ނަޝީދަށް: އިތުބާރުކޮށް ބާރުދިނީމާ ނިކުތީ ސަރުކާރު ވައްޓަން

ބަދަލު ކުރަންވީ ނިޒާމޭ ކިޔައިގެން ޅޮސް އުނދޯއްޔަށް އަރުވަން ނޫޅޭ

ނަޝީދަށް: އިތުބާރުކޮށް ބާރުދިނީމާ ނިކުތީ ސަރުކާރު ވައްޓަން

ނަޝީދެއް ކަމަކު ފެން ނެތް ބޮޑެތި ކާށި ބިންނަށް ނުހަދާށެވެ. އަތްގުޅި ނުކާވަރުގެ ބޮޑެތި ވާހަކަ ކުރިންވެސް ދެއްކީމު ނޫންހެއްޔެވެ. ވެރިކަން ކުރަން ލިބުނީމާ ބޮލު ރޮދި ކެނޑިފައޮތް ތެލަގައެއްހެން ޖެހުނީ ގުޅައަކަށް ބިމަށެވެ. ވެރިކަމުގައި ހުރެ ނިޒާމު ހަމަޔަކަށް އަޅުވަން ކުރިކަމެއް ނެތެވެ.

ގާނޫނު އަސާސީގެ އިންތިގާލީ މަރުހަލަގައި އުޅުނީ ރާއްޖޭގައި ތިބިއްޔަ ތިބި ފަނޑިޔާރެއް ކަނޑުފައްތާށެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ނަމުގައި ސްޕްރީމް ކޯޓުގައި ތަޅު އެޅުވީއެވެ. ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ފަނޑިޔާރަކު ނެގީ ވަގަށެވެ. 

ތިމާ ވެއްޓެ އޭ ގޮވަމުން ވައިފުޅީގައި ކެބިނެޓް ގޮވައިގެން ދިޔައީ އަޑިއަށެވެ. ނައިބު ރައީސް ވަކިކުރަން ޖެހިމަޅި އަތުގައި ބެދި މުޅި ކެބިނެޓް އެކުގައި އިސްތިއުފާ ދޭން މަޖުބޫރު ކުރުވާ އިސްތިއުފާ ހޯދީއެވެ. އެންމެ ފަހުން ކެތްނުވެގެން ދަތުރު މެދުން ކަޑަށް ފުންމަލާ ގައުމާ ޕާޓީ އޮޔާލާފައި ނިކުމެ ރާއްޖޭގެ ކަންކޮޅުގައި ހުޅުޖެހީއެވެ. 

ބަރުލަމާނީ ހުވަފެނުގައި ވަޖިދުވަނީ އެނޫން ގޮތަކަށް ސަރުކާރު ހިންގަން ލިބޭނެ ކުޑަވެސް އުންމީދެއް ނެތިގެންނެވެ. ނިޒާމު ބަދަލުކޮށްގެން ރައްޔިތުންނަށް މޮޅެއް ހޯދާދޭކަށް ނޫންކަން ނޭނގެނީ ކާކަށް ހެއްޔެވެ. ބަރުލަމާނީއަކަށް ވެރިކަން ބަދަލު ކުރިޔަސް ބޮޑު ވަޒީރު ކަމުގެ ހުވަފެން ބަލާނެ ކަމެއްނެތެވެ. ނަޝީދުގެ ތަރި މިގައުމުގާ އޮއްސިއްޖެއެވެ.

ރަނގަޅު މީހަކު ނުފެނުނޭ ބަދަލު ކުރަންވީ ނިޒާމޭ ކިޔައިގެން ރައްޔިތުން ޅޮސް އުނދޯއްޔަށް އަރުވަން ނޫޅޭށެވެ. މައުމޫނު ވެރިކަމުގައިވެސް ނިޒާމް ބަދަލު ކުރަން އުޅުނީ ރައްޔިތުންގެ ވޯޓުން ވެރިކަން ހޯދޭނެ ކަމަށް ގަބޫލު ނުކުރެވުނު ވެރިކަމާއިގެން ބޫތު ކައިފާ ތިބި ދެމީހުންނެވެ. ނަޝީދާއި ޔާމީނެވެ. ދެ މީހުނަށްމެ ވެރިކަމަށް އާދެވުނީމާ އެކަކުވެސް ނިޒާމު ބަދަލުކުރާކަށް ނޫޅުނެވެ. އެހެން ކަމުން މައްސަލައަކީ ނިޒާމު ނޫންކަން ވަރަށް ސާފެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ އަދަދު ލިމިޓް ކުރުމަށް ނިޒާމް ބަދަލު ކުރާކަށް ނުޖެހެއެވެ. ނަޝީދު އިސްވެ ހުރި ޕާޓީއަށް ރައްޔިތުން މަޖިލީހުގެ ސްޕަރމެޖޯރިޓީ ދިނީމާ މަޖިލީހުގެ ރައީސް ކަމުގައި އިދެގެން ގާނޫނީ އޮނިގަނޑު ރަގަނޅު ކުރަން އުޅުމުގެ ބަދަލުގައި ދިމާކުރީ އަމިއްލަ ޕާޓީ އިސްވެއޮތް ސަރުކާރު ފުޑާލާށެވެ. ގާނޫނު އަސާސީ ރިވެތި ގޮތުގައި އިސްލާހުކޮށް ގައުމު ހަމަ މަގަށް އަޅުވަން ލިބުނު ފަހި ފުރުސަތު ގެއްލުވާލީ ސީދާ ނަޝީދެވެ. ވެރިކަން ނޫން ކަމެއް ބޭނުން ނުވުމުގެ ސަބަބުންނެވެ. ނަޝީދުގެ އިހުލާސްތެރި ނިޔަތް ނެތުމުންނެވެ.

މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ މެންބަރު ބަދަލު ކުރަން ރައްޔިތުން ބޭނުން ވުމުން ބަދަލު ކުރެވޭ ގޮތަށް ރިކޯލް ވޯޓް އުސޫލު ތައާރަފްނުކޮށް މި ހުރިހާ ދުވަހު ހުރީ ކޮންއެއްޗެއް ބޮވިގެން ހެއްޔެވެ. އަންހެނުންނަށް މަޖިލީހުން ގޮނޑިތަކެއް ހާއްސަ ކުރަން ނޫޅެ ހުރީ ގަމާރު ކަމުން ހެއްޔެވެ. އަނެއް ކޮޅުން ހާއްސައެހީއަށް ބޭނުންްވާ ފަރާތްތަކަށް މަޖިލީހުން ގޮނޑި ހާއްސަ ކުރަން ނިޒާމު ބަދަލުކުރަން ޖެހޭ ހެއްޔެވެ. ނުޖެހެއެވެ.

މުޅި ރާއްޖެ ކަންބޮޑުވާ ކަންތައްތަކާ މަޖިލީހުގައި ބަހުސްނުކޮށް އަމިއްލަ އެޖެންޑާ ކުރިއަށް ނެރެގެން މަޖިލީހުގައި މަރުތަޅު އަޅުވައިގެން އުޅެނީ ދައިރާތަކުގެ ތަރައްގީއަށް މެންބަރުން މަސައްކަތް ކުރާތީ ހެއްޔެވެ. މަޖިލީހުގެ ރައީސް ކަމުގައި ފަސް އަހަރުގެ ދައުރެއް ނިމެންދާއިރު އަމިއްލަ ާރުވެރިކަން ހޯދުމާ ލަދީނީ އެޖެންޑާތައް ހިންގުމާއި ސަރުކަރު ހިންގަން ހުރަސް އެޅުން ނޫން ކަމެއް ނަޝީދު ނުކުރެއެވެ.

ނަޝީދުގެ އަބަދުގެ ކަމަކީ ތިމާ ބޭނުންވާ ގޮތް ނޫން ގޮތަށް ވިސްނާ މީހާގެ އިއްޒަތުއްނަފްސް ކަތިލާ ފައިސާގެ ނުފޫޒުގައި އެ މީހަކު ޖެހިފާ ހުރިކަމަށް ދެއްކުމެވެ. ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލުވާލުމެވެ. ނަޝީދުގެ ހަމާގައި ރިޝްވަތު ނުނަގާ ފަނޑިޔާރެއްނެތެވެ. ނަޝީދަށް ބައިއަތު ނުހިފާ ކޮންމެ މަޖިލިސް މެންބަރަކީ ފައިސާގެ އަޅުންނެވެ. ނަޝީދަށް ބައިއަތު ހިފައިފިނަމަ ޝައިތާނާއަކީވެސް ސާފު ބޯކިރު ފޮދެކެވެ.

މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ މެންބަރު ބަދަލު ކުރަން ރައްޔިތުން ބޭނުން ވުމުން ބަދަލު ކުރެވޭ ގޮތަށް ރިކޯލް ވޯޓް އުސޫލު ތައާރަފްނުކޮށް މި ހުރިހާ ދުވަހު ހުރީ ކޮންއެއްޗެއް ބޮވިގެން ހެއްޔެވެ. އަންހެނުންނަށް މަޖިލީހުން ގޮނޑިތަކެއް ހާއްސަ ކުރަން ނޫޅެ ހުރީ ގަމާރު ކަމުން ހެއްޔެވެ. ހާއްސައެހީއަށް ބޭނުންްވާ ފަރާތްތަކަށް މަޖިލީހުން ގޮނޑި ހާއްސަ ކުރަން ނިޒާމު ބަދަލުކުރަން ޖެހޭ ހެއްޔެވެ. ނުޖެހެއެވެ. މުޅި ރާއްޖެ ކަންބޮޑުވާ ކަންތައްތަކާ މަޖިލީހުގައި ބަހުސްނުކޮށް އަމިއްލަ އެޖެންޑާ ކުރިއަށް ނެރެގެން މަޖިލީހުގައި މަރުތަޅު އަޅުވައިގެން އުޅެނީ ދައިރާތަކުގެ ތަރައްގީއަށް މެންބަރުން މަސައްކަތް ކުރާތީ ހެއްޔެވެ.