ރީކޯ މޫސައަށް: ރިޔާސީ ޓިކެޓަށް ނަޝީދަށް ވެސް ވާދަކުރެއްވޭނެ!

ރީކޯ މޫސައަށް: ރިޔާސީ ޓިކެޓަށް ނަޝީދަށް ވެސް ވާދަކުރެއްވޭނެ!

މޫސާ މަނިކާއެވެ. އެމްޑީޕީއަކީ ފިކުރެއްކަމަށް ހުއްޓާނުލާ ކިޔާ އެކަކަށް ތިބާ ވާނެއެވެ. އެމްޑީޕީއަކީ މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއް ނޫނޭވެސް ކިޔަނީ މޫސާ މަނިކުމެންނެވެ. ރާއްޖޭގައި ޑިމޮކްރަސީއަކީ އެމްޑީޕީން ތައާރަފުކުރި ކަމެކޭވެސް ކިޔަމު ނޫން ހެއްޔެވެ. ފާޑުކިޔުމާއި ދެބަސްވުމުގެ ތެރެއިން އެއްބަސްވެވޭ ބަޔަކީ އެމްޑީޕީ ކަމަށް ކިޔަމު ނޫން ހެއްޔެވެ. އެހެން ވީއިރު ހާސްވެ ކަންބޮޑުވެގެން ތިޔައުޅެނީ ކޮންކަމަކާ ހެއްޔެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އެމްޑީޕީއަށް ވަދެ ނިކުތުމަކަށް އެއްވެސް ހުރަހެއް އެއްއިރަކުވެސް ނޯވޭނޫން ހެއްޔެވެ. ވަދެ ވަދެފައި ކެޑެނީ، ކެނިޑިކެނޑިފައި ވަންނަނީ އެންމެ މީހަކު އެއްފަހަރުހެއްޔެވެ. އެމްޑީޕީ އެއިރަކު ހިންގާ ސިޔާސަތުތައް ކަމުނުގޮސްގެން ކެނޑުމާއި އުޅޭވައްތަރު ކަމުނުގޮސްގެން ކަނޑާލުމާއި އަނެއްކާ އެނބުރި އައުމަކީ އަލަކަށްވާ ކަންކަމެއް ނޫނެވެ. ޕާޓީގެ ތޮބީއަތެވެ.

މޫސާ މަނިކު ޕީޕީއެމުގައި ޔާމީނަށް ދިދަ ފަހާދޭން އިނދެފައި އެބުރި އައިހަނދާން ނެތީހެއްޔެވެ. ކެނޑޭ އެހެން މީހުނަށް އެނބުރި އާދެވޭހެން ރައީސް ނަޝިދަށް އެމްޑީޕީއަށް ނާދެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. އެމްޑީޕީއަކީ މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއް ނޫންކަމުން އެމްޑީޕީގައި އުޅޭ އެންމެންނަކީ ވަކި މީހަކާ ރުހޭ ބަޔަކަށްވުން ލާޒިމެއް ނުވާނެއެވެ. ރޫޅާހެން ރޭވޭނީވެސް އެކަމެއް ވާވަރު މީހުންނަށެވެ. 

ހަމަ ރަނގަޅަށް އެނގޭނެއެވެ. އެމްޑީޕީއަކީ ކޮންމެ މީހަކަށްވެސް ޕާޓީގެ އެންމެ އިސް މަގާމުތަކަށް އައުމުގެ ފުރުސަތު އޮތް ޕާޓީއެކެވެ. ސަޕޯޓަރުން އިތުރުކޮށް ސަޕޯޓް ބޭސް ފުޅާކުރުމަކަށް އެއްވެސް މީހަކަށް އެމްޑީޕީގައި އެއްވެސް އިރަކު ހުރަހެއް ނެތެވެ. ވާދަވެރި ސިޔާސީ މާހައުލެއްގައި އެންމެންނަކު އެކަކަށް ތާއީދެއް ނުކުރާނެއެވެ. އުޅޭނީ ސަޕޯޓަރުން ގިނަ މީހުންނާއި ސަޕޯޓަރުން މަދު މީހުންނެވެ. މޫސާ މަނިކަށް ވުރެ ރައީސް ނަޝީދުގެ ސަޕޯޓަރުން ގިނަވުމަކީ ރައީސް ނަޝީދުގެ މައްސަލައެއް ނޫނެވެ. 

ރައީސް ނަޝީދުގެ ސަޕޯޓް ބޭހަކީ އިއްޔެއަކު މިއަދަކު އޮތް އެއްޗެއް ނޫނެވެ. އެހެން ނޫނަސް އެމްޑީޕީގެ ރައީސް ކަމާއި ޗެއާރޕާސަންކަން އެތައް ދުވަހެއް ވަންދެން ކުރައްވާ އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގެ ރައީސް ކަމާއި ރައްޔިތުންގެ މަޖީލިހުގެ ރައީސް ކަންކުރައްވާފައިވާ ރައީސް ނަޝީދަކީ އެމްޑީޕީގައި ޢާދައިގެ މީހެއްނޫނެވެ. އެމްޑީޕީގެ މުސްތަޝާރުކަމާއި ގައުމީ މަޖީލީހުން ޖާގައެއް ރައީސް ނަޝީދަށް ދިނުމަށް ގިނަ ބަޔަކު ބޭނުންކަމީ ކަށަވަރު ކަމެކެވެ. ގައުމީ މަޖިލީހުގެ ނިންމުމުން އެކަން ވަރަށް ރަނގަޅަށް ސާފުވެއެވެ. 

ގުޅިގެން އެންމެން އެކުގައި މިހާރު ރާއްޖޭގައި އޮތް މުއިއްޒު ސަރުކާރު ބަލިކުރުމަށްޓަކާވެސް ރައީސް ނަޝީދުގެ ބޮޑު ބައިވެރިވުމެއް އޮތް ލީޑަރޝީޕެއް އެމްޑީޕީއަށް މުހިންމެވެ. އެމްޑީޕީގެ އާއްމު ގިނަ މެންބަރުންގެ ވިންދާއެއްގޮތަށް ޕާޓީން ގޮތް ނިންމުމުން މޫސަމެން ބިރު ނަގަނީ ކީއްވެހެއްޔެވެ. 

އަނެއްކޮޅުން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރުމަކީ ކޮންމެ މީހަކަށް އޮތް ހައްގެކެވެ. ޓިކެޓް ދޭނޭ މީހާ ކަނޑައަޅާނީ ހުރިހާ މެންބަރުންނެވެ. ޕާޓީގެ ރިޔާސީ ޓިކެޓޭ ކުރީގެ ރައީސުންނޭ މޫސަމެން ކިޔަން އަދި މާ އަވަހެވެ. އަދާވާތްތެރިވިޔަސް ވާންވާނީ ހިތަށް ކުޅަދާނަ މިންވަރަށެވެ.