އަޅުވެތިކަމަކީ މުއިއްޒު ވެރިކަމުގާ ހުރުމާ ނެތުން!
ވެރިކަމަށް އެރިގޮތަށް އަރާ އުޅެގަތް ގޮތް ނުދެކޭ އެކަކުވެސް ނެތް
މުއިއްޒާއި މޯދީ އެއްބަސްވީ އެއްބަސްވުންތަކުން ރާއްޖޭގެ ދިފާއީ ކަންކަން ބޭރު ބައެއްގެ އަތް މައްޗަށް ނުދަންޏާ ކުރިއަކުވެސް ރާއްޖޭގެ ދިފާއީ އެއްވެސް ބޭރު ބައެއްގެ އަތްމައްޗަކަށް ނުދެއެވެ. ކުރީން ވެވުނު އެއްބަސްވުން ތަކުން އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެ ގޮސްފައި މިހާރު ވެވޭ އެއްބަސވުންތަކުން އަޅުވެތި ނުވެ އަސްކަރިއްޔާގެ ގާބިލުކަން އިތުރު ވާކަމަށް ބުނެގެން މުއިއްޒަށް ދެކޮޅެއް ނުޖެއްސޭނެއެވެ.
މުއިއްޒު ވެރިކަމާ ހަވާލުވީއިރު އިންޑިއާ އާއި ރާއްޖެ އޮތް ގާތް ގުޅުމަކީ ހަރިޖީ ގޮތުން ގޯސްކޮށް އޮތް ގުޅުމެއްކަމަށް ސިފަކޮށްފައި މުއިއްޒު ވެރިކަމުގައި ބަދަހިކުރާ ގުޅުމަކީ އަސްކަރީ ގާބިލުކަން އިތުރުކަމަށް ވާގޮތެއް ނިކަން ބުނެބަލާށެވެ. ކުރިން އިންޑިއާ އާއިއެކު ބޭއްވި ގާތްގުޅުމުން ގެއްލުނު މިނިވަންކަމެއް ސިޔާދަތެއް ބުނެދީ ބަލާށެވެ. އެ ވަގުތަކު މުއިއްޒުގެ ދުލުން ބޭރުވާ ކޮންމެ ބަހަކީ ތެދަށް ވާނަމަ ތެދެއް ދޮގެއް ވަކިކުރަން އެނގޭ އެއްވެސް އާދަމުގެ ދަރިއަކު މި އުޑުބަޅު ކުރެއްވި ހިސާބަކު ނެތެވެ. އިންޑިއާ އައި ގުޅުވައިގެން ވެރިކަމަށް އައުމަށް ދެއްކިހާ ވާހަކަ އެހުރީ ދިމާލަށެވެ. ވެރިކަމަށް އެރިގޮތަށް އަރާ އުޅެގަތް ގޮތް ނުދެކޭ އެކަކުވެސް ނެތެވެ. ގޯސް މިވަނީ މުއިއްޒުގެ ދެފުށް ދެގޮތް ވާހަކަ ބުނީމައެވެ.
އިންޑިއާއި ރާއްޖެއަށް ބްލީ ކުރާކަމަށް މުއިއްޒު ނުބުނާ ކަމަކަށް ނުހެދޭނެއެވެ. ރާއްޖެއަކީ އިންޑިއާގެ ބެކް ވާޑްގައި އޮތް ގައުމެއް ނޫން ކަމަށް ނުބުނާ ކަމަކަށް ނުވާނެއެވެ. މުއިއްޒުގެ މުސާރަވެރިންނާއި ގަހުރަމާނުންނާއި ބޮޓުން އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާއަށް އާޑަ ފުރައްސާރަ ނުކުރާ ކަމަކަށް ނުވާނެއެވެ. އިންޑިއާގެ ހެލްކޮޕްޓަރުތަކާއި ޑޯނިއާ ބޯޓު ބޭނުން ނުކުރާން ނޫޅޭ ކަމަކަށް ނުވާނެއެވެ. އިންޑިއާ ލައްވާ ވައިގެ މަގުން ކުރުވަމުން އައި ސަރަަހައްދު ބެލެހެޓުމުގެ މަސައްކަތް ހުއްޓާލާ ތުރުކީން ޑްރޯން ގެނެސްގެން އެކަން ކުރަން ނޫޅޭ ކަމަކަށް ނުވާނެއެވެ. ބޭސް ފަރުވާއަށް އިންޑިއާ މީހުން ފޮނުވުމުގެ ބަދަލުގައި ދުބާއީއާއި ބެންކޮކުން ބޭސް ކުރުވަން ނޫޅޭ ކަމަކަށް ވެސްނުވާނެއެވެ.
ކުނި ދެ ބިހާއި އަލުވި ކިލޯއަކާއި ފިޔާ ބަސްތާއެއްގެ ދަށުނުވާން ޕާކިސްތާނުން ބިހާއި އަލުތްވާއި ފިޔާ ގެންނަން މުއިއްޒު ނޫޅޭ ކަމަކަށް ނުވާނެއެވެ. ކާޑުގެ ހުރިހާ ބާވަތްތައް އިންޑިއާއިން އެތެރެ ކުރުވުމުގެ ބަދަލުގައި ތުރުކީން ގެންނަން ނުފަށާ ކަމަކަށްވެސް ނުވާނެއެވެ. އިންޑިއާ ހެލްކޮޕްޓަރުގެ ބަދަލުގައި މޯލްޑިވިއަންގެ ބޯޓެއް އެއަރ އެމްބިއުލާންސަކަށް ހަދައިގެން ނޫޅޭ ކަމަކަށް ވެސް ނުވާނެއެވެ. އުތުރުތިލަފަޅުގައި ހަދަމުންދާ ޑޮކްޔާޑަކީ އިންޑިއާގެ އަސްކަރީ މަރުކަޒަކަށް ހަދައިގެން ވެސް އުޅުނެވެ. ކައްދުއާއި ގަމާއި ހަނިމާދޫގައި ދެހާސް ތިންހާސް އިންޑިއާ ސިފައި ތިބެގެން ނޫޅޭކަމަކަށް ނުވާނެއެވެ. ހައިޑްރޯގްރަފީގެ މަސައްކަތް ކުރަމުން އައި އިންޑިޔާ އާއިއެކު އެއްބަސްވުން އައުނުކޮށް އެކަން ނުކޮށް ހުއްޓާނުލާ ކަމަކަށް ނުވާނެއެވެ.
މުއިއްޒު ނޫން މީހުންގެ ވެރިކަމުގައި އިންޑިއާއާއ އެކުގައި ކުރެވުނުހާ ކަމަކީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ކުރެވުނު ކަމަކަށް ވެފައި މުއިއްޒު ކުރުމުން ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުވާ ގޮތަކީ އަރަތެކެވެ. ކުރިންވެސް އެއްބަސްވީ އެެއްބަސްވުންތަކުގައި ލިޔެފައިއޮތް ކޮންމެ ޖުމްލައަކީ ބަލަންޖެހޭ މީހުން ބަލާ އެޕްރޫވް ކޮށްފައި އޮތް އެއްޗެކެވެ. މޮޔަ ކުޑަކުދިން ދައްކާ ޒާތުގެ ދެކޮޅުނުޖެހޭ ވާހަކަ މުއިއްޒު ދެއްކީމާ ގަބޫލުކުރާ މީހަކު ނޫޅެއެވެ