މުއިއްޒު ހުއްޓަސްނެތަސް 4000 ފްލެޓް މުއްދަތަށް ނިންމާނެ!

މުއިއްޒު ހުއްޓަސްނެތަސް 4000 ފްލެޓް މުއްދަތަށް ނިންމާނެ!

ރައީސް މުއިއްޒަށް ކުރެޑިޓް ހޯދާދޭން ހަގީގަތް އޮޅުވާލަން އުޅުނުވަރަކަށް ރައީސް މުއިއްޒުގެ އިތުބާރު ގެއްލެނީއެވެ. މަލާމާތް ރައްދުވަނީ ރައީސް މުއިއްޒަށެވެ. ހައްގު ތައުރީފަކީ ދޮގާއި މަކަރާއި ހީލަތުން ހޯދޭނެ އެއްޗެއް ނޫނެވެ. ބަޔަކު ވައިހޯދަން ކިތަންމެ ފޮނެއް އެރުވިޔަސް ހުޅުމާލޭ ފޭސް2ގައި ނިމެމުންދާ 4000 ފްލެޓްގެ ކުރެޑިޓް ރައީސް މުއިއްޒަށް ލިބޭކަށް ނެތެވެ.  

ހުޅުމާލޭ ފޭސް2ގައި ނިމެމުންދާ 4000 ފްލެޓަކީ ރައީސް މުއިއްޒު ކުރައްވާ ކަމަކަށް ހަދަން އުޅުނަސް އެކަމެއް ނުވާނެއެވެ. ރައީސް ސޯލިހު ސަރުކާރުން ނިންމަން އުޅެއުޅެ ނުނިންމުނު 4000 ފްލެޓޭ ކިޔައިގެން ރައީސް މުއިއްޒަށް ކުރެޑިޓް ދޭންއުޅޭ މީހުންނަށް ހަގީގަތުގައި އެކުރެވޭ ކަމަކީ ރައީސް މުއިއްޒު ބަދުނާމު ކުރުމެވެ. ކިތަންމެ ވަރަކަށް ކަމެއް އޮތްގޮތް އޮޅުވާލަން އުޅުނަސް އެކަމަކީ މީހުނަށް ނުއޮޅޭވަރަށް ސާފުކޮށް އޮތްކަމެކެވެ.

ރައީސް ސާލިހު ހިންގަވަން ފެއްޓެވި ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 54 ޓަވަރެއްގެ މަސައްކަތް ރައީސް ސޯލިހު ސަރުކާރުން ފެށީ 2021 ވަނަ އަހަރެވެ. އެ ޓަވަރުތަކުގެ ހުރިހާ މަސައްކަތެއް 2025 ވަނަ އަހަރުގެ ނިޔަލަށް މުޅިން ނިންމާލުމަށް އޮތީ އަމާޒު ހިފާފައެވެ. އަމާޒަށް ވާސިލުވުމުގެ މަސައްކަތް ކުރިއަށް ދަނީ ހައުސިން މިނިސްޓްރީއާއި ފަހި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އާއި އެޗްޑީސީ ގުޅިގެންނެވެ.

ލޯ ހުޅުވައިގެން ރަނގަޅަށް ބައްލަވާށެވެ. ރައީސް ސޯލިހުގެ ބޯހިޔާވަހިކަމުގެ ދަށުން ހުޅުމާލޭގައި 54 ޓަވަރުގައި ޖުމްލަ 6175 ފްލެޓް އެޅުން ހިމެނެއެވެ. މީގެ ތެރެއިން 4000 ފްލެޓް ހާއްސަކޮށްފައި ވަނީ އެ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމަށެވެ. އަނެއް 2175 ފްލެޓް ހާއްސަކޮށްފައިވަނީ ވިޔަފާރި އުސޫލުން ވިއްކުމަށެވެ. ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތައް އިމާރާތްކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެވެ. 

މަސައްކަތް ހަވާލުކޮށްފައިވާ ދެ ކުންފުންޏަކީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީ އެވެ. ދެ ކުންފުނިންކުރެ ކޮންމެ ކުންފުންޏަކުން 2000 ފްލެޓްގެ މަގުން ދެ ކުންފުންޏާ ހަވާލުކޮށްގެން އަޅާދެނީ 4000 ފްލެޓެވެ. ރައީސް މުއިއްޒު ވެރިކަމަށް ހުވާކުރެއްވި އިރުވެސް ޖޭއެމްސީ އާއި އެންބީސީސީން އިމާރާތް ކުރާ ފްލެޓްތަކުގެ 60 ޕަސެންޓާ ކައިރިއަށް 4000 ފްލެޓްގެ މަސައްކަތް ވަނީ ނިންމާފައެވެ. 

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހިންގާ 267 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާއި އެކު ރައީސް ސޯލިހު ސަރުކާރުން 08 މާރޗް 2021 ގައި އެއްބަސްވެ ސޮއިކޮށްގެން ހިންގަމުންދާ މަޝްރޫއެކެވެ. 18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް ހުންނަ ގޮތަށް ތަރުތީބުވެގެން ހިނގަމުންދާ ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް އިމާރާތް ކުރުމުގައި އަވަސް ލަސްކުރުމަށް މުއިއްޒު ސަރުކާރަށް ސިދާ ދައުރެއް ނުއޮންނާނެއެވެ. ނިންމަން އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތް ނިންމާ އެ ދެ ކުންފުނިން ފްލެޓްތައް ސަރުކާރާ ހަވާލު ކުރާނެއެވެ.