ބައްލަވާ ރާއްޖެއަށް ކޮށްލާފާ އޮތްވަރު: ޝާހިދު
އާލަމީ ވަބާގައިވެސް ހިތިބޭސް ބޯކަށް ނުޖައްސާ
މުޅި ދުނިޔެ ބަންދުވެ މުޅި އިންސާނިއްޔަތު މާޔޫސްވެފައި އޮތް ޒަމާނުގައި ވެސް ހިތިބޭސް ބޯންޖެހެޔޭ ރައްޔިތުން ގާތުގައި އެމްޑީޕީ ސަރުކާރުން ބުނިތޯ ވިދާޅުވެ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ސުވާލު އުފައްދަވައިފިއެވެ.
އެމްޑީޕީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި "ފުދިއްޖެ. ފުނޑިއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ރައްޔިތުންނާ އެ ސުވާލު ކުރެއްވީ ހިތިބޭސް ބުއިމަށް ރައްޔިތުންނަށް މުއިއްޒު ސަރުކާރުން ހުއްޓާނުލާ އަންގަމުންދާ ދަނޑިވަޅެއްގައެވެ.
މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސްގެ ބޭނުންފުޅަކަށް ވެފައި ވަނީ ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުކޮށްލެއްވުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ހަދަން އުޅޭ އެއްޗަކީ ޕްރިފެރެންޝަލް ވޯޓު ނަގާ ގޮތަށް ހަމަޖައްސާ ވޯޓް ގުނާނީ މާލޭގައޭ ކިޔާފައި ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް މާލެ ގެނެސް ވޯޓު ފޮށީގައި ބަނޑު އެޅުމުގެ މަސައްކަތް ކުރުންކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ހާރިޖީ ވަޒީރުކަން ދެފަހަރަށް ކުރައްވާފައިވާ އދ ގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ގުޅުންތަކަކީ އިތުބާރާއި އިހުތިރާމާއި އުސޫލުތައް ހިފެހެއްޓުމުގެ ތެރޭގައި ހިންގޭ އެއްޗެކެވެ. އޭގެ ބަދަލުގައި މިއަދުގެ ސަރުކާރުން ކަން ކުރައްވަމުން ގެންދަވަނީ އެހެންނެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. ދޮގާއި މަކަރާއި އޮޅުވާލައިގެން ހާރިޖީ ސިޔާސަތެއް ނުހިންގޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައިސްކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ " މި ސަރުކާރު ވެރިކަމަށް އައީ ބޮޑު ތަނުން ބައިނަލްއަގުވާމީ މައިދާނަށް ވެސް އޮޅުވާލައިގެން. މިއަދު މިއޮތް ސަރުކާރަށް އިތުބާރު ނުކުރެވޭ ބައިވެރިއެއްގެ ނަން ވަނީ ލިބިފަ" ކަމަށެވެ.
"ނާގާބިލް، ގޮތް ދޫނުކުރާ އޮޅުވާލާ ދޮގުހަދާ ނަފުރަތާ ފިތުނަ އުފައްދާ ދޯހަޅި ސަރުކާރެއް ހަވާލުވީމާ އެއް އަހަރުގެ ތެރޭގައި ބައްލަވާ މި ރާއްޖެއަށް ކޮށްލާފައި އޮތް މިންވަރު" އަސަރާއެކު ޝާހިދު ވިދާޅުވިއެވެ.