ޒަމީރަށް: ހަރަދު ކުޑަނުކޮށް އިސްރާފުކުރަން ތިބޭނީ ކިހާދުވަހަކު!
ދުނިޔޭގެ ގައުމުތަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަމުން ދަނީ ސިޔާސީ ބޭނުމުގައި ކަމަށް ރާއްޖޭގެ މާލީ ވަޒީރު ބުނީމާ އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. ކޮންމެ ބޭނުމެއްގައި ނަމަވެސް ހަރަދު ކުޑަކުރުމަކީ ކުރަންޖެހޭ ކަމެއްކަމަކަށް މިހާރު މިއޮތް ބޯހަރު ދިވެހި ސަރުކާރުން ގަބޫލެއް ނުކުރެއެވެ.
ހަނގުރާމައިގެ ހާލަތަކަށް ދުނިޔެ ވެއްޓުމުގެ ކުރީންވެސް ރާއްޖޭގެ ހަރަދުތައް ކުޑަކުރުމަށް މުޅި ދުނިޔެއިން ވެސް އައި ގޮވާލަމުންނެވެ. ދަރަނިން ބޯހިކެން ނެތިގެން ރާއްޖެ އޮތީ ބަގުރޫޓް ހާލަތުގައިކަމަށް ދުނިޔޭގެ ރޭޓިންގ އެޖެންސީތަކުން އައީ ބުނަމުންނެވެ. ދުނިޔޭގެ މަލީ އިދާރާތަކުން ރާއްޖޭގެ ހާލަތާ ގުޅުވާ ބުނަމުން އައީ 2026 ވަނަ އަހަރަކީ ގޮންޖެހުން ބޮޑު ބިރުވެރި ހާލަތަކަށް ރާއްޖޭގެ މާލީ ހާލަތު ދާނެ އަހަރެއް ކަމަށެވެ.
އެހެނެކޭ ކިޔާ ރާއްޖޭގެ ސަރުކާރަކަށް ކަހެރުވަކެކޭ ވެސް ހިތަކަށް ނާރައެވެ. ދައުލަތް ލޫޓުވާ ތަޅާބުރުވާ އިސްރާފުކުރުމުގައި ތިބީ ދަނޑިމަތި އަބުރާލަ އަނބުރާލައެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި 120 ބިލިޔަންގެ ބަޖެޓެއް ވީދާކައި ހުސްކުރިއިރު ގައުމަށް ކުޑަވެސް ހަމަޖެހުމެއް ނާދެއެވެ. އެތެރެއާއި ބޭރުގެ ދަރަނި މަތި މައްޗަށް ދަނީ ބޮޑުކުރަމުންނެވެ.
ވަރަށް ހަމަޖެހިގެން އުޅޭކަމަށް ދެއްކޭއިރު ކުރިން ލިބުނު ގިނަ ބޭސް އާސަންދައިން ނުލިބޭތާ ގަންނަންވެސް ނުލިބެއެވެ. ގޭސް އަދި ލިބެނީ ނަމެއްގައެވެ. ތެލުގެ އަގު ހުރީ އާސްމާނުގައެވެ. ކަރަންޓާއި ފެނުގެ ހިދުމަތް އޮތީ ކެނޑޭ ނުކެނޑޭ ހިސާބުގައެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދަލުގެ އަގަކަށް އަތެއް ނުފޯރައެވެ. މިހާލަތަށް ގައުމު ވެއްޓެމުން އައީ ހަނގުރާމައިގެ ސަބަބަކުން ނޫނެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިސްރާފު ބޮޑުވެ ހިންގުންތެރިކަމެއް ނެތް ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ.
ހަމަތެދެކެވެ. ސަރުކާރުން ނުދަރާ ގައުމެއް މާލީ އިދާރާއެއް ނެތް އިރު ސަރުކާރުން ފައިސާތަކެއް ލިބެން ނުޖެހޭ ކުންފުންޏެއް އާއިލާއެއް ރާއްޖެއަކު ނެތެވެ. މިހާލަތުގައި ގައުމު އޮއްވާ ބޮޑު ހަނގުރާމައެއްގެ ވިލާގަނޑުދަށުގައި ދުނިޔެވީމާ އަދިވެސް ހަރަދު ކުޑަނުކޮށް ޅޮސްއުނދޯއްޔަށް ރައްޔިތުން ލައިގެން ތިބެވިދާނެއޭ ހީވަނީ ހެއްޔެވެ.




