އާދަމް އާޒިމަކީ ތެދަށް އޮލަބަށް ހުންނަ ފިސާރި ލީޑަރެއް: ނަލަ ޒާހިރާ
އަށްވަރަކަށް ގަޑިއިރު މާލޭގައި ޓެކްސީގެ ހިދުމަތް ދިނުމުގައި އުޅުއްވާ ނަލަ ޒާހިރާއަކީ ވަރަށް ގިނަ މީހުންނާ ދިމާވެ, ވަރަށް ގިނަ ކަންތައްތަކާ ދިމާވާ ކަނބަލެކެވެ. ނަލަ ޒާހިރާ ވިދާޅުވާ ގޮތުގައި 18ގަޑިއިރު އިސްޖެހި ގިއްގެޅި، ކޮރުކޮށް، ކަތިކޮށް ހިގާ މީހުނަކަށް މާލޭ މޭޔަރުކަމެއް ނުކުރެވޭނެއެވެ.
މާލޭގެ މޭޔަރކަން ކުރެވޭނީ ތެދަށް އޮލަބަށް 18ގަޑިއިރު ބޫޓްގައި ހުންނަ ފިސާރި ލީޑަރަކަށް ކަމަށް ނަލަ ޒާހިރާ ވިދާޅުވެއެވެ. އެގޮތަށް މާލޭގެ މޭޔަރކަން ކުރެއްވޭވަރުގެ ލީޑަރަކީ އާދަމް އާޒިމުކަމަށް ނަލަ ޒާހިރާ ވިދާޅުވެއެވެ. ”އަޅުގަނޑަށް ފެނޭ މާލެއަށް އައި ބަދަލު. އަޅުގަނޑަށް ފެނުނު ވިއްސާރަ ވެހުނު ދުވަހު ހުޅުލޭގައި މީހުން ތޮއްޖެހިފައި ތިބި މިންވަރު. ކާރުވެސް ދުއްވަންޖެހެނީ ލޯންޗެއްހެން. އައިޖީއެމްއެޗް ކައިރީގައި ލޯންޗެއްހެން ކާރު ދުއްވީ. މިހާރު ދުއްވަނީ އެހެންތޯ" ޒާހިރާ ސުވާލު ކުރެއްވިއެވެ.
ފެން ބޮޑުވުމުގެ މައްސަލަ މޭޔަރ އާދަމް އާޒިމު ހައްލުކޮށް ދެއްވުމުގެ ކުރީން މާލޭގެ މަގުތަކުގައި ކާރު ދުއްވަން މަޖުބޫރުވެފައި އޮތްގޮތް ޒާހިރާ ސިފަކޮށްދެއްވިއެވެ. ފެން ބޮޑުވުމުން މާލޭގައި ޓެކްސީތައް ދުއްވަނީ ލޯންޗެއްހެން ކަމަށް މަޝްހޫރު ޓެކްސީ ޑްރައިވަރ ގ. އާކާޝްވިލާ, އާމިނަތު ޒާހިރާ (ނަލަ ޒާހިރާ) ވިދާޅުވެއެވެ. އެހެން ނަމަވެސް އާދަމް އާޒިމްގެ މޭޔަރުކަމުގައި އެކަން ހައްލުކޮށްދެއްވާފައިވާ ކަމަށް ނަލަ ޒާހިރާ ހެކިދެއްވައެވެ.
އެންމެ ރީތިކޮށް އެކަން ތަޖުރިބާ ކުރެއްވޭ ބޭފުޅެއް ކަމުގައިވާ ނަލަ ޒާހިރާ ބުނަނީ މިހާރު ލޯންެޗެއްހެން, ފެންގަނޑު މަތީގައި ޗަކަޗަކަ ލައްވަމުން ފާރަށް ތިކި ބުރުވަމުން ދުއްވަން މިހާރު ނުޖެހޭ ކަމަށެވެ. އެއީ އާދަމް އާޒިމުގެ ގާބިލުކަންކަމުގައި ހާމަ ކުރައްވަމުން ޒާހިރާ ވިދާޅުވީ އާދަމް އާޒިމް ކުރެއްވި ކަމަކީ އެއީ ކަމަށެވެ.
މާލޭގައި ފެން ބޮޑުމަށް ހައްލު ހޯއްދަވާ ދެއްވުނީ އާދަމް އާޒިމް ނޫން ކޮން މޭޔަރަކަށްތޯ ޒާހިރާ ސުވާލު ކުރައްވަމުން ވިދާޅުވީ އާދަމް އާޒިމަށްވުރެ މާލޭގެ ރައްޔިތުންނަށް އިހުލާސްތެރި ފުރިހަމައަށް މޭޔަރުކަން ކޮށްދެއްވާ މާލޭ ބަލަހައްޓަވައި ދެއްވާނެ މޭޔަރަކު ދެން އިތުރަކަށް ނުލިބޭނެ ކަމަށެވެ.
އާދަމް އާޒިމަކީ ރައްޔިތުންގެ އަޑުއައްސަވާ އަދި މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ ސަބަބުން ހުރި އުދަނގޫތަކާއި ދަތިތައް އޮޅުން ފިލުއްވާ ބޭފުޅެއް ކަމަށާއި އާދަމް އާޒިމަށް ހިތް ދެއްވުނީ ރާއްޖެއިން ފެނިގެންދިޔަ ހުރިހާ ލީޑަރުންނަށްވުރެ ގާބިލު ބޭފުޅަކަށް އާދަމް އާޒިމް ވާތީ ކަމަށް ނަލަ ޒާހިރާ ވިދާޅުވިއެވެ.




