މަރުވެފައިވާ ކަލްޓް ފިކުރެއް ނުދިރޭނެ!
މަޖިލީހުގެ އެމްޑީޕީ މެޖޯރިޓީ އޮތީ ސަރުކާރާއެކު ރައްޔިތުންނަށް ހިދުމަތް ކުރަން ރައީސްގެ ފަހަތްޕުޅުގަ.
ކަންކަން އޮޅުވާ ނުލައްވާށެވެ. ރާއްޖޭގެ ރައްޔިތުންނަށް މޮޅާ ރަނގަޅާ ލާބަ އޮތީ އެމްޑީޕީގެ ރައީސަކު ހުރެގެން ކަމަށް އެންމެ ބާރަށް ވާހަކަ ދައްކަވަނީ ރައީސް ނަޝީދެވެ. މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮންނަން ޖެހޭ ކަމަށް ވިދާޅުވެ އަޑު އުފުއްލެވީ ނަޝީދެވެ. އެމްޑީޕީގެ ކައުންސިލަރުން ތިބެގެން ނޫނީ ރަށްރަށް ތަރައްގީ ނުކުރެވޭނެ ކަމަށް ވަކާލަތު ކުރައްވަނީ ވެސް ރައީސް ނަޝީދެވެ. ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ މެޖޯރިޓީގެ އެއްބާރުލުން ސަރުކާރަށް ނުލިބި ދައުލަތް ރަނގަޅަށް ނުހިނގާނެ ކަމަށެވެ. ކައުންސިލް ތަކަކީ ސަރުކާރާ ތަފާތު ހިޔާލުގެ ބަޔަކަށް ވެއްޖެ ނަމަ ރަށްރަށް ތަރައްގީ ކުރަން ފަސޭހަ ނުވާނެ ކަމަށެވެ.
ރައްޔިތުން އެއަޑު އަހާ އެމްޑީޕީއަށް 2018ގައި ރައީސްކަން ދިނެވެ. ރައީސުލްޖުމްހޫރިއްޔާކަން ކުރައްވަނީ ރައީސް ނަޝީދު ނޫނެއް ކަމަކު ހަމަ އެމްޑީޕީންނެވެ. އެމްޑީޕީގެ ފުރިހަމަ އެއްބާރުލުމާއި ރައްޔިތުންގެ %68 މީހުންގެ ވޯޓުން ރާއްޖޭގެ ރައީސަކަށް އެ ހުންނެވީ އެމްޑީޕީގެ އިސްލީޑަރެވެ. އެމްޑީޕީން ރައީސްކަން ކުރާތީ މަޖިލީހުގެ 65 ގޮނޑި ވެސް ރައްޔިތުން އޮތީ އެމްޑީޕީއަށް ދީފައެވެ. ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކުގެ ބޮޑު މެޖޯރިޓީ ރައްޔިތުން ދިނީ އެމްޑީޕީއަށެވެ. އެކަން ކުރީ ރައީސް ކަމުގައި ހުންނެވީ އެމްޑީޕީގެ ރައީސް ނަޝީދު ނޫންކަން ރަނގަޅަށް އެނގިތިބެއެވެ.
ހަމަ ތެދެކެވެ. ރައީސް ނަޝީދު ވިދާޅުވިހެން މަޖިލީހުގެ އެމްޑީޕީ މެޖޯރިޓީ އޮތީ ސަރުކާރާއެކު ރައްޔިތުންނަށް ހިދުމަތް ކުރަން ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައެވެ. ކައުންސިލަރުންގެ މެޖޯރިޓީ ވެސް އޮތީ ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގެ ތަރައްގީއަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ބަދަހިކޮށެވެ. އޭގެ ނަތީޖާ ވެސް އެހަމެ ފޮންޏެވެ. ރަށްރަށު މީހުން ހުވަފެނުން ވެސް ނުދެކޭހާ ބާރަށް ފަތުއަޑު ކިޔާފައި ތަރައްގީގެ ކަންކަން އެބަ ހިނގައެވެ. ކަމެއް ނުވިއްޔާ ނުވެ އޮންނަނީ އިދިކީލި ވެގެން ކަންކަން ކުރިޔަ ނުދޭން އުޅޭ މެންބަރުންނާއި ކައުންސިލަރުންނާ ހެދިއެވެ. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ކަމެއް ކުރިޔަ ނުދޭން ކުރާ ކަންކަމުގެ ސަބަބުންނެވެ.
ވަޒީރުންނާއި ރައީސަށް އެއްބާރުލުން ދީގެން ކަންކަން ނުވާނެ ކަމަށް ރައީސް ނަޝީދު މިހާރު ވާހަކަ ފުޅު ދެއްކެވީމާ ދައްކަވާ ވާހަކަފުޅު ތަކުގެ އިހުލާސްތެރިކަމެއް ނެތްވަރު ހާމަ ވަމުން އިތުބާރު ކެނޑެމުން ދިޔުން ނޫން ކަމެއް ނުވެއެވެ. އެމްޑިޕީއަށް ރައްޔިތުން އިތުބާރު ކުރަނީ ވަކި މީހެއް ވެގެންނޫނެވެ. އެކަން ވަރަށް ސާފުކޮށް އެމްޑީޕީ މެންބަރު އެ ދަނީ ސާބިތުކޮށް ދެމުންނެވެ.
ރައްޔިތުން މަޖިލީހުގެ ޕީޖީ ގްރޫޕްގެ ސްޕަރ މެޖޯރިޓީއާއި ގައުމީ މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއި ކޮންގްރަސްގެ ސްޕަރ މެޖޯރިޓީއާއި އެމްޑީޕީގެ ސެކެޓްރިއޭޓް ރައީސް ސާލިހުގެ ފަހަތްޕުޅުގައި ރުކުރުވާ ލެވިފައި އޮތީ އެމްޑީޕީގެ ކުރިމަގު އޮތީ ރައީސް ސާލިހުއާއި އެކުގައިކަން ގަބޫލު ކުރާތީއެވެ. މަރުވެފައިވާ ފިކުރެއްގައި ދިރުމެއް ނުއޮންނާނެކަން އެންމެން ދަނެއެވެ.