މުޒާހަރާ ހުއްޓުވާލުމުގެ ހިއްވަރެއް މުއިއްޒުގެ ނުހުންނާނެ!

މީގެ ކުރީން ވެސް މުޒާހަރާ ބާއްވައެވެ. ވެރިކަމުގައި ތިބި ބަޔަކު ކޮށިއަރައިގެން މިހާވަރަކަށް ނޫޅެއެވެ. މިރޭ މާލޭގައި ބާއްވާ މުޒާހަރާއަށް ހުރަސް އަޅަން ކުރެވުނުހާ މަސައްކަތެއް މުއިއްޒު އެބަކުރެއެވެ. ނުކުރެވޭނެ އެތައްހާސް ކަމެއް ކޮށްދޭނެ ކަމަށް ބުނެ މުއިއްޒު އަނެއްކާވެސް އެތައް ވައުދުވެއްޖެއެވެ. ކަމަކާ ޖެހުމުން ދޮގު ވައުދުވުމަކީ މުއިއްޒުގެ ތޮބީއަތެވެ.
ސިވިލް ސާވިސް މުއައްޒަފުންނާއި ކައުންސިލްތަކުގެ މުއައްޒަފުންނާއި ޖުޑިޝަރީ މުއައްޒަފުންގެ މުސާރަ ބޮޑުކުރަނީއެވެ. މަސްވެރިންގެ އަތުން މަސްގަންނަ އަގު 20ރ އަށް ބޮޑުކުރަނީއެވެ. ހަންކެޑެ ތަރައްގީ ކުރަން ހުޅުވާލާ ވިލިގިލި ރިސޯޓް ހުޅުވަނީއެވެ. މިއަހަރު ނިމުމުގެ ކުރިން މިއޮތް ތިންމަހެއްހާ ދުވަހުގެ ތެރޭގައި މާލޭގައި 3000 ފްލެޓް އަޅަނީއެވެ. އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހި ނުދެއްކިފައި ދެ އަހަރުވަންދެން އޮތްހާ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ދައްކާ ނިންމަނީއެވެ.
މުޒާހަރާ ހުއަްޓުވަން ބޭނުންނަމަ މުއިއްޒު ކުރަންވީ ކަމަކީ ނުފުއްދޭ ވައުދުވުމެއް ނޫނެވެ. ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ފަޒްލާއި ފެނަކަ މުއާޒާއި ބާރަށު ސުޖާއު އާއި ފަލާހު ފަދަ މީހުން ހިފާ ހައްޔަރުކޮށް ހުޅުވާލެވިފައިވާ ތަހުގީގެއްކޮށް ހުޅުވާލެވިފައިވާ ޝަރީއަތެއް ކުރުމެވެ. ރަސްމާލެ ސްކޭމާއި ވިޓޯލް ބަންކަރިންގ ސްކޭމް ފަދަ ސްކޭމްތަކުގެ ހަގީގަތް ހާމަކޮށްދޭން ވީއެވެ.
ސަރުކާރުގެ ސައިޒު ކުޑަކޮށް ބޭކާރު ސިޔާސީ މީހުންތައް ވަކިކޮށްލަ ބަލާށެވެ. ކުރީ ސަރުކާރުން ދިންމީހަކަށް ދިންތާކުން ދިންގޮތަކަށް ދީފައިވާ ގޯތިތަކާ ފްލެޓްތަކާ ބަހަނާ ނުދައްކާ ހަވާލުކުރާށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް އަކުރުން އަކުރަށް ހުޅުވާލައިގެން ބަލަން ފަށާބަލާށެވެ. ހައުސިންގ މިނިސްޓްރީ އަނދާ ހުލިވި ގޮތް ބުނެދޭށެވެ.
ރައްޔިތުންގެ މަޖިލިސް މެންބަރުން ބަދެފައި އޮތް ބަނދެވުމުން މިނިވަން ކުރަންވީއެވެ. އެންމެ ފަހުން ގަދަބަދެވިކަމުން ސްޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރުންނަށް މަގާމު އިޔާދަކޮށް ދޭންވީއެވެ. ދުންފަތުގެ ޑިއުޓީއާއި ޓެކްސް ކުޑަކޮށް ވޭޕް ބޭން ނައްތާލަންވީއެވެ. އެކަމަކު ނުކެރެވޭނެއެވެ. ނުކުރާނެއެވެ.