އޮބާލެވުނީ ނުބައި ފިތަކަށް ކަން މުއިއްޒަށް އިހުސާސްވެއްޖެ!

ބެލުމެއްނެތި އެކަންކޮށްލީ ހިތުން ހިތިބޭސް ބޮއެގެން ރައްޔިތުން ތިބޭނެކަމަށް

އޮބާލެވުނީ ނުބައި ފިތަކަށް ކަން މުއިއްޒަށް އިހުސާސްވެއްޖެ!

މިދާކަށް ދުވަހު ރައީސް މުއިއްޒު ވަރަށް އަޑަށް ބާރުލާފައި ޑޮލަރގެ ދަތިކަން މުޅިން ފިލުވާލެވިއްޖެކަމަށް ބުންޏެވެ. ރުފިޔާގެ އަގުމަތިވެއްޖެ ކަމަށް ބުންޏެވެ. ޑޮލަރުގެ އަގު ދެން މައްޗަށް ނަރާނެ ކަމަށް ވެސް ބުންޏެވެ. ގައިމު ރައީސް އެހެން ބުނާނީ ޑޮލަރުގެ ދަތިކަން ފިލުވާލެވިގެންތާއެވެ. ރައީސް އެހެން ބުނިތާ މާ ގިނަ ދުވަސްތަކެއްނުވެ މިވީ ކިހިނެތް ހެއްޔެވެ. 

ރުފިޔާ އެކައުންޓުތަކުން ހެދޭ ޑޮލަރ ޓްރާންސެކްޝަން ތަކުގެ ލިމިޓް ބޮޑުކުރަން ވައުދުވި ރައީސް މިއަދު މިހެދީ ކިހިނެއްހެއްޔެވެ. ކުރިން ވީވަރުވެސް ނުވެ ސުމަކަށް ވައްޓާލިއެވެ. ތުރުކީގައި ތިބި ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކޮށް ރުފިޔާ އެކައުންޓުން 1200 ޑޮލަރާ ހަމައަށް ޓްރާންސެކްޝަން ހެދޭނެގޮތް ހަދާދޭންވީ ވައުދުވެސްވީ ހޮޅި ވައުދަކަށެވެ. ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރ ޓްރާންސެކްތައް ނުހެދޭ ގޮތަށް ހެދީއެވެ. 

މަރުކަޒީ ބޭންކަށް ލިބޭ ޑޮލަރުުން ބޭރުގެ ދަރަނި ދެއްކުމާއި ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް ގަތުމާއި ބޭންކުތަކަށް ޑޮލަރު ދޫކުރުމަކީ މުއިއްޒު ވެރިކަމަށް އައިފަހުން އަލަށް ކުރަންފެށި ކަމެއް ނޫނެވެ. ބީއެމްއެލް އުފެދުމުގެ ކުރީންވެސް ދައުލަތުން އެކަންކަން ކުރެއެވެ. 

އާނއެކެވެ. ބޭންކަށް ގިނަ ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކުންނެވެ. އެއްޔަކީ އަދަކު އިއްޔެއަކު އެކަނި އެކަން ކުރާގޮތެއް ނޫނެވެ. އަންދުހު އާދަމަގުން އެކަން ހިގަނީ އެހެންނެވެ. ހަމައެހެން އަމިއްލަ ވިޔަފާރިތަކުންވެސް ބޭންކަށް ޑޮލަރު ޖަމާކުރެއެވެ. ބީއެމްއެލްގައި ހުންނަ ރުފިޔާ އެކައުންޓްތަކުން ޑޮލަރ މުއާމަލާތު ނުކުރެވުނު ޒަމާނެއް ބޭންކްގެ ތާރީހުގައިވެސް ނުދެކެއެވެ. އެކަމަކު އެއްވެސް ބެލުމެއްނެތި އެކަންކޮށްލީ ހިތުން ހިތިބޭސް ބޮއެގެން ރައްޔިތުން ތިބޭނެ ކަމަށެވެ.

އޮބާލެވުނީ ނުބައި ފިތަކަށްކަން މުއިއްޒަށް އިހުސާސްވީ އެއްވާނަކަށް މުޅި ގައުމު ކެކިގަތުމުގެ މަލަމަތި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެންނަން ފެށުމުންނެވެ. ގޯއްޗާއި ފްލެޓާއި ނުދީ ހުރެގެން ކުޅޭ ޗަރުކޭސް ބަލަން ތިބިހެން ނުތިބޭނެކަން އެނގިގެންނެވެ. ކަރަންޓް ބިލް ބޮޑުވެގެން ވާހަކަ ދައްކާލާފައި ނިންމާލާ ގޮތަށް ހަނު ނުތިބޭނެ ކަން ކަށަވަރު ވުމުންނެވެ.