ސަރުކާރުން ކުންފުނިތަކާއެކު ހުސްގަނޑުގައި ސޮއިކޮށްފަ އެބަހުރި: އައްބާސް

އާއްމުކޮށް ރައީސް މުއިއްޒު ދޮގު ހައްދަވާ އުސޫލުން ކަނޑައެޅިގެން ދޮގު ހައްދަވާ ދައްކަވާފައިވާ ވާހަކަފުޅެއް ޓެގްކުރައްވާ ރައީސް މުއިއްޒަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ރައްދު ދެއްވައިފިއެވެ. އެކްސްގައި މެންބަރ އައްބާސް ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ 2023 ވަނަ އަހަރާއި އޭގެ ކުރިން 2019-2022 އަށް ވެސް ޕްރޮޖެކްޓްތަކުގެ ޓެންޑަރ މަރުހަލާ ކުރީ ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާނީ ފާސްކުރެވުނު ބަޖެޓާއި އެއްގޮތަށް ކަމަށެވެ. ދޮގެއް ކޮންމެހެންވެސް ހަދާ ހިތްވެގެން ގައި ކަހާނަމަވެސް، ހަދަންވާނީ މީހުން ގަބޫލުކޮށްފާނެ ފާޑުގެ ދޮގު ކަމަށް އައްބާސް ވިދާޅުވިއެވެ.
2023 ވަނަ އަހަރު އެވޯޑް ކުރެވުނު ޕްރޮޖެކްޓްތަކުގެ ތަފްސީލް މިހާރުވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގަ ފެންނަން އެބަހުރި ކަމަށާއި ޓެންޑަރ މަރުހަލާ ނިމުނީމަ މަޝްރޫއުތަކުގެ އެވޯޑްޝީޓް ވަކިން އަޕްލޯޑް ކުރަން ފެށުނީ މިދިޔަ ސަރުކާރުގައި ކަމަށްވިދާޅުވެ ފިނޭންސް މިނިސްޓްރީގެ ލިންކް ވަނީ ހިއްސާ ކުރައްވާފައެވެ. އައްބާސް ވިދާޅުވީ " 2023 ވަނައަހަރުވެސް ޕްރޮޖެކްތަކުގެ ޓެންޑަރު މަރުހަލާ ކުރިޔަށް ގެންގޮސްފައިވާނީ 2023 ވަނައަހަރަށް ފާސްކުރެވުނު ބަޖެޓާއި އެއްގޮތަށް" ކަމަށެވެ. finance.gov.mv/public-procure
ޕްރޮޖެކްޓް އެވޯޑްކުރުމާއި ހަމައަށް ދަނީ ވަރަށް ގިނަ މަރުހަލާ ކަޑައްތުކޮށްފައި ކަމަށް ވިދާޅުވަމުން އައްބާސް ވިދާޅުވީ 2022 ވަނައަހަރު ޓެންޑަރަށް އަލަށް ހުޅުވާލެވޭ ޕްރޮޖެކްޓެއް 2023 ވަނައަހަރުވެސް އެވޯޑް ކުރެވިފަ ހުރެދާނެކަމަށެވެ. " މިސާލަކަށް 2023 ވަނައަހަރު ޖެނުއަރި މަހު އެވޯޑްކޮށްފައިވާ 31 ޕްރޮޖެކްޓުން ގިނަވާނީ 2022 ވަނައަހަރު ޓެންޑަރު މަރުހަލާ ފެށިފައިވާނެ ޕްރޮޖެކްޓް" ކަމަށް އައްބާސް ވިދާޅުވިއެވެ.
2023 އަހަރު އެވޯޑްކުރެވުނު ޕްރޮޖެކްޓްތަކުގެ ޖުމްލަ އަދަދަކީ 202 ކަމަށާއި އޭގެ ތެރެއިން ޖުލައި މަހުން ނޮވެމްބަރު މަހަށް (ވެރިކަން ބަދަލުވުމާއި ހަމައަށް) އެވޯޑްކުރެވުނީ 103 ޕްރޮޖެކްޓް ކަމަށް އައްބާސް ވިދާޅުވިއެވެ. އޮކްޓޯބަރު އާއި ނޮވެމްބަރު މަހު އެވޯޑް ކުރެވިފައިވާ ޕްރޮޖެކްޓް ތަކަކީވެސް ބަޖެޓްގައި ވާގޮތަށް އޭގެ އެތައް މަހެއް ކުރިން ޓެންޑަރު މަރުހަލާ ފެށިފައިވާ ޕްރޮޖެކްޓްތައް ކަންވެސް އައްބާސް ފާހަގަ ކުރެއްވިއެވެ.
އެއް ޕްރޮޖެކްޓެއް ގިނަ ފަރާތްތަކަށް އެވޯޑް ކޮށްފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހައްދަވަނީ ދޮގެއްކަމާށާއި އެވޯޑް ކޮށްފައިވާ ފަރާތްތަށް އެނގޭ ޓޭބަލް (ޖުލައި މަހުން ފެށިގެން) ބައްލަވާލެއްވުމަށް އައްބާސް އެދިވަޑައިގަނެއެވެ. އެޑްވާންސް ޕޭމެންޓްވެސް ދޫކޮށްފައިވާނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށް ލިސްޓް ބައްލަވާ ލައްވުމުން ސާފުވާނެ ކަމަށް އައްބާސް ވިދާޅުވެއެވެ.
2019-2023 އަށް ވެސް އެތަށް ދަތިތަކާއެކުވެސް ޕްރޮޖެކްޓްަތައްވެސް ހިންގި ކަމަށާއި އެ ބަޖެޓްތައް ވެސް ފާސްކޮށްފަ އޮންނާނީ 2024 ގަ ބަޖެޓް ވެސް އެކުލަވާލައި، ފާސްކޮށްފައިވާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. 2023 ޓްރާންޒިޝަން މުއްދަތުގައި ރައީސް މުއިއްޒުގެ ޓީމް ބޭނުންވި ގޮތަށް 24 ގެ ބަޖެޓް އެކުލަވާލަން ފުރުސަތު ބޮޑުކޮށް ދީފައިވާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ކަންކަން ނުވެގެން އުޅެނީ ހަމަ ގާބިލްކަމެއް ނެތި ދެން ކުރާނެ ކަމެއް ނޭނގި ގަބު ވެފަ ތިބޭތީ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ސަރުކާރަކީ އެއްވެސް ވަރަކަށް ހަމައެއް އުސޫލުއް ފޮލޯ ކުރާ ބަޔެއް ނޫން ކަމަށް ވިދާޅުވަމުން މި ދިޔަ ސަރުކާރުގައި ކޮންޓްރެކްޓް އެވޯޑްކޮށް މަސައްކަތްވެސް ފަށާފައިވާ ޕްރޮޖެކްޓެއްގެ މަސައްކަތްކުރާ ކޮންޓްރެކްޓަރަށް އަންގާލުމެއްވެސް ނެތި، ދިރި އޮތް އެގްރިމެންޓް އޮތްއިރު، ރައީސް މުއިއްޒުގެ ކުރި މަތީ ރައްޔިތުންނަށް މަކަރު ހަދަން ސަރުކާރު ކުންފުންޏާއެކު ހުސް ގަނޑެއްގައި ވެސް ސޮއިކޮށްފަ އެބަހުރި ކަމަށް އައްބާސް ވިދާޅުވިއެވެ.