ހަށިގަނޑަށް މުރަނގަފަތް ވަރެއްނެތް!

ތެލުލި މުރަނގަފަތުގައި އެއްވެސް ފައިދާއެއްނެތް

ހަށިގަނޑަށް މުރަނގަފަތް ވަރެއްނެތް!

މުރަނގަ ގަހަކީ މުޅި ރާއްޖޭން ވެސް ފެންނާނެ ގަހެކެވެ. ވަރަށް ފަސޭހައިން ހެދޭ ރާއްޖޭގެ ވެއްޓާ އެންމެ ގުޅޭ އެއްގަހަކީ މުރަގައެވެ. ދުނިޔޭގެ ބައެއް ކަންކޮޅު ތަކުގައި، މުރަނގަ ގަހަށް " މިރެކަލް ޓްރީ" ވެސް ކިޔައެވެ. މިރެކަލް ޓްރީ ގެ ނަމުން މުރަނގަ ގަހަށް އެ ތަންތާނގައި ނަން ދެވުނީ މުރަނގަ ގަހުގެ ގިނަ ބާވަތް ތަކުން ލިބޭ ސިއްހީ ފައިދާތައް ގިނަ ކަމުންނެވެ. މުރަނގަ ގަސް އާއްމުކޮށް ފެންނަނީ އޭޝިއާ އާއި އެފްރިކާ އާއި ދެކުނު އެމެރިކާގެ ގައުމުތަކުންނެވެ.

ލިބެނީ ކޮން އެއްޗެއް:

މުރަނގަ ފަތަކީ ކެރެޓާއި އޮރެންޖާއި ކިރަށް ވުރެވެސް އޭގައި ހުންނަ ނިއުޓްރިޝަންގެ މިންވަރު މަތި އެއްޗެކެވެ. މުރަނގަފަތުގައި އެންޓިފަންގަލް އާއި އެންޓިވިރަލް އާއި އެންޓި-ޑިޕްރެސެންޓް ގެ އިތުރަށް ފާރު ހިއްކުމާއި ދުޅަ ތިރި ކޮށްދޭ ކަހަލަ ބާރުތައް އެކުލެވިގެންވެއެވެ. ބައެއް ޒަހަމް ތަކަށް ފަރުވާ ކުރުމުގައި ވެސް ކުރީގެ ބޭސްވެރިން ވަނީ މުރަނގަފަތް ބޭނުން ކޮށްފައެވެ.

މުރަނގަ ފަތުން ވިޓަމިން އޭ ލިބޭއިރު ވިޓަމިން ބީ1 ، 2، 3، 6 ލިބެއެވެ. ޒިންކް އާއި އަޔަން އާއި ކެލްސިއަމްގެ އިތުރުން ޕްރޮޓީން ޢާއި މެގްނީޒިއަމް މަތީ ދަރަޖައަކަށް ލިބެއެވެ. 

ބޭނުންކުރުން:

މުރަނގަފަތާއި މުރަނގަ ތޮޅިއަކީވެސް އެކި ގޮތްގޮތަށް ހަދައިގެން ކެއުމުގައި މީހުން ބޭނުން ކުރެވޭ ފައިދާހުރި ތަކެއްޗެވެ. މިހާރު މުރަނގަފަތު ސަޔަކީވެސް ބަރުދަން ލުއި ކުރުމަށާއި ހަކުރުބަލި ހުންނަ މީހުންގެ ހަކުރު ތިރި ކުރުމަށް ބޭނުން ކުރެއެވެ. 

މުރަނގަފަތު ސައި:

މުރަނގަފަތު ސައި ހެދުމަށް ތާޒާ މުރަނގަފަތް އަވިން ހިއްކާ މުރަނަ ކޮށްލާނީއެވެ. އެއްކޮށް މުރަނަ ވުމުން އަތުން ފުނޑުވާލާށެވެ. އަތުން ފުނޑުވުމުން މާ ބޮޑެތި އެތިކޮޅު ހުންނާތީ ހިތްހަމަ ނުޖޭނަމަ މިކްސަރުން ހިކި ކޮށް މުގުރާލާށެވެ. ސައިފަތުގެ ގޮތުގައި މުގުރާލި މުރަނގަފަތު ފުށް ބޭނުން ކޮށްގެން ސައިގިރައިގެން ބޯނީއެވެ. ހިއްކާފައި ހުރި މުރަނގަ ފަތް އަޅައިގެން ފެންކައްކައިގެން ވެސް މުރަނގަފަތު ސައި ހެދިދާނެއެވެ. 

މުރަނގަފަތް ތެލުލައިގެން ބޭނުން ކުރުމަކުން ސިއްހީ ފައިދާއެއް ނުކުރާނެއެވެ. ސިއްހީ ގޮތުން ފައިދާ ހޯދުމަށް ކެއުމުގައި މުރަނގަފަތް ބޭނުން ކުރަންވާނީ ރޮލަށެވެ.  

މުރަނގަ ފަތުން ކުރާ ސިއްހީ ބައެއް ފައިދާތައް:

  • ޖަރާސީމުން ޖެހޭ ބަލިތަކުން ފަސޭހަވުން: މުރަނގަފަތު ދިޔަ ބޭނުން ކުރުމުން ސަލްމޮނެއްލާ، އީ-ކޮލައި ފަދަ ޖަރާސީމުތަކުން ޖެހޭ ބަލިތަކުން ފަސޭހަކޮށްދެއެވެ.
  • ހަކުރުބަލި ކޮންޓްރޯލު ކުރުން: ލޭގައި ގްލުކޯޒް ހުންނަ މިންވަރު ދައްކޮށްދިނުމުގެ އިތުރުން، ކުޑަކަމުދާ ތަކެތީގައި ހުންނަ ހަކުރާއި ޕްރޮޓީން މަދުކޮށް ދޭނެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ހިމަގޮލޮބިން ހުންނަވަރު ރަނގަޅުވެގެންދާނެއެވެ.
  • ނޭވާލުމަށް ފަސޭހަވުން: ނޭވާހިއްލާ ބަލި ހުންނަ މީހުންނަށް މުރަނގަފަތް ބޭނުން ކުރުމުން ފުއްޕާމޭގެ ސިއްހަތު ރަނގަޅުވެ ނޭވާލާން ފަސޭހަ ވާނެއެވެ.
  • ލޭ މައްޗައްދިޔުން ތިރިކުރުން: ލޭ ހޮޅިތައް ފަލަވެ ބެދުމުން ދުރުކޮށް ދޭނެއެވެ.
  • ބަރުދަން ލުއި ކުރުން: މުރަނގަ ފަތު ސައި ބުއިމުން، ހަށިގަނޑުގައި ސަރުބީ އުފެދުމުގެ ބަދަލުގައި ހަކަތަ އުފައްދައިދޭނެއެވެ.
  • ކްލޮސްޓްރޯލް ދަށްކުރުން: ހަށިގަނޑުގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށް ވުމުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެއެވެ.
  • ބަނޑުގެ އާއްމު އުދަގޫތައް ކުދަކުރުން: ބަނޑު ހަރުވުމާއި، ގޭސްވުން ފަދަ، ހަޖަމު ކުރުމުގެ ނިޒާމާއި ގުޅިފައިވާ މައްސަލަތައް މުރަނގަ ފަތުން ހައްލުކޮށްދެއެވެ.