ގާސިމެއް ކަމަކު ހުރިހާ މޮޅެއް އަބަދަކު ނޭޅޭނެ!
ކޯލިޝަން ޕާޓްނަރުން ވާދަކުރަން ނިކުތުމުން ރީތި ގޮތަކީ ސަރުކާރުން ވަކިވުން!
ސަރުކާރުގެ ވަޒީފާތަކުގައި ތިބި ޖޭޕީގެ ސިޔާސީ މީހުން އިސްތިއުފާ ދޭން ޖެހުނަސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވާކަށް ނުޖެހެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވިޔަސް އެ ވިދާޅުވިއްޔަކީ ފެން ހިފޭ ޒާތުގެ ވާހަކަފުޅެއް ނޫނެވެ.
ރައީސް ސާލިހު އެހުންނެވީ ގާނޫނު އަސާސީގައި ބުނާ ގޮތަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމުގައެވެ. ގާނޫނު އަސާސީގެ 115 ގެ ދަށުން ސަރުކާރު ހިންގުމަށް މީހުން އައްޔަނު ކުރުމާ ވަކިކުރުމާއި އިސްތިއުފާ ގަބޫލު ކުރުމަކީ ރައީސްގެ ގާނޫނީ ޒިންމާއެވެ. ސަރުކާރު ހިންގުމުގައި ރައީސް އައްޔަނުކޮށްފައި ތިބި ބަޔަކު ވަފާތެރިވެ ތަންފީޒު ކުރަން ޖެހޭނީ ރައީސްގެ ސިޔާސަތެވެ. އެ ސިޔާސަތު ގަބޫލު ނުކޮށް އެހެން ގޮތަކަށް އުޅެން ޖެހޭނީ އިސްތިއުފާ ދީފައެވެ.
ހިނގަމުންދާ ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުތައް ފުރިހަކޮށް ނިންމުމަށްޓަކައި އިތުރު ދައުރަކަށް ރައިސް ހޮވަން ޖެހޭ ގޮތަށް ކަންކަން ތަރުތީބުކޮށްގެން ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަމުން އައީ ނޭނގިއެއްނޫނެވެ. ކޯލިޝަން ޕާޓްނަރުންގެ އެއްބަރުލުމާއި ރުހުން ލިބިގެންނެވެ. ރައީސަށް ދެވަނަ ދައުރެއް ދިނުމަށް ވިސްނުން ނެތް ނަމަ ދުރާލާ އެކަން އެންގުމެއްނެތި ހިންގަމުން އައި ސިޔާސަތާ ދެކޮޅަށް ޕާޓްނަރުން ނިކުތުމަކީ އިހުލާސްތެރި ހެޔޮ ނިޔަތް ނެތްކަމުގެ ހެއްކެކެވެ.
މަގާމަށް އައުމަށް ތާއީދު ހޯދުމައްޓަކާ ކޯލިޝަނެއް ހަދައިގެން އެ ކޯލިޝަން ދެމެހެއްޓުމާއި ނުދެމެހެއްޓުމަކީ ރައީސްގެ އިހުތިޔާރެވެ. ގާނޫނީ ބުރަދަނެއް އޮތްކަމެއް ނޫނެވެ. ވެރިކަމަށް އަންނަން ތާއީދު ހޯދުމަށް ހަދާ ކޯލިޝަން ރޫޅުމަކީ ރައީސް އިސްތިއުފާދޭން ޖެހޭ ކަމަކަށް ނުވަނީ ގާނޫނީ ބުރަދަން ނެތުމުންނެވެ. ކޯލިޝަން ރޫޅުމަކީ ރައީސް އިސްތިއުފަ ދޭންޖެހޭ ކަމެއް ނޫންކަން މީގެކުރިން ވެސް ރާއްޖެ ވަނީ ތަޖުރިބާކޮށްފައެވެ.
ކޯލީޝަނަކުން ސަރުކާރެއް އުފައްދާ ހިންގީ ފަސް އަހަރަށެވެ. އެ ފަސް އަހަރު ފެށުނީ 17 ނޮވެންބަރ 2018 ގައެވެ. ފަސް އަހަރު ނިމެނީ 2023 ނޮވެންބަރ 17 ގައެވެ. އެ މުއްދަތުގައި ކޯލިޝަން ޕާޓްނަރުން ރައީސްއާއި ވާދަ ކުރުމަކީ ބޭއަދަބީ ކަމެކެވެ. އަހުލާގީ ގޮތުން ހުތުރު ސްލޫކެއް ނެތް ކަމެކެވެ. އަނބިމީހާއާއި ބަލާ ބޮޑުކުރި ކުއްޖާއާއި އެނޫން ވެސް ޖުމްހޫރީ އެތައް ބަޔަކު ވަޒީރުންގެ ގޮތުގައާއި ސިޔާސީ މަގާމުގައިއި އޮތް ސަރުކާރުގެ ރައީސާ ވާދަކުރަން ޖުމްހޫރީ ޕާޓީ ނިކުތުމެކޭ ކާންދޭ އަތުގައި ދަތް އެޅުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. ސަރުކާރުން މުސާރަ ނަގައިގެން ސަރުކާރާ އިދިކޮޅަށް މަސައްކަތްކުރަން ސަރުކާރު ތެރޭގައި ތިބުމަކީ ކޮންކަހަލަ ގޮތްކުޑަ މުޑުދާރު ކަމެއް ހެއްޔެވެ.
އާނއެކެވެ. ދައުލަތަކީ ވަކި މީހެއްގެ ތަރިކަ މުދަލެއް ނޫނެވެ. އެހެނެއް ކަމަކު ދައުލަތް ހިންގަން ރައްޔިތުން އޮތީ ވަކި މީހަކާ ވަކި މުއްދަތަކަށް ހަވަލުކޮށްފައެވެ. އެމުއްދަތުގައި ވެރިކަން ހިންގުމުގައި ބައިވެރިކޮށް ސަރުކާރުގައި ބައިތިއްބާނޭ ބަޔަކު އެގޭނީ އެކަމާ ހަވާލުވެ ހުރި ރައީސަށެވެ. ސަރުކާރު ހިންގުމުގައި އިހުލަސްތެރިކަމާއެކު ބައިވެރިވެ އެހީތެރިވެ ދިނުމަށް ސޮއިކޮށްގެން ތިބެ އެމުއްދަތު ހަމަނުވަނީސް ވެރިކަން ހޯދުމަށް ކޯލިޝަންގައި ހުރެ ރައީސާއި ވާދަކުރަން ނިކުތުމަކީ އެއްބަސްވުން ބާތިލުކުރުމެވެ.
އެއްބަސްވުމާ އެއްގޮތަށް އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ނުތިބެ ކޯލިޝަން ޕާޓްނަރުން ވާދަކުރަން ނިކުތުމަކީ އެއްބަސްވުން ރޫޅާލުމެވެ. އެ ހިސާބުން ވާދަކުރާ ޕާޓްނަރުގެ ސްލޮޓްގައި ސަރުކާރުގެ މަގާމުގައި ތިބި ސިޔާސީ މީހުންނަށް އޮތް ރީތި ގޮތަކީ ސަރުކާރުން ވަކިވުމެވެ. ނޫނީ ޕާޓިން ވަކިވުމެވެ. ގާސިމެއް ކަމަކު ހުރިހާ މޮޅެއް އަޅަން އަބަދު ނޫޅޭށެވެ.