މަ ހީރޯ - ތަ ޒީރޯ
ނަޝީދަށް ނެތް ވެރިކަމެއް ޕާޓީގައި ނުއޮތުމަށް ޕާޓީގެ ރައީސް ބަގާވާތް ކުރުން
2018ގައި އެމްޑީޕީ ވެރިކަމަށް އައުމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ސިޔާސީ ޕާޓީތަކަކާއި އެކު ކޯލިޝަން ހެދިއެވެ. ކޯލިޝަން ޕާޓްނަރުންނަކީ އަދާލަތާއި ޖުމްހޫރިީއާއި ޕީޕީއެމް/އެމްއާރުއެމްއެވެ. އެމްޑީޕީން ކޯލީޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ނަޝީދެވެ. ޖުމްހޫރީން ގާސިމް އިބްރާހީމެވެ. އަދާލަތުން ޝައިޚް އިމްރާނެވެ. ޕީޕީއެމް/އެމްއާރުއެމުން ރައީސް މައުމޫނެވެ. ސިޔާސީ ބޯކިބަލުގެ 40 ޕަސެންޓް އެމްޑީޕީއަށެވެ. އަނެއް 60 ޖުމްހޫރީއާއި އަދާލަތާއި ޕީޕީއެމް/އެމްއާރުއެމަށެވެ. ރައީސްކަން އެމްޑީޕީއަށެވެ. ނައިބު ރައީސްކަން ޖުމްހޫރީއަށެވެ.
ހޭވައްޓާލާފައި ބިޔަ ކޯލީޝަނުން ވެރިކަމަށް ގެނައީ އިބޫފައިސަލްއެވެ. އެއްބަސްވުމާ އެއްގޮތަށް ކެބިނެޓާއިއި ސިޔާސީ މަގާމުތަކާއި ސަރުކާރުގެ ކުންފުނި ތަކުގެ އިސްވެރިން ބެހިގެން ދިޔައެވެ. ޕެޕަރސްޕްރޭ ޖެހުނު އެމްޑީޕީ އެންމެނަށް ވަޒީފާ ނުދެވޭނެ ކަމަށް ވިދާޅުވަމުން އިބޫ ސަރުކާރު ދެމެހެއްޓުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ރައީސް ނަޝީދެވެ.
ރައީސް ސާލިހު ވެރިކަމަށް ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގްރީރުގައި ވެސް އެންމެ ބަރުލައްވާ ވިދާޅުވީ ކޯލިޝަން ދަމަހައްޓަވާނެ ކަމަށެވެ. މިއަދާއި ހަމައަށް ވެސް ރައީސް އެވަޑައިގަތީ އެ ވައުދުފުޅު ދަމަހައްޓަވަމުންނެވެ. އެހެން ނަމަވެސް ރައީސް ނަޝީދަކަށް އެކަމެއް ހަޖަމެއް ނުކުރެއްވުނެވެ.
ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާ ހިސާބުން އަމިއްލަފުޅަށް ސޮއި ކުރެއްވި ކޯލިޝަން އެއްބަސްވުން ރޫޅާ ލައްވައިފިއެވެ. ކޯލިޝަން ދަމަހައްޓަވާތީ ރައީސް ސާލިހަށް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދު ޕްރެޝަރ ކުރައްވަން ފެއްޓެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ލިބުމާއެކު ރައީސް ނަޝީދުގެ ދުނިޔެ ރަންވެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ހުވަފެންފުޅު ދެކިވަޑައިގެން ސަރުކާރު ހިންގުމުގެ ސީދާ ބާރު އަތްޕުޅަށް ނެންގެވުމަށް މަސައްކަތްޕުޅު ފެއްޓެވިއެވެ.
ރައީސުލް ޖުމްހޫރިއްޔާއަކީ ރަމްޒީ ބޭފުޅަކަށް ހައްދަވައި ރައީސް ސާލިހު ބާރުތަކުން އެކަހެރި ކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވިއެވެ. ކޯލީޝަން ޕާޓްނަރުންނަށް ފުރައްސާރަ ކުރެއްވުމާއި ބޮޑެތި އިލްޒާމުތައް އަޅުވާ ކޯލިޝަން ޕާޓްނަރުން ސަރުކާރު ދޫކޮށް އަމިއްލައަށް އެއްފަރާތް ވާވަރަށް އެމްޑީޕީގެ ތެރެއިން ޕްރެޝަރ ކުރިއެވެ. ރައީސް ސާލިހުގެ ދުރު ވިސްނުންފުޅާއި ކެތްތެރިކަމާއި ރެއެކްޓު ނުކުރެއްވުމުގެ ނަތީޖާއަކަށް ވީ ރައީސް ނަޝީދު އަމިއްލަފުޅު ޕާޓީގެ ތެރޭގައި ބާކީވެ އެކަހެރިވުމެވެ. ޕީޖީ ގްރޫޕާއި ގައުމީ މަޖިލީހާއި ސެކްރެޓްރިއޭޓާއި ކޮންގްރަސްގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލި ވަޑައިގަތުމެވެ.
ޕްރައިމަރީ ތަކުން ބަލިވާ މީހުން ގަދަވާ މީހާގެ ފަހަތައް އަރާ ޕާޓީގެ ސްޓޭންޑް ނެގެހެއްޓުމަށް މިސާލު ދައްކަވާ ބާރުއެޅުއްވި ރައީސް ނަޝީދު ޑިމޮކްރެޓިކް ވެލިއުތައް މުގުރާލައްވާ މުޅި ޕާޓީގެ ނިންމުތައް ބޮލާލައި ޖައްސަވާ ޕާޓީއާއި ދެކޮޅަށް އިދިކޮޅަށް ވުރެ އިދިކޮޅުވެ ބަގާވާތް ފެއްޓެވިއެވެ. ރައީސް ނަޝީދަށް ނެތް ވެރިކަމެއް ޕާޓީގައި ވެސް ނުއޮތުމަށް ޕާޓީގެ ރައީސް ފޫގެޅުއްވީއެވެ.
ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހުންނަވަނިކޮށް ވަކިވެގަތުމުގެ ފިކުރެއް އުފައްދަވާ އެމްޑީޕީއާއި ދެކޮޅަށް ވާދަވެރި ޕާޓީތަކާއި އެކު ކޯލީޝަން ހެއްދެވުމަށް މަރުފަލި ޖައްސަވަން ފެއްޓެވީއެވެ. އެމްޑީޕީ ކޯލީޝަނުގައި ޖުމްހޫރީ އޮވެ ނާޖާއިޒު ފައިދާ ނަގާ ހައްގުނޫން ބަދަލު ދައުލަތުން ހޯދާކަމަށް ތުހުމަތު ކުރެއްވިއެވެ. ގާސިމް އިބްރާހީމަށް ނިސްބަތްކުރައްވާ ވިދާޅުނުވާ ކުނިފުޅައެއް ނެތެވެ. އެކަމަކު އެމްޑީޕީ ފޭލިކޮށްލުމަށް ޖުމްހޫރީ ލީޑަރ ގާސިމް އިބްރާހީމްއަށް ވެރިކަން ހޯދައިދޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް އެމްޑީޕީގެ ރައީސް ނަޝީދު ބަގަވާތް ކުރައްވަން ފެއްޓެވީއެވެ.
ނަފާ ނަސީމް ވިދާޅުވާހެން ކަލޭ ކޯލިޝަން ހަދާނަމަ ގާނޫނާ ހިލާފުއެވެ. އެކަމަކު މަ ކޯލިޝަން ހެދީމާ އެއީ ޑެމޮކްރެސީގެ އަސާސެވެ. ގައުމަށް ހެވާ ލާބައެވެ. ކަލޭ ވަކިވެ ދަންޏާ އެއީ ބައިބައިވުމެވެ. މަ ވަކިވެ ދަންޏާ އެއީ އެއްބައިވުމެވެ. މަމީ ހީރޯއެވެ. ކަލޭ ތީ ޒީރޯއެވެ.