މުއިއްޒު ސަރުކާރުގައި އެސްއޯއީތައް | އިގުތިސޯދާއި މާލީ ނިޒާމްގެ ކެންސަރ

ނަފާވެރި ހުރިހާ އެސްއޯއީތައް ވެސް ދަރާވިކި ބަނގުރޫޓް ވަނީ

މުއިއްޒު ސަރުކާރުގައި އެސްއޯއީތައް | އިގުތިސޯދާއި މާލީ ނިޒާމްގެ ކެންސަރ

ރާއްޖޭގެ ވެރިކަމަށް ޑރ. މުއިއްޒު އިސްވީއްސުރެ ސަރުކާރުގެ ކުންފުނި އުފެއްދުންވެސް އޮތީ އެނދުކެނޑިފައެވެ. އެސްއޯއީ އުފެއްދުމުގައި މިނެއް އިމެއް ހަމައެއް ލަމައެއް ނެތެވެ. އުފެއްދީއްސުރެ ހައްދަވައިގެން ކަމެއް ނުކުރާ ކަރުދާހު އެތައް ކުންފުންޏަކުން ދައުލަތުގެ ފައިސާ ދަނީ އިސްރާފު ކުރަމުންނެވެ. ހިތުހުރި ގޮތަކަށް ހިތުހުރިކަމެއް ކުރަމުންދާއިރު ހީވަނީ ތަރިކައިން ލިބިގެން އުޅޭ އަމިއްލަ މުދާ ގަނޑެއްހެންނެވެ. މީހުން ކަންކަން ކޮށްއުޅޭ ގޮތަކަށް ކިޔާފާނެ އެއްޗަކަށް ނިކުމެދާނެ ހިތި ނަތީޖާއަކަށް ބެލުމެއް ނޯވެއެވެ. 

ކުޅި ހިނގާ މަގު އެނގޭ ކޮންމެ މީހަކަށްވެސް އެނގޭނެ ގޮތުގައި ސަރުކާރުތަކުން ދައުލަތުގެ ކުންފުނިތައް (އެސްއޯއީތައް) އުފައްދަނީ އާންމު ހިދުމަތްތަކާއި މުދާ ފޯރުކޮށްދިނުމަށާއި، އިސްތިރާޖީ ދާއިރާތައް ރައްކާތެރިކުރުމަށެވެ. އަދި އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށްވެސް އެސްއޯއީ އުފައްދައެވެ. ކޮރަޕްޝަނާއި މަނީ ލޯންޑްކުރާކަށް ދައުލަތުން ކުންފުންޏެއް ނުއުފައްދާނެއެވެ. ސިޔާސީ ބާރުވެރިކަން އޮބަހައްޓަން ބަޔަކަށް މުސާރަދޭކަށްވެސް އެސްއޯއީއެއް ނުއުފައްދާނެއެވެ.

އަމިއްލަ ފަރާތްތަކަށް ހިންގަން ނުކެރޭ ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގަން ބޭނުންނުވާ އެހެނަސް ކޮންމެހެން ނަގަހައްޓަންޖެހޭ ދާއިރާތައް ނަގަހައްޓާ ދަމަހައްޓަން ޒިންމާދާރު ގޮތެއްގައި އެސްއޯއީ އުފައްދައިގެން މަސައްކަތް ކުރެއެވެ. ސަރުކާރަށް އާމްދަނީ ހޯދައިދިނުމަށާއި، އަމިއްލަ ފަރާތްތަކުގެ މޮނޮޕޮލީ ހުއްޓުވުމަށާއި، އަސާސީ ހިދުމަތްތައް އަތްފޯރާ އަގުގައި ލިބޭކަން ކަށަވަރުކުރުމަށްވެސް އެސްއޯއީ އުފައްދައިގެން މަސައްކަތްކުރެއެވެ.

ސަރުކާރުގެ މިލްކުވެރިކަމުގައި ކުންފުނިތައް ބޭއްވުމުގެ އާންމު ސަބަބުތަކެއް ހުރެއެވެ. އެ ސަބަބުތަކަށްޓަކައި ތަރުތީބުވެގެން އުފައްދާއުޅޭ މައިގަނޑު ކަންކަމަށް ބަލައިލަމާތޯއެވެ. 

  • އާންމު ހިދުމަތްތައް ފޯރުކޮށްދިނުން: އެސްއޯއީތަކުން ގިނަފަހަރަށް ފެނާއި ކަރަންޓު ފަދަ ޔުޓިލިޓީ ހިދުމަތްތަކާއި، އުމްރާނީ ވަސީލަތްތަކާއި، އާއްމު ދަތުރު ފަތުރުގެ ހިދުމަތްތައް ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދެއެވެ. ގިނަފަހަރަށް މިއީ އާންމު ރައްޔިތުންގެ ދުޅަހެޔޮކަމަށް މުހިންމު ހިދުމަތްތަކެއް ނަމަވެސް އަމިއްލަ ކުންފުނިތަކަށް ބޮޑު ފައިދާވާ ކަންކަން ނޫންކަމުން އަސާސީ އެ ފާޑުގެ ހިދުމަތައް ދޭން އެސްއޯއީތައް އުފައްދައެވެ.  
  • އިސްތިރާޖީ ދާއިރާތައް: ސަރުކާރުތަކުން ގައުމީ ސަލާމަތަށް ނުވަތަ އިގްތިސާދީ ތަރައްގީއަށް މުހިންމު ކަމަށް ބެލެވޭ ދާއިރާތަކުގައި، ކުންފުނިތައް މިލްކުކޮށްފައި ބަހައްޓައެވެ. މިސާލަކަށް ހަކަތަ، ދިފާއީ އަދި މާލީ ދާއިރާގެ ހަރަކާތްތަކަށް އެސްއޯއިތައް އުފައްދައެވެ. 
  • ބާޒާރު ކޮންޓްރޯލް ކުރުން: ބާޒާރު ކޮންޓްރޯލްކުރުމަށް އުފައްދާ އެސްއޯއީތައް ބޭނުންކުރެވެނީ އަމިއްލަ ކުންފުނިތަކުގެ މޮނޮޕޮލީ ހުއްޓުވުމަށާއި، އަގުތަކާއި ބާޒާރު ހަމަޖެއްސުމަށެވެ. އުފެދުންތެރި ކަމުގެ ފުރުސަތު އޮތް ދާއިރާތަކުގައި ސިނާއަތް ގާއިމުކުރުމަށް އެސްއޯއީތައް އުފައްދައިގެން ހަރަކާތްތެރި ކުރުވައެވެ.  
  • އިގްތިސާދީ ތަރައްގީ: ތާރީހީގޮތުން ބަލާއިރު، ސަރުކާރުތަކުން އެސްއޯއީތައް ބޭނުންކޮށްފައިވަނީ ވަސީލަތްތައް އެއްކޮށް، ޒަމާނީކުރުން އަވަސްކޮށް، އަދި އިގްތިސާދީ ކުރިއެރުން ހޯދުމަށެވެ. ހާއްސަކޮށް ބޮޑެތި މަޝްރޫއުތަކަށް އަމިއްލަ ފަރާތްތަކުގެ ރައުސްމާލު ނުފުދޭ ހާލަތްތަކުގައި މިކަން ކުރެވިފައިވެއެވެ.
  • އާމްދަނީ ހޯދުން: ބައެއް އެސްއޯއީތައް ހިންގަނީ ފައިދާ ހޯދުމުގެ މަގްސަދުގައެވެ. މިގޮތުން ޑިވިޑެންޑާއި ޓެކްސްގެ ގޮތުގައި ސަރުކާރަށް އާމްދަނީ ހޯދައިދީ، ގައުމީ ބަޖެޓަށް ހިއްސާކުރެއެވެ.
  • އެކަހެރި އަދި ހިދުމަތް މަދު ސަރަހައްދުތަކަށް ހިދުމަތްދިނުން: އަމިއްލަ ކުންފުނިތަކަށް ފައިދާނުވާ ސަރަހައްދުތަކުގައި ހިދުމަތްދިނުމުގެ މަސްއޫލިއްޔަތު އެސްއޯއީތަކާ ހަވާލުކުރެއެވެ. މިގޮތުން ހުރިހާ ރައްޔިތުންނަށް ތަފާތުނުކޮށް ހިދުމަތް ލިބޭކަން ކަށަވަރުކުރެވެއެވެ.
  • ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން: އެސްއޯއީތަކަކީ ހަމައެކަނި ފައިދާ އިތުރުކުރުމަށް ނުބަލާ، ސަރުކާރުގެ ސިޔާސަތުތަކުގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ބޭނުންކުރެވޭ ވަސީލަތެކެވެ. މިސާލަކަށް ވަޒީފާ އުފެއްދުން ނުވަތަ ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމުގައި އެސްއޯއީތައް ބޭނުންކުރެއެވެ.

ބުނެވި ދިޔަ ސަބަބުތަކަށް ބަލާއިރު، ސަރުކާރުތަކުން އެސްއޯއީތައް އުފައްދައި ހިންގަނީ އިގްތިސާދީ، އިޖްތިމާއީ އަދި ސިޔާސީ ގިނަ މަގްސަދުތަކެއް ހާސިލު ކުރުމަށްކަން އެނގެއެވެ. ނަމަވެސް، އެސްއޯއީ ތަކުގެ ހިންގުމާއި ކުރެވޭ ހަރަދަކީ ކޮރަޕްޝަނާއި އިސްރާފުން ފޯވެފައިވާ ދައުލަތުގެ އިގުތިސޯދާއި މާލީ ނިޒާމުގެ ކެންސަރަކަށް ވެގެން ނުވާނެއެވެ. 

އެސްއޯއީތަކުގެ ހަރަދު ބަރަދާއި ހިންގުމުގައި ހަރަދުކުޑަކޮށް ދެމެހެއްޓެނިވިގޮތެއްގައި ހިދުމަތް ދެވޭކަމާއި ލަޑުދަނޑި ހާސިލުވާކަން ކަށަވަރުކުރަން ޖެހެއެވެ. އެގޮތުން ބައެއް ފަހަރު ދުޅަހެޔޮ ނަފާވެރިކަމަށްޓަކާ ދައުލަތުން ހިނގާ ކުންފުނިތައް މާޖުކޮށް ހަރަދު ކުޑަކުރެއެވެ. ދެވޭ ހިދުމަތް ފުޅާކޮށް ވަރުގަދަކޮށް ކާމިޔާބުގޮތެއްގައި ދެމެހެއްޓުމަށް ބޮޑެތި ކުންފުނިތަކާއި އާއްމުން ކުންފުނީގައި ހިއްސާކުރުވައެވެ. އެސްއޯއީތަކުގެ ހިންގުން ހަރުދަނާކޮށް، ހާމަކަން އިތުރުކޮށް، އަދި އާންމު ރައްޔިތުންނަށް ޖަވާބުދާރީވުން އިތުރުކުރުމަކީ އެހާމެ މުހިންމު ކަމެކެވެ.

މުއިއްޒު ސަރުކާރުވަނީ އެކަމުގައިވެސް ފޭލިވެފައެވެ. ކުރިއްސުރެ ރާއްޖޭގައިހުރި ނަފާވެރި ހުރިހާ އެސްއޯއީތައް ދަރާވިކި ބަނގުރޫޓް ވަނީއެވެ. ސަރުކާރުގައި މާލީ އަހުލާގެއް ކިރިޔާ ހުރިނަމަވެސް ގިނަ އެސްއޯއީތައް އޮންނާނީ ބެންކްރަޕްސީ އިއުލާނުކޮށްފައެވެ.