ސެޕްޓެމްބަރ19: އަނިޔާވެރިކަން ނިންމަން ހިތްވަރުހޯދި ދުވަސް
ސެޕްޓެމްބަރު 2003ގެ ހާދިސާތަކުން އިބުރަތް ހާސިލުކުރަންޖެހޭ: ފައްޔާޒު
މާފުށީ ޖަލުގައި ލާއިންސާނީ އަނިޔާކޮށް ރަހުމް ކުޑަކޮށް އީވާން ނަސީމް މަރާލިތާ 21 އަހަރު ފުރިގެންދާއިރު އެ ހިތާމަވެރި ހާދިސާގެ ހަނދާން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް އާކުރައްވައިފިއެވެ.
މާފުށީ ޖަލުގައި ލާއިންސާނީ އަނިޔާކޮށް ރަހުމް ކުޑަކޮށް އީވާން ނަސީމް މަރާލި އެ ހިތާމަވެރި ހާދިސާގެ ހަނދާން އައުކުރެއްވާ އެކްސްގައި ކުރެއްވި ޕޯސްޓްގައި އޮނަރަބަލް ފައްޔާޒު ވިދާޅުވީ "މިއީ ބިރު ފަހަނައަޅައި ނުކުމެ ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއް ނިންމަން ދިވެހިން ހިތްވަރު ހޯދި ދުވަސް" ކަމަށެވެ.
އެތައް ބަޔެއްގެ ލެޔާއި ދާ އޮހޮރުވައިގެން އަނިޔާގެ ސަގާފަތް ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތަކީ މިއަދު މި ދެކޭ މިނިވަންކަމާއި އަސާސީ ހައްގުތަކުގެ ކަށަވަރުވުމުގެ އަސްލުކަމުގައިވެސް ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޒު ވިދަލުވިއެވެ.
ސެޕްޓެމްބަރު 2003 ގައި ހިނގައިދިޔަ ހާދިސާތަކަކީ އަދުގެ ޒުވާނުން ތާރީހު ދިރާސާކޮށް އިބުރަތް ހާސިލުކުރަން ޖެހޭ ހާދިސާތަކެއް ކަމަށް ވެސް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.