މައުމޫނިޒމް އެންމެ ބޮޑީ ނަޝީދުގެ
މައުމޫނު ވާދަކުރެއްވީ ގިނިކަންޏާ ރިޔާސީ އިންތިހާބުގައި، ނަޝީދު ގިނިކަންޏާ ވާދަކުރެއްވި ރިޔާސީ ޕްރައިމަރީގައި
ރާއްޖޭގެ ރައީސްކަން ކުރުމަށް ފައިނަގާ ކޮންމެ މީހަކުމެ އެންމެ ފުރަތަމަ ބޯލަނބާން ޖެހެނީ ގާނޫނަށެވެ. އަމްދުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ގާނޫނީ ހުކޫމަތު ފުޑުފުޑުވާ ޒާތުގެ ވާހަކަފުޅުތައް ދެއްކެވުމަކީ ނުރައްކާތެރި ކަމެކެވެ. ރައީސް ކަމުގެ މަސްތުގައި ދައްކަވަން ވާނީ ގާނޫނު މުގުރުމަށް ހިތްވަރު ލިބޭޒާތުގެ ވާހަކައެއް ނޫނެވެ.
ސިޔާސީ ޕާޓީގެ ގާނޫނީ ދަފުތަރު ބެލެހެއްޓުމުގެ ޒިންމާ އިލެކްޝަނަށް ލިބިފައި އޮތީ އެ ކޮމިޝަނުން އަމިއްލަޔަށް ހޯދައިގަނެގެނެއް ނޫނެވެ. ގާނޫނުން އެކަން އެކޮމިޝަނާ މަތިކޮށްފައި އޮތީމައެވެ. ގާނޫނުން މަތިވެފައި އޮންނަ ޒިންމާ އެއް އަދާކުރުމާ މުއައްސަސާގެ ހަގު ދޮށިކަމާ އޮންނަންވީ ގުޅުމަކީ ކޮބައި ހެއްޔެވެ. އެމްޑީޕީއަށް ވުރެ އިލެކްޝަންސް ކޮމިޝަން ހަގު ވުމަކީ އެމްޑީޕީގެ މައްޗަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ އިހުތިސާސް ނުހިގާން އޮތް ސަބަބެއް ނޫނެވެ.
ދޮށިވެގެން އިހުތިސާސް ނުހިގަންޏާ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވާ އިރެއްގައި ނަޝީދަށް ވުރެ ދޮށީ ރައްޔިތުންގެ މައްޗަށް ނަޝީދުގެ ރައީސް ކަމުގެ އިހުތިސާސެއް ނުއޮންނާނެތާއެވެ. ކަމަކައިގެން ދަހިވެތިވެ ވަޑައިގަތަސް ފުކެއް ބޮޑުވަރެވެ. ރައީސް ނަޝީދާ ޖެހުމުން ހަމަތަކާއި އުސޫލުތަކާއި ގާނޫނުތައް ވެސް ހުންނަން ޖެހެނީ އެ ހިނދަކަށް ނަޝީދު ބޭނުންފުޅުވެ ވަޑައި ގަންނަވާ ގޮތަށެވެ. ޕާޓީގެ މެންބަރުންގެ ދަފުތަރަކީ ވެސް އެއިރަކު ނަޝީދު ބޭނުންފުޅު ގޮތަކަށް އޮންނަން ޖެހޭ އެއްޗެކެވެ.
މީގެ ހަތަރު އަހަރު ކުރިން އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ހަނދުމަފުޅު އައުކޮށް ލައްވާށެވެ. 13 އަހަރުގެ ޖަލު ހުކުމަކާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ މަގު އޭރު އޮތީ ރައީސް ނަޝީދަށް ބަންދު ވެފައެވެ. އެހެނަސް މައުމޫނު ބޭއްވެވި ރިޔާސީ އިންތިހާބުތައް ފާޑަށް ރައީސް ނަޝީދު ގިނިކަންޏާ ވާދަކުރެއްވި ފެންނަ ނުފެންނަ ރިޔާސީ ޕްރައިމަރީއެއް 30 މެއި 2018 ގައި ބޭއްވުނެވެ. މެންބަރުން ޖަޒްބާތުގައި ޖައްސައިގެން އެކަން އެ ދުވަހު ކުރެއްވީ " ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ބޭފުޅަކަށް ފުރުސަތުދޭ ޕްރައިމަރީއެއް" ބޭއްވުން ކޯޓު އަމުރަކުން މަނާ ކޮށްފައި ވަނިކޮށެވެ. ވީގޮތެއްވެ އެކަން ނިމިގެން ދިޔައީ ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ނުވެ ގާނޫނީ ހަމަ އެޅިގެން އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި އެހެން ބޭފުޅަކު ނެރެގެން ވާދަ ކުރުމަށް ފުރުސަތު ލިބިގެންނެވެ. މި އުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
ދައްކަން މި އުޅެނީ ރައީސް ނަޝީދު ގިނިކަންޏާ ވާދަކުރެއްވި 2018 ގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ސައްހަވީ އެއްގޮތެއްގެ ވާހަކައެވެ. އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ދުވަހު ވޯޓް ލެވުނެވެ. ވޯޓްލާ އެސްއެމްއެސް ފޮނުވުމަށް ކަނޑައެޅިފައި އޮތް ނަންބަރަށް ކޮންމެ ޕާޓީއެއްގެ މެމްބަރަކަށް ވެސް އެސްއެމްއެސް ކުރުމަކަށް ހުރަހެއް ނެތެވެ. ވޯޓުދިން ކަމުގެ އެސްއެމްއެސް ފޮނުވާ އިރަށް ވޯޓު ބަލައިގަތްކަމުގެ މެސެޖެއް އެސްއެމްއެސް ކުރި ފަރާތަށް ލިބުނެވެ. ކޮންމެ މީހަކަށް ވެސް ވަކި މިންވަރެއް ނެތި ބޭނުން ވަރަކަށް ވޯޓު ލެވުނެވެ. އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންނަށް ވެސް ބޭނުން ވަރަކަށް އެ ޕްރައިމަރީގައި ވޯޓު ދިނުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ. އަނެއް ކޮޅުން ވޯޓު ދިނުމުން " 1 ވޯޓު ލިބިއްޖެ، ޝުކުރިއްޔާ ޖަޒީރާ ރައީސް މުޙައްމަދު ނަޝީދު" މިހެން ލިޔެފައި އޮންނަ މެސެޖެއް ވޯޓުދިން ކޮންމެ މީހަކަށް ލިބުނެވެ. އެއީ ދުނިޔޭގެ އެއްވެސް އިންތިހާބެއްގައި އެހާތަނަށް އަމަލުކުރި އުސޫލެއް ނޫނަސް ރައީސް ނަޝީދާ ޖެހުމުން ބަދަލު ވެގެން ދިޔައީ އުސޫލެވެ. ޑިމޮކްރަސީގެ ވާހަކަ ކިތަންމެ ބާރަށް ދެއްކެވިޔަސް ހަގީގަތުގައި މައުމޫނިޒަމް އެންމެ ބޮޑީ ނަޝީދުގެއެވެ.