ދާއިރާތައް ތަރައްގީކުރުމާ ނަޝީދު ދެކޮޅު
ފުޓްސަލް ދަނޑުތައް އެޅުން ހުއްޓާލަން ވެއްޖެ: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލިސްގެ މެންބަރުން އެ ބޭފުޅުންގެ ދާއިރާތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވާ ކަމެއް ކަމަށް ވިދާޅުވެއްޖެއެވެ. ޑިމޮކްރޭޓް ހައުސް ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މެންބަރުން ދައިރާއަށް ކަންކަން ކޮށްދޭން އެދެމުން ދާކަމަށެވެ. މެންބަރުން ދާއިރާތަކަށް ގިނަ ކަންތައްތައް ކުރުމަށް އެދެމުގައި ބަޖެޓަށް ވެސް ނުބައްލަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ބޭނުންފުޅު ވަނީ ދާއިރާ ތަކުގެ ތަރއްގީ ހުއްޓުވާށެވެ. ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ގޮތުން ވަކިދާއިރާއަކަށް މެންބަރުން ހާއްސަ ކުރެވުނީމާ މުޅި ރާއްޖެ ކަންބޮޑުވާ ކަންތައްތަކާމެދު އެ މެންބަރުންނަށް ވާހަކަ ނުދެއްކޭކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ދާއިރާތަކުގެ ތަރައްގީއަށް ސަރުކާރުން މިހާރު ކުރަމުންދަނީ މުޅިން ބޭކާރު ހަރަދުތަކެވެ. ދާއިރާތަކުގެ ތަރައްގީއަށް ކުރެވޭ ކަންކަމަކީ ބޭކާރު ހަރަދުކަމަށް ސިފަކުރައްވާ އަތޮޅުތަކުގައި ހިންގާ ޕްރޮޖެކްތައް ހުއްޓާލުމަށް ނަޝީދު ގޮވާލާ ގޮވާލުމަކީ ރާއްޖެތެރެ ތަރައްގީ ކުރުމަށް ހުރަސް އެޅުމެވެ. އަތޮޅުތަކުގެ ރައްޔިތުނަށް އަސާސީ ހިދުމަތް ގާއިމުކޮށްދީ ރައްޔިތު މީހާ އަމިއްލަ ރަށުގައި ފުދިގެން އުޅެވޭނެ ގޮތް ހަދާދޭ ދިނުމަކީ ރައީސް ނަޝީދުގެ ނަޒަރުގައި ސަރުކާރުން ކުރާ ބޭކާރު ހަރަދެވެ.
ގޮނޑުދޮށް ގިރުން ހުއްޓުވުމަކީ ސަރުކާރުން ކުރާ ބޭކާރު ހަރަދަކަށް ތިމާވެށީގެ ޗެންޕިއަނަށް އެބަވެއެވެ. އާރުޓީއެލް ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅުވާލަން ސަރުކާރުން ކުރާ މަސައްކަތަކީ ރަށުބަންދުން ރައްޔިތުމީހާ ފިލުވަން އައިމީހާއަށް ވަނީ ބޭކާރު ހަރަދަކަށެވެ. ފެނާ ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް ތަފާތެއް ނުކޮށް އެމީހަކު އުޅޭތާކުން އެމީހަކަށް ލިބިދޭން ސަރުކާރުން ކުރާ މަސައްކަތަކީވެސް ބޭކާރު ހަރަދަށް ވެއްޖެއެވެ.
މިހެން ކިޔާނެ ކަމެއް ނެތެވެ. ދާއިރާތަކުގެ ރައްޔިތުންގެ ހެވާ ލާބަޔަށް ކުރެވޭ ކޮންމެ ކަމަކީ ރައީސް ނަޝީދު ދެކިވަޑައި ގަންނަވާ ގޮތުގައި ބޭކާރު ހަރަދެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ފުޓްސަލް ދަނޑުތައް އެޅުން ހުއްޓާލަން ވެއްޖެ. ހުރިހާ މަޝްރޫއުތައް މަޑުޖައްސާފަ ވިސްނާލަންވެއްޖޭ އަޅުގަނޑުމެން." ރައީސް ނަޝީދު ވިދާޅުވިއެވެ. " ދެން ކިހިނެއްތޯ ވާންވީ، ދެން ކޮންތާކަށްތޯ ދާންވީ، މީ އެތައް ބިލިޔަން ފައިސާ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނަށް ލާބަ ހުރި ކަންކަމަށް ކުރާ ހޭދައަކީ ބޭކާރު ހަރަދަށްވެ ތިމާއަށް ސިޔާސީ ބާރުވެރިކަން ހޯދަން ނިޒާމް ބަދަލުކުރަން ކުރަންޖެހޭ ކަންކަން ބޭކާރު ހަރަދަކަށް ނުވާ ނަޝީދުގެ ނުބައި ނުލަފާކަން ވަޒަންކޮށްލާށެވެ.