މާގަނޑުކޮޕީ: އެއްވަނައިގެ ކާނާއެއް! ނުކައެއް ނުވާނެ!

ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވުމަށް ހުރަސްއަޅާ

މާގަނޑުކޮޕީ: އެއްވަނައިގެ ކާނާއެއް! ނުކައެއް ނުވާނެ!

ކޮލިފްލާވަރ ނުވަތަ މާގަނޑުކޮޕީ އަކީ ސިއްހީގޮތުން ގިނަގުނަ ފައިދާ އެކުލެވޭ ބާވަތެކެވެ. ދިވެހިންގެ އާއްމު ކެއުމާ އެހާ ރައްޓެހި ބާވަތެއް ނޫނެވެ. ރައްޓެހިނޫނަސް ބޭނުން ނުކޮށް ދޫކޮށްލާ ވަރަށްވުރެ ބޭނުންތެރި ބާވަތެކެވެ. ކޮލިފްލާވަރއަކީ އިންސާނާ އާއްމުކޮށް ބޭނުންކުރަންޖެހޭ ކަން ސައިންސް އަލީގައި ކަށަވަރުވެފައިވާ ފައިދާހުރި ކާނާއެކެވެ. 

މާގަނޑުކޮޕީގައި އެތައް ބާވަތެއްގެ އެންޓިއޮކްސިޑެންޓް ހިމެނެއެވެ. އެންޓިއޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވާ އެންޒައިމްތައް ހީވާގިކޮށް ހަރަކާތްތެރި ކުރުވައެވެ. މާގަނޑު ކޮޕީގައި ދުޅަތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވާ ވިޓަމިން ކޭ ހުރެއެވެ. ގަވާއިދުން މާގަނޑުކޮޕީ ކެއުމުން ލޭހިގުން ރަގަޅުކޮށްދެއެވެ. ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވުމަށް ހުރަސްއަޅައެވެ. ނަތީޖާއެއްގެ ގޮތުން ލޭހޮޅިތައް ހަރުވުމުން ދުރުކޮށް ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

މާގަނޑު ކޮޕީގައި ހިމެނޭ އިންޑޯލްސް ގެ ސަބަބުން ސަރުބީގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ، ހިތުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ގަނޑުލޭކޮޅުތައް އުފެއްދުން ހުއްޓުވާ ބާރުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މާގަނޑު ކޮޕީގައި އޮމެގާ-3-ފެޓީ އެސިޑް ހުރުމުންވެސް ހިތުގެ ދުޅަހެޔޮކަން ހިފެހެއްޓުމަށް ވާގިވެރިވެއެވެ.

މާގަނޑު ކޮޕީ އަކީ ފައިބަރުގެ ރަގަޅު ބަހާއެކެވެ. ފައިބަރަކީ ހަޖަމު ރަގަޅުކޮށްދީ ވިހަ މާއްދާތައް ބަނޑާއި ގޮހޮރުން ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މާގަނޑު ކޮޕީގައި ހުންނަ މާއްދާތަކެއް އެހީގައި ބަނޑުގެ ބަތާނަ ފަށުގައި ހެލިކޮބެކްޓަރ ޕައިލޮރި ކިޔާ ޖަރާސީމެއް އަށަގަތުމަށް ހުރަސްއަޅައެވެ. ހަމައެހެންމެ  ބަނޑާއި ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

މާގަނޑު ކޮޕީން ލަގޮނޑިއާއި ވައިނޮޅިއާއި ވައިނޮޅީގެ ކަފި އަދި ފުއްޕާމެޔަށް ޖެހޭ ބައްޔެއް ކަމުގައިވާ "ޕެޕިލޯމާ ވައިރަސް" ޖެހުމުން ދުރުކޮށްދޭ އެއްޗަކަށް މާގަނޑުކޮޕީވެއެވެ. މާގަނޑު ކޮޕީ އާއި އެއާއިލާގެ ތަރުކާރީގެ ބާވަތްތައް ބޭނުން ކުރުމަކީ ރެސްޕިރޭޓަރީ ޕެޕިލޮމެޓޯސިސް ގެ ނުރައްކާތެރިކަން ކުޑަކޮށްދޭނެ ކަމެކެވެ.

މާގަނޑު ކޮޕީގައި އެކުލެވޭ ގުލޫކަސިނޮލޭޓް ބައިބައިވެގެން "އިންޑޯލް-3-ކާރބިނޯލް" އާއި "ސަލްފޮރަފޭން" އުފެދި ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. މާގަނޑު ކޮޕީ އާއި އެ އާއިލާގެ އެހެން ތަރުކާރީގެ ބާވަތްތައް ބޭނުން ކުރުމަކީ ފުއްޕާމޭގެ ކެންސަރާއި މަސާނާގެ ކެންސަރައި އުރަމަތީގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާއި ބިސް އުފައްދާ ތަނުގެ ކެންސަރައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ސަލާމަތްވުމަށް އެހީތެރިވެއެވެ. މާގަނޑު ކޮޕީގައި ވިޓަމިން ސީ ހުރުމުން ހުޅުތަކާއި ކަށިތައް ރައްކާތެރިކޮށް ދޭއިރު ވިޓަމިން ކޭ ހުރުމުން ކަށިތައް ވަރުގަދަވެ ކުރުވައެވެ.

އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ "މެކިޔުލަރ ހަލާކުވުން" ފަދަ މައްސަލަތަކުން މިންޖުވުމަށް އެހީތެރިވެދޭ ބާވަތަކަށްވެސް މާގަނޑު ކޮޕީވެއެވެ. ލޮލުގެ އަލިދުލި ހަލާކުވުން ހުއްޓުވައި، ލޯފުސްވުން ފަދަ ކަންކަމުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދެއެވެ.

މާގަނޑު ކޮޕީ ބޭނުން ކުރުމަކީ ހަށިގަނޑުން ވިހަ ބޭރުކޮށް ސާފުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މާގަނޑު ކޮޕީގައި ހުންނަ އެންޒައިމްތައް ހަރަކާތްތެރި ކުރުވައި، އޭގެ މަސައްކަތްތައް ތަންޒީމު ކުރުމުގައި ބައިވެރިވެއެވެ. އިރުގެ ދޯދި ތަކުން ލިބޭ ގެއްލުމުން ހަމުގެ ފަށަލަ ރައްކާތެރި ކުރުމުގައި އެހީތެރިވެދެއެވެ. ހަމުގެ ކެންސަރުން ޖެހުމުގެ ފުރުސަތު ކުޑަކުރުވުމާއި ހަމުގެ ސެލްތައް ހަލާކުވިޔަ ނުދިނުމާއި އިރުގެ ދޯދިން ހަންގަނޑުން ފިހުނަ ނުދިނުން ފަދަ ކަންކަމަށް ކޮލިފްލާވަރ އެހީވެދެއެވެ.

މާގަނޑު ކޮޕީގައި ހިމެނޭ އިންޑޯލް ތަކާއި ސަލްފޮރަފޭން ފަދަ މާއްދާތަކަކީ ނާރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. މި މާއްދާ ތަކަކީ ވިހަބޭރުކުރާ އެންޒައިމްތައް ހަރަކާތްތެރިކޮށް، "ގުލޫޓެތިއޯން"ގެ މިންވަރު މަތިކޮށްގެން ނާރުތަކަށް ލިބޭ އަނިޔާ އަށް ފަރުވާކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ތުރުތުރުއަޅާ ބައްޔާއި އަލްޒައިމާ ބަލިޖެހިފައިވާ މީހުންނަށް ކޮލިފްލާވަރގެ ބޭނުން ވަކީން ބޮޑެވެ. ސެލްތަކުގެ ބޭރު ފަށަލަ މަރާމާތު ކުރުމާއި ނާރުތަކުގެ ސެލްތަކުގެ މަސައްކަތަށް ވެސް ބޭނުންތެރިއެވެ.

ޕޮޓޭސިއަމާއި ޕައިރިޑޮކްސިން މާގަނޑުކޮޕީގައި ހުރުމުން ސިކުނޑީގެ މަސައްކަތް ފުރިހަމަކުރުމަށް ވެސް އެހީތެރިވެދެއެވެ. ލޭގެ ޕްރެޝަރު ދަށްކުރުމާއި ސަރުބީ ދަށްކުރުމަކީ މާގަނޑު ކޮޕީގެ ރޯލެކެވެ. ލޭއާއި މުޅި ހަށިގަނޑުގައި ސަރުބީ އެކުލެވޭ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. ލޭގެ ޕްރެޝަރު ދަށްކޮށްދީ ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކުރުމަށް ވެސް އެހީތެރިވެދޭ ބަވަތެކެވެ. ދިފާއީ ބާރުގަދަކޮށް ތަފާތު ބަލިތަކުން ދުރުވެ ހުރުމަށް އެހީތެރިވެދެއެވެ. ހަށިގަނޑު ފަލަވުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާ ތަކުގެ ސަބަބުން ހަށިގަނޑުން ސަރުބީ ވިރުވުމަށް ބާރުއަޅައިދީ އާދަޔާ ހިލާފަށް ހަށިގަނޑު ފަލަވެގެން ދިއުމަށް ހުރަސް އަޅައެވެ.

މާގަނޑު ކޮޕީއަކީ މާބަނޑު ދުވަސްވަރު ބޭނުން ކުރަން ވެސް ރަގަޅު ފައިދާހުރި ބާވަތެކެވެ. މާގަނޑު ކޮޕީގައި ގިނަ އަދަދަކަށް ފޮލިކް އެސިޑް ހުންނާތީއެވެ. ފޮލިކް އެސިޑަކީ މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އައިބު އުފެދުމުން މިންޖުކޮށްދޭ މާއްދާއެކެވެ.

މާގަނޑު ކޮޕީގައި ޕޮޓޭސިއަމް އަދި ވިޓަމިން ސީ ހުންނާތީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަނެއްކޮޅުން މާގަނޑު ކޮޕީ ބޭނުން ކުރުމަކީ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރާ ކަމެކެވެ.