އަހިވައް: ދެވަނައެއް ނެތް
ދިވެހިންނަކީ ޒަމާނުއްސުރެވެސް އަމިއްލަވަންތަކަމަށް ލޯބިކުރާ ހީވާގި ހޭލުންތެރި ބައެކެވެ. ކަންކަން ދިރާސާކޮށް ވިސްނުންތެރިކަމާއެކު ތަޖުރިބާކުރަމުން ގޮސްފައިވާ ބައެކެވެ. ކާއްޞަކޮށް ޞިއްހީގޮތުން ދިމާވާ ތަފާތު މައްސަލަތަކުގައި ފަތްޕިލާވެއްޔާއި، ގަސްގަހާގެހީގެ ތަފާތު އެހެނިހެން ބައިތައް ބޭނުންކޮށްގެން އެއިރެއްގައި ދިމާވާ ޞިއްހީ މައްސަލަތައް ކާމިޔާބުކަމާއެކު ހައްލުކުރަމުން އައި ބައެކެވެ. މިގޮތުން ބޭސްވެރިކަމުގެ ގޮތުގައި ބޭނުންކުރެވުނު އެއްޗެހީގެ ތެރެއިން ގިނަބަޔަކު ބޭނުންކުރަމުން ދިޔަ އެކައްޗަކީ އަހިވަކެވެ.
އަހި ނުވަތަ އަހިވަކަކީ ކޮބާ؟
އޭޝިއާ، އޮސްޓްރޭލިއާ އަދި ޕޮލިނީޝިއާގެ ޖަޒީރާތަކަށް ނިސްބަތްވާ އަހިގަހަކީ ތަފާތު ސައިޒުތަކަށް ހެދޭ ގަހެކެވެ. މި ގަހުގެ ހުދު މާތަކަކީ ހޮޅިގަނޑެއް ފަދަ މާތަކެކެވެ. މިގަހުގެ މޭވާކަމުގައިވާ އަހިވަކަކީ ޅައިރު ފެހިކުލައިގައި ހުންނަ އަދި ދޮންވުމުން ދޮންފެހި ކުލަޔެއްގައި ހުންނަ މޭވާއެކެވެ. ހޭވިފައިވާ މޭވާގައި ޗީޒް ފަދަ ސިފައެއް ފާޅުވުމާއެކު ނުބައި ވަހެއް ހުރެއެވެ.
އަހިވަކުގެ ބޭނުމަކީ ކޮބާ؟
ޕޮލިނީޝިއާގެ ޝިފާވެރިން ވަނީ ހަކުރުބަލި، ލޭމައްޗަށް ދިއުން، އާތުރައިޓިސް، ދުޅަވުން، ޓިއުމަރު، މުސްކުޅިވުމުގެ އަސަރު، އަދި ޕެރަސައިޓިކް، ވައިރަލް، އަދި ބެކްޓީރިއަލް އިންފެކްޝަންތައް ފަދަ ސިއްހީ ތަފާތު މައްސަލަތަކަށް ފަރުވާ ދިނުމަށް އެތައް ހާސް އަހަރެއް ވަންދެން އަހިވަށް ބޭނުންކޮށްފައިވެއެވެ. ޤަދީމީ ޝިފާ މެނުސްކްރިޕްޓްތަކުގައި ގުދުރަތީ ޝިފާ ފޯމިއުލޭޝަންތަކުގައި ހިމެނޭ އަސާސީ މާއްދާއެއްގެ ގޮތުގައި މި މޭވާ ފާހަގަކޮށްފައި ވެއެވެ.
އަހިގަހާއި ދިވެހިންނާއި ހުރިގުޅުމަކީ ކޮބާ؟
އަހިގަހަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް ގަހެކެވެ. އަހިގަހުގެ ފަތާއި މާ އަދި ޅަ އަހިވަކާއި ހަރުވެ ދޮންވެފައިވާ އަހިވަކަކީ މިއަދުވެސް ދިވެހިންނަށް ބޭނުންޖެހިފައިވާ އެއްޗެއް ފަދައެވެ. ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގެ ތެރޭގައި އަހިވަށް ބޭނުންކުރެވި އޭގެ ނަތީޖާ ދިވެހިން ވަނީ ތަޖުރިބާ ކޮށްފައެވެ. ޚައްޞަކޮށް ދަރިމައިވުމުގެ މައްސަލަތަކަށާއި ވިހައިގެން އުޅޭ ދުވަސް ވަރު މަތިކަރާ ބޭހުގެ ތެރޭގައިވެސް ޅަ އަހިވަކާއި އޭގެ މާ ހިމެނިފައިވެއެވެ. މީގެ އިތުރުން އަހިފަތް ހޫނުކޮށްގެން ބަނޑުގައެޅުމާއި އެނޫންވެސް ތަފާތު ކަންކަމުގައި ބޭނުންކުރެއެވެ. އަދި ދޮންވެފައިވާ އަހިވަށް ކިތަންމެ ނުބައި ކަމުގައި ވިޔަސް ހަށިގަނޑަށް ލިބިދޭ ލުއިކަމުގެ ސަބަބުން ކާލުމަށް ދިވެހިންގެ ގިނަ ބަޔަކު ޝައުގުވެރިވެއެވެ.
އަހިވަށް އެއީ އެންމެނަށްވެސް ކެވިދާނެ އެއްޗެއްތަ؟
އެއްވެސް އެއްޗަކީ އެންމެންނަށް އެންމެ އެކަށިގެންވާ އެއްޗަކަށް ނުވެދާނެއެވެ. އެކިމީހުންގެ ހަށިގަނޑު އުފެދި ގުނަވަންތައް ފުރިހަމަވެފައިވީ ނަމަވެސް ޞިއްހީގޮތުން ތަފާތު ކަންކަމާ ކުރިމަތިލާން ޖެހޭ މީހުން އުޅޭނެއެވެ. ހަށިގަނޑަށް ބޭނުންވާ މައްދާތައް އެންމެ އެކަށިގެންވާ ވަރަށް އުފައްދާ ނުދޭ މީހުންނާއި ހުންނަންވާ ވަރަށްވުރެ އިތުރަށް ބައެއްބައިތައް ގިނަވެފައިވެސް ހުންނަ މީހުން އުޅޭނެއެވެ. އެހެންކަމުން އެކަކު ކާއެއްޗެއް އަދި އަނެކަކަށް ނުކެވުމަކީވެސް ވެދާނެ ކަމެކެވެ. ޚާއްޞަކޮށް ޞިއްހީ މައްސަލަތައް ހުންނަމީހުން ފަރުވާއެއް ލިބޭކަމަށް ބަޔަކު ބުނާ ކޮންމެ އެއްޗެއް ޑޮކްޓަރެއްގެ ލަފައެއްނެތި ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަހިވަކުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ ކަމަށް ޞިއްހީމާހިރުން ވިދާޅުވެއެވެ. އެހެންކަމަށް ވާނަމަ ކިޑްނީގެ މައްސަލަތަކާއި ފުރަމޭގެ މައްސަލަތައް ހުންނަ މީހުން އަހިވަށް ބޭނުންކުރާނަމަ ޑޮކްޓަރުންގެ ލަފަޔާއި މަޝްވަރާ ހޯދަންވާނެއެވެ.