ރައްޔިތުނަށްދޭ ސަބްސިޑީ ނުކަނޑާ ސަރުކާރު ކުޑަކުރޭ!
މީހުނަށް ވަޒީފާ ނުދީ ވަޒީފާއަށް މީހުން ހޯދާ!
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ރައްކާތެރިކަމާއި ލުއިފަސޭހަ ލިބުމެވެ. އަމާންކަން ކަށަވަރު ކޮށްދިނުމެވެ. ފާގަތިކަން އިތުރުކޮށް ދިނުމެވެ. ބޭސް ފަރުވާއާއި ކާބޯތަކެއްޗާއި އުނު އަންނައުނާއި ބޯހިޔާވަހިކަމާއި ކަރަންޓާއި ފެން ރައްކާތެރިކަމާއި ފަސޭހަކަމާއެކު ހަރަދުކުޑަކޮށް ނުލިބޭ ދައުލަތެއްގައި ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތެވެ.
ދައުލަތް ހިންގުމުގެ ނަމުގައި ލިބޭ އާމްދަނީއާއި ނުބައްދަލު ހިންގުމުގެ އޮނިގަނޑެއް ހަދައިގެން ދައުލަތް ނޮޅާ ކެޔަސް އެކަން ބޮޑުކަމަކަށް ނުވެއެވެ. ދައުލަތް ހިންގުމުގެ ނަމުގައި ކިތަންމެ ބޮޑު އިސްރާފެއް ކުރެވުނަސް ވަރިހަމަ ވިސްނުމެއްގައި ހިންގާ ސަރުކާރުތަކަށް ބުރައަކަށް ވާނީ އާއްމު ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކުރެވޭ ހޭދައެވެ.
ރާއްޖޭގައި 2007 ވަނަ އަހަރު އަމަލު ކުރަންފެށި ގާނޫނު އަސާސީން ރައްޔިތުންގެ ހައްގުތައް ވަރަށް ބޮޑަށް ކަށަވަރު ކޮށްދިނުމުގެ ނަމުގައި އާމްދަނީއާއި ނުބައްދަލު ދައުލަތް ހިންގުމުގެ ނިޒާމެއް އޮތީ ބައްޓަން ކޮށްދީފައެވެ. ތިންބާރު ވަކިކޮށް މިނިވަން މުއައްސަސާތައް އޮތީ އުފައްދައި ދީފައެވެ. ކޮންމެ ބާރަކާއި މިނިވަން މުއައްސަސާއެއް ހިންގުމަށް އޮބިނޯންނަ ވަރުގެ އޮނިގަނޑެއް އޮވެއެވެ. އިންތިހާ ދަރަޖައަށް ދައުލަތުގެ ހަރަދު ބޮޑުވާ ގޮތަށެވެ.
ފަނޑިޔާރުގެއާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް ހިންގުމުގެ ހަރަދު ކޮންމެވެސް ހެޔޮވަރުގެ މިންވަރެއްގައި ހިފެހެއްޓޭ ގޮތަށް އޮތަސް ސަރުކާރު ހިންގުމުގެ އޮނިގަނޑަކީ ހައްދެއް ނެތް މިންވަރަށް ބޮޑުކުރެވޭ އެއްޗެކެވެ. ސަރުކާރުން ކުރަން ހުންނަ ކަންކަމަށް ބަލައިގެން އެންމެ މަދު މިންވަރަކަށް ވަސީލަތާއި މީހުންނާއި ފައިސާ ބޭނުން ކުރުމުގެ އެއްވެސް ފިކުރެއް ސަރުކާރުގައި ނެތުމަކީ ދެރަކަމެކެވެ.
ސަރުކާރުން ކުރަން ހުރި ކަންކަން ބަލައިގެން ވީހާވެސް މަދު އިދާރާއެއް އުފައްދާ އެތަންތަނުން ކުރަންޖެހޭ ކަންކަން ކުރުމަށް ވީހާވެސް މަދުން ވަޒީފާ އުފައްދާ ވަޒީފާއަށް މީހުން ހޯދުމެއް ސަރުކާރުތަކުގައި ނެތެވެ. މީހުނަށް ވަޒީފާ އުފައްދައިގެން ވަޒީފާދީ މުސާރައާއި އިނާޔަތްދޭން ހިންގާ ސަރުކާރަކަށް ސަރުކާރުތައް ވަނީ ބަދަލުވެފައެވެ.
އިސްރާފާއި ކޮރަޕްޝަނުން ސަރުކާރެއް ތަތްތެޅިއްޖެނަމަ ރައްޔިތުންނަށް ދިރިއުޅުން ފަސޭހަ ކޮށްދޭން ސަރުކާރުން ކުރަންޖެހޭ ކޮންމެކަމެއް ވަނީ ބޮޑު ބުރައަކަށެވެ. ތެލާ ކާޑާއި ބޭހަށް ސަބްސިޑީ ދިނުންވާނީ ބުރައަކަށެވެ. ގެއްލުމަކަށެވެ. ރައްޔިތުންނަށް ހިލޭ ބޭސް ކޮށްދިނުމާއި އަގުހެޔޮކޮށް ކަރަންޓާއި ފެނާއި ހިޔާވަހިކަން ދިނުމަކީވެސް ވާނީ ބޭއިންސާފަށެވެ. ރައްޔިތުންނަށް ފަސޭހައެއް ފޯރުކޮށްނުދީ ޒާތް ޒާތުގެ ނަން ނަމުގައި ސީދާކޮށްނާއި ނުސީދާކޮށް ޓެކްސް ނަގައިގެން ވެރިން ސަރުކާރު ނޮޅާކާލުން މައްސަލައަކަށް ނުވެއެވެ. ރައްޔިތުންނަށް ސަބްސިޑީއާއި ބޭސް ފަރުވާ ކޮށްދޭން ވީމާ ހައްގު މީހާ ހޯދަން ޖެހެއެވެ. ދަވާލެވޭ ހިސާބުގައި ތިބިއްޔާ އެ މީހުނަށް ދައުލަތުން ދަވާލެވެނީ ހައްގު މިންވަރެވެ.