މުއިއްޒަށް: ފުރުސަތު އޮތަސް ނެތަސް ޖެހޭނީ ބާލަން
ސަރުކާރުގެ ވާދަވެރިން ވެރިކަން ބަދަލުކުރީ އިންޑިއާ އައުޓް ކުރަން
ކޮން ވާހަކައެއް ހެއްޔެވެ. ފުރުސަތު އޮތަސް ނެތަސް ޖެހޭނީ ބާލާށެވެ. ފުރަތަމަ ދުވަސް، ފުރަތަމަ ހަފްތާއަށްވެ، ފުރަތަމަ ހަފްތާ، ފުރަތަމަ މަހަށްވެ، ވެވަށް ވެއްޓުނު ގެރިއަށް އިންޑިއާ ސިފައިން ބޭލުން ހަދައިގެން ނުވާނެއެވެ.
ރައްޔިތުން ވެރިކަން ބަދަލުކުރީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ކަމަށް ބުނެ ވެރިކަން ހޯދަން ފެތުރި ދޮގު ވާހަކަ ތަކުގެ ތެދު ދޮގު ބަލައިލާށެވެ. ރާއްޖޭގައި ކުރުކާލި ކަނޑާ އިންޑިއާ ސިފައިން ގިނަވެގެން އޮބި ނޯވެގެން ބަޔަކަށް ރޭނިދި ނުދިގެން އުޅޭތީއެވެ. ހިނގަމުން އައި ސަރުކާރުން ދެއްކި ވާހަކަ ގަބޫލުނުކޮށް ވަގުތުން ވަގުތައް އިންޑިއާ ސިފައިން ބޭލުން ނޫން ގޮތެއް ނެތިގެންނެވެ.
ރާއްޖޭގައި އަސްކަރީ ކަމެއްގައި ބޭރު ސިފައިންގެ ބަޔަކު ނެތްކަމަށް ސަރުކާރުން އައީ ބުނަމުންނެވެ. ސްޓްރެޓެޖިކް އެއްބަސްވުމެއްގެ ދަށުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާރެރިކަން ކަށަވަރު ކުރުމަށް ފާރަވެރިވާ އިންޑިއާގެ ދެހެލިކޮޕްޓަރާއި ޑޯނިއަރ ބޯޓެއް އޮޕަރޭޓު ކުރަން އައިސްތިބި ބަޔަކު ތިބެގެން ސަރުކާރުގެ ވާދަވެރިން ފަޔަށް ހިނިއަރައިގެން އުޅުނީ ގައިމު ކަމެއް ވެގެންތާއެވެ.
ރައީސް ޔާމީނު ވެރިކަމުގައި ވިސާ އައުކޮށް ނުދިނީމާ ވެސް ފައިބައިގެން ނުދާން ގަދަ ހަދައިގެން އެމީހުން ތިބި ވާހަކަވެސް ދެއްކީމު ނޫން ހެއްޔެވެ. ސިފައިންގެ މައިމަރުކަޒަށްވަދެ ކޮމާންޑް ކުރަނީ އިންޑިއާ ހައިކޮމިޝަނަރޭ ވެސް ގޮވީމު ނޫން ހެއްޔެވެ. އެވަރު ބަޔަކާއެކު މަސްވަރާ ކޮށްގެން މުއިއްޒަށް އެމީހުން ވަކި ބޭލޭނެ ހެއްޔެވެ. ނުވާނެއެވެ. ޕީޕީއެމުން ބުނާ ގޮތުން ޔާމީނަށް ވެސް އޮތީ އެކަން ނުވެފައެވެ.
ގަދަކަމުން އިންޑިއާ ސިފައިން ބޭލުމުގެ ހިއްވަރު މުއިއްޒުގައި ހުންނާނެ ހެއްޔެވެ. ހުރިއްޔާ ނިކަން ބާލައިލަ ބަލާށެވެ. ބާލަން ތިޔަ އުޅެނިއްޔަކީ ޖީއެމްއާރެއް ނޫނެވެ. ޖީއެމްއާރު ބޭލުނީ ވެސް އެތައް ސަތޭކަ މިލިޔަން ޑޮލަރ ބަދަލުގެ ގޮތުގައި ދައުލަތުން ގުރުބާން ކޮށްގެންނެވެ. މިހާރު ބާލާ ވާހަކަ ތިޔަ ދައްކަނީ އިންޑިއާ މިލިޓަރީއެވެ.
އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓަކާއި ދެ ހެލްކޮޕްޓަރ ރާއްޖޭގައި އޮވެގެން ބަލަހައްޓާ ދިނީ ރާއްޖޭގެ ވަޔާއި ކަނޑުގެ ބޯޑަރެވެ. ހުއްޓުވީ ޕައިރެޓުންނާއި ވަގަށް ހަތިޔާރު ބަދަލުކުރުމާއި ޑްރަގް ނެޓްވޯކް ތަކެވެ. އެއްތަނުން އަނެއްތަނަށް އުފުލައިދިނީ ހަލުބޮޑު އިމަޖެންސީ ބަލި މީހުންނެވެ. ހިންގީ ސޭފް އެންޑް ރެސްކިއު އޮޕަރޭޝަންތަކެވެ. ކަށަވަރުވީ ރާއްޖޭގެ ސިޔާދަތާ މިނިވަންކަމެވެ.
ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތަސް ފަރުވާލެއް ނެތެވެ. އިންޑިއާ ސިފައިން ރާއްޖޭން ޖެހޭނީ ބާލާށެވެ. އިންޑިއާ އައުޓުކުރުން ނޫން އެހެން އެއްވެސް ގޮތެއް މަޝްވަރާކޮށްގެން ވެސް ހޯދުމަކަށް ނެތެވެ. ލަސް ކުރުމެއް ފަސް ކުރުމެއް ވެސް ނެތިއެވެ. ތިބިއްޔާ ތިބި އިންޑިއާ ސިފައިންނެއް ސުލްހައިގައި ވަގުތުން ރާއްޖޭން ނުފައިބަންޏާ ޖެހޭނީ ގަދަކަމުން ވެސް ބާލާށެވެ. ބޫޓު ޖޯޑެއް ވެސް ހުއްޓަ ނުދިއެވެ. ތިލަދުންމަތިން ރައްޔިތުން ވެރިއަކު ހޮވީ މިނިވަންކަން ކޮމްޕްރަމައިޒް ނުކުރަން ވެގެންނެވެ.