ސިނގިރެޓް އަގުބޮޑުވުމުން ބިލިޔަނުން ސަރުކާރަށްފައިދާ!
ވޭޕް މީހުން ހިޖުރަކުރާނީ ސިނގިރޭޓަށް
އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް ވޭޕާއި ވޭޕާގުޅުން ހުރި ބާވަތްތައް އެތެރެކުރުމާއި އުފެއްދުމާއި ވިއްކުމާއި ހިލޭ ބެހުމާއި ގެންގުޅުމާއި ބޭނުންކުރުން މަނާކުރުމަކީ ގޯހެއް ނޫނެވެ. ގޯހަކީ ވޭޕަށްވުުރެ ގެއްލުން ބޮޑު ނުރައްކާތެރި ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި އުފެއްދުމާއި ވިއްކުމާއި ހިލޭ ބެހުމާއި ގެންގުޅުމާއި ބޭނުންކުރުން މަނާނުކުރުމެވެ.
ސައިންސީ ހެކިތަކުން ދުންފަތާއި ސިނގިރެޓުން އިންސާނާގެ ފުއްޕާމޭ ހަލާކޮށްލާ އެތައް ބާވަތެއްގެ ކެންސަރު ޖައްސާކަން ޝައްކެއްނެތް މިންވަރަށް ސާބިތެވެ. އާމްދަނީގެ ބޮޑުބައެއް ދުންފަތަށް ހޭދަކޮށް އަންދާ އަޅިއަށް ހަދާލައެވެ. ހުރިހާ ގޮތަކުންވެސް ވޭޕަށްވުރެ ގެއްލުމާ ހަލާކު ބޮޑު އެއްޗަކީ ދުންފަތުގެ ބާވަތްތަކެވެ. ހާއްސަކޮށް ސިނގިރެޓެވެ. ހަމަ އެހެންމެ ޝީޝާއަކީވެސް އެފަދަ ދެވަނައެއް ނެތް ގެއްލުން ދެނިވި ބާވަތެކެވެ. އެކަމަކު ޝީޝާވެސް ހުއްދައެވެ.
ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް މަނާނުކޮށް ވޭޕް މަނާކުރުމުގެ ފަހަތުގައި އަޑިނޭނގޭ ސިއްރުތަކެއް ވާނެކަން ޔަގީނެވެ. ޒުވާން އާބާދީގެ ބޮޑުބައެއް ސިނގިރެޓަށް ނުގޮސް ވޭޕް ބޭނުންކުރުމުން ސިނގިރެޓްގެ ވިޔަފާރި ދަށްވުން ސަބަބަކަށްވުން ގާތެވެ. ވޭޕްގެ އަހުލުވެރިން ސިނގިރެޓަށް ހިޖުރަކުރުވުން އޭގެ ބޭނުމަކަށްވުން ގާތެވެ.
ވޭޕަކީ އަގުހެޔޮ ފަސޭހައިން ލިބޭ އެއްޗެއްގެ ގޮތުގައި އޮތުމުން ވޭޕަށް ޒުވާން އާބާދީ ލެނބިގެން ދިޔަދިޔުން ސިނގިރެޓާ ދިމާލަށް އަނބުރާލުމަކީ ސިނގިރެޓް މާރކެޓަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. އެހެން ކަމުން ވޭޕް މަނާކުރުމަކީ އާއްމު ސިއްހަތަށްޓަކައި ކުރެވޭ ކަމެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.
ޓެކުހާއި ޑިއުޓީ ބޮޑުކޮށްގެން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުން ނޫން އެހެން އެއްވެސް ބޭނުމެއް ސިނގިރެޓާއި ދުންފަތް މަނާ ނުކޮށް ބޭއްވުމުގައި ނެތެވެ. ދުންފަތާއި ސިނގިރެޓް މަނާކޮށްފިނަމަ ކޮންމެ އަހަރަކު ސަރުކާރަށް ދުންފަތުން ޓެކުހާއި ޑިއުޓީ ގޮތުގައި ލިބެމުންދާ އެތައް މިލިޔަނެއްގެ އާމްދަނީ އެކީ އެކައްޗަކަށް ހުއްޓޭނެއެވެ. ކަން މިހެން ހުރުމުން ސިއްހީގޮތުން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ދުންފަތް ރާއްޖެއަކު މަނައެއް ނުކުރާނެއެވެ. އެހެން ކަމުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ވާހަކައަކީ ސަރުކާރުން ދައްކާ ހުވަފެނީ ހޮޅިވާހަކައެކެވެ.
ސިނގިރެޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރަނީ އިސްތިއުމާލުކުރާ މީހުނާ މިންވަރު މަދުކުރަން ކަމަށް ދައްކާ ވާހަކައަކީވެސް ބޮޑު އޮޅުވާލުމެކެވެ. އަގު ބޮޑުވެެގެން ބޭނުންކުރާ ނިސްބަތް ކޮންމެވެސް މިންވަރަކަށް ދަށަށް ދިޔަސް ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އެކަމަކުން ނާންނާނެއެވެ. އަމްދުން ވޭޕް މަނާކޮށްފައި ސިނގިރެޓްގެ އަގު ބޮޑު ކުރިޔަސް ވޭޕް ބޭނުންކުރާ މީހުންގެ އެތައްބަޔަކު ސިނގިރެޓަށް ހިޖުރަކުރާނެއެވެ. ނަތީޖާއަކަށް ވާނީ ސިނގިރެޓް ހޯދުމަށްޓަކައި ފައިސާ ހޯދުމަށް ކްރައިމް ރޭޓް މައްޗަށް ދިޔުމެވެ. ފޭރުމާއި ވައްކަމާއި ކޮރަޕްޝަން ދެގުނަވުމެވެ.