ރައީސްގެ ރަސްމީ ދަތުރެއް ސްޕޮންސަރކުރެވޭނީ ކޮރަޕްޝަނުން!

ރައީސްގެ ރަސްމީ ދަތުރެއް ސްޕޮންސަރކުރެވޭނީ ކޮރަޕްޝަނުން!

ރައީސް މުއިއްޒު މިމަހުގެ 1 އިން ފަހަކަށް އިނގިރޭސި ވިލާތަށްވަނީ ދަތުރެއް ކޮށްފައެވެ. މުއިއްޒު ކުރި އެ ދަތުރަކީ ރަސްމީ ދަތުރެއް ކަމަށް ބުނެއެވެ. ރައީސްގެ ދަތުރުގެ ޓިކެޓް ނޫން ހުރިހާ ހަރަދެއް ކުރީ އަމިއްލަ ކުންފުންޏަކުން ކަމަށް މުއިއްޒު ބުނެފިއެވެ. މުއިއްޒު ބުނާގޮތުން އެ ދަތުރަށް ސަރުކާރުން ހަރަދު ކުރީ އެންމެ 153689 ރުފިޔާއެވެ. 

ބޮޑު ވަފުދަކާއެކު އިނގިރޭސި ވިލާތަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރަކަށް މިލިޔަނުން ޑޮލަރު ހަރަދުނުވެއެއް ނުހުންނާނެއެވެ. އެންމެ ދޮޅުލައްކައެއްހާ ރުފިޔާ އެވަރުގެ ދަތުރަކަށް ދައުލަތުން ހަރަދުކޮށްފައި ބާކީވާ އެތައް މިލިޔަނެއްގެ ހަރަދު އަމިއްލަ ފަރާތަކުން ހަމަ ޖެއްސުމަކީ ވަރަށް ބޮޑު ގޯހެކެވެ. ދައުލަތުގެ ކަމަކަށް އަމިއްލަ ފަރާތެއްގެ މުދަލާއި ފައިސާ ބޭނުންކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއްނޫނެވެ. 

ކުރިން އަންގާ މައުލޫމާތު ބަދަލުކޮށް ފާޅުކަން ބޮޑު ގޮތެއްގައި ދައުލަތުން ބާއްވާ އިވެންޓްޓްތަކާއި މުނާސަބަތުތައް ފަދަ ކަންކަން ސްޕޮންސަރ ކުރެވެއެވެ. އެހެނެއް ކަމަކު ރައީސްގެ ދަތުރެއް އަމިއްލަ ފަރާތަކުން ސްޕޮންސަރ ކުރުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ސިއްރު އެޖެންޑާއެއް ބާއެވެ. ރައީސްގެ ދަތުރު ސްޕޮންސަރ ކުރުމުގެ މުގާބިލުގައި ދިވެހި ދައުލަތުން އަދާ ކުރަންޖެހޭނީ ކޮންފަދަ ޒިންމާއެއް ބާވައެވެ. ބަދަލުގައި އެ ކުންފުންޏަށް ދޭން ޖެހޭނީ ކޮންފަދަ އެއްޗެއް ބާވައެވެ. 

މުއިއްޒުގެ ދަތުރު ސްޕޮންސަރ ކުރީ ކޮންތާކުން ކީއްވެގެން ކަމެއް އެނގޭ ކަށްނެތެވެ. ދަތުރު ސްޕޮންސަރކުރި ފަރާތް ސިއްރު ކުރާނީ އޭގެ ފަހަތުގައި ކޮރަޕްޝަނާއި ހިޔާނާތުގެ ކަންތައްތަކެއް ފޮރުވިފައިވާތީއެވެ. އިނގިރޭސި ވިލާތަށް މިފަހަރު މުއިއްޒު މިކުރި ދަތުރުގައި ދައުލަތުގެ ފައިސާ އިސްރާފް ނުކުރާކަން ދެއްކުމަށްޓަކާ ހަރަދުވީ އެންމެ ދޮޅުލައްކައޭ ބުނެގެން ފަރަކު ނުޖެއްސޭނެއެވެ. ދަތުރު ސްޕޮންސަރ ކުރި ބަޔަކާއި ސްޕޮންސަރއަށް އެ ފަރާތުން ހޭދަކުރި މިންވަރަކާއި ރައީސްގެ ދަތުރު އެފަރާތުން ސްޕޮންސަރ ކުރި ބޭނުމެއް ރައްޔިތުންނަށް ފޮރުވާނީ ވައްކަމުގެ ކަންތައްގަޑެއް އެ ދަތުރާ ގުޅިފައި އޮތުމުންނެވެ. 

ފައިގާ ވާޖަހާފައި އޮތް މަޖިލީހަކާއި ވާގިނެތް އޭސީސީއަކާއި ދަތްނެތް ޕޮލިހަކާއި އިންސާފެއްނެތް ފަނޑިޔާރުން ގެތެރެއިން ބެލޭނެ ކަމެއް ނެތެއް ކަމަކު ޖަންތާ އަދާލަތު މުއިއްޒާ އަރާހަމަ ނުކޮށެއް ނުދާނެއެވެ. މުއިއްޒުގެ އިނގިރޭސި ވިލާތު ދަތުރަކީ މުޅިދަތުރުގައިވެސް ކޮރަޕްޝަނާއި ހިޔާނާތުން ކަޅިވެފައިވާ ދަތުރެކެވެ.