންވާރާއި ލޫކަސްމެން މިހާރު ތިބީ ކޮންތާކު ކީއްކުރަންކަން އެބައެނގޭ ނޫން ހެއްޔެވެ. އެހަލަ ބައިގަނޑެއްގެ ސިހުރުގައި އެމްޑީޕީ މެންބަރުން ޖެހިގެން މިހާރުގެ ލީޑަރޝިޕް ދުއްވާލަން އުޅުމަކީ ކުރެވޭނެ އެންމެ މޮޔަކަންތަކެވެ.

އާނއެކެވެ. ވެރިކަމާއި މަޖިލިސް އެމްޑީޕީއަށް ގެއްލިއްޖެއެވެ. އިއްޔެ ބޭއްވި ލާމަރުކަޒީ ބައި އިލެކްޝަންތައްވެސް އެމްޑީޕީއަށް ގެއްލިއްޖެއެވެ. ގެއްލުނު އެއްޗެތީގެ ވާހަކަ ދައްކާއިރު މާލެ ސިޓީ ކައުންސިލްގެ މޭޔަރ އިންތިހާބު ކާމިޔާބުކުރި ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ. ގައިމުވެސް އެއީ ވެރިކަން ނެތި އެންމެފަހުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ. އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައިވެސް 60 ހާހެއްހާ ވޯޓު އެމްޑީޕީއަށް ލިބުނެވެ. މުޅި މަޖިލިސް ސަރުކާރަށް ނެނގިއިރު އެމްޑީޕީ ނޫން އިދިކޮޅު ބަޔަކަށް މަޖިލީހުން އެންމެ ގޮނޑިއެއްވެސް ނުލިބި 12 ގޮނޑި އެމްޑީޕީއަށް ލިބުމަކީވެސް ކުޑަ ކާމިޔާބެއް ނޫނެވެ.

ކައުންސިލް ބައި އިލެކްޝަނުގެ ގޮނޑިއެއް އެމްޑީޕީއަށް ނުލިބުނު ވާހަކަ ދައްކާހެން އެމްޑީޕީގެ މަސައްކަތުން އިންތިހާބުކޮށްފައި ތިބި މާލޭ ކައުންސިލަރުން ކުއްލިއަކަށް ޕީއެންސީއަށް ސޮއި ކުރި ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ. އެއްފަހަރާ މަޖިލީހުން 13 މެންބަރުން ޕިއެންސީއަށް ސޮއިކުރި ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ. އިތުބާރުކޮށް ވޯޓުދީގެން ހޮވީމާ ޕާޓީ ބަދަލުކުރަން މަގާމު ހޯދާ މީހުނަށް ވޯޓުދޭން ރައްޔިތުންގެ ގިނަ ބަޔަކު ނުނިކުތުމަކީ އެމްޑީޕީގެ ލީޑަރޝިޕްގެ މައްސަލައެއް ނޫނެވެ. ޕާޓީ ފިކުރުގައި އިދިކޮޅުގައި އޮންނައިރު ވޯޓުދީގެން ހޮވާ މީހުނަށް ގިނަ ރައްޔިތުން އިތުބާރެއް ނުކުރެއެވެ. އެއްޔަކީ އެމްޑީޕީގެ ލީޑަރޝިޕްގައި ވަކި ބަޔަކު ނެތުމުން ވާކަމެއް ނޫނެވެ.