ކެންސަރަށް ފައްސިވުމުން ދިމާކުރީ ލެބޯޓްރީ ރެޓަކަށް ހަދަން!

އުމުރުން ތިރީހަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖެވެ. އެވްރެޖް ސައިޒަށްވުރެ ހަށިގަނޑުގެ ބުރަދަން މައްޗެވެ. މީހަކާ އިނދެގެން ތިން އަހަރު ވީއިރުވެސް ކުއްޖަކު ނުލިބެއެވެ. ތަކުރާރުކޮށް މެދުނުކެނޑި އިއިޖީއެމްއެޗުން ޑޮކްޓަރަށް ދައްކައެވެ.
އައިޖީއެމްއެޗްގައި އިންތިޒާމް ވެފައި އޮންނަ އުނދަގޫ ކިޔޫ ތަރުތީބުގެ ތެރެއިން ސްޕެސަލިސްޓެއްގެ އެޕޮއިންޓްމެންޓް ހޯދުމަކީ މަރުފުށު ކަމެކެވެ. އެގޮތަށްވެސް ވަކިއެއް ސްޕެސަލިށްޓަކަށް ދެއްކޭ ގޮތެއް ނޯވެއެވެ. އެކިފަހަރު ދެއްކެނީ އެކި ޑޮކްޓަރުންނަށެވެ. އެތައް ދުވަހަކު ވޭޓްލިސްޓްގައި އޮވެ އެޕޮއިންޓްމެންޓް ލިބިގެން ދެއްކި ދެއްކުމުން ދަރިމައިވުމުގެ ނިޒާމްގައި ސިސްޓް ހުންނަކަން ޑައިގްނޯސްވިއެވެ.
ޑޮކްޓަރުންނަށް އެކަން ދެނެގަނެވުނުތާ ދެ އަހަރު ވީއިރުވެސް އެކަން ހައްލުކުރުމަށް އެކަށީގެންވާ ފަރުވާއެއް ނުދެއެވެ. ހަގީގީ މައްސަލައަށް ފަރުވާނުކޮށް އަންގަމުން ދިޔައީ ބަރުދަން ލުއިކުރުމަށެވެ. އެގޮތުގައި ދެއަހަރެއްހާ ދުވަސް ވީފަހުން ހާލު ބޮޑުވެގެން ޑޮކްޓަރަށް ދެއްކުމުން ޖެހުނީ ވަގުތުން ޑީއެންސީއެއް ހަދާށެވެ. ހެދި ޑީއެންސީގެ ބަޔޮޕްސީ ސާމްޕަލް ނަތިޖާއިން އެނގުނީ ކެންސަރަށް ފައްސިވެފައިވާކަމެވެ.
ދޭންޖެހޭ ފަރުވާނުދެވި އައިޖީއެމްއެޗްގެ އިހުމާލުން ބަލިމީހާ ކެންސަރަށް ފައްސިވުމުން ދެން ދިމާކުރީ ބަލިމީހާ ލެބޯޓްރީ ރެޓަކަށް ހެދުމަށެވެ. ކެންސަރަށް ރާއްޖޭން ފަރުވާކުރެވޭނެ ކަމަށްބުނެ ތަޖުރިބާ މަދު ޑޮކްޓރުން ތަމްރީނު ހަދަން ބޭނުންކުރާ ވަސީލަތަކަށް ބަލިމީހާ ހެދުމަށެވެ. ދުނިޔޭގެ ކޮންމެ ތާކަށް ދިޔަސް އެމީހުނަށް ނުވިކަމެއް އެހެން މީހުންނަކަށްވެސް ނުވާނެކަމަށް ބުނެ މަ މޮޅުކަން ދައްކާށެވެ.
ހަގީގަތަކީ ބަލިމީހާ ކެންސަރ ޕޭސެންޓަކަށްވީ އައިޖީއެމްއެޗުގެ އިހުމާލުންނެވެ. ހަގީގީ މައްސަލައަށް ފަރުވާ ނުކޮށް ދިގު ދެންމުމުގެ ސަބަބުންނެވެ. ބަލިމީހާ ކެންސަރަށް ޕޮޒިޓިވް ވުމުންވެސް ރިކަވަރ ކުރެވޭ ހާލަތުގައި އޮއްވާ އެކަން ކުރަންވެސް ފުރުސަތު ނުދެއެވެ. ރާއްޖެއިން ވާނެއޭ ކިޔައިގެން ހިފަހައްޓަ ހިފަހައްޓާފައި ގޮތް ހޮސްވީމާ ރާއްޖޭން ބޭރަށް ފޮނުވާލާއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ.
ކޮންމެ ރައްޔިތަކީ ކިތަންމެ ހާލު ބޮޑުވިޔަސް ވަގުތުން ފުރައިގެންގޮސް ބޭރުން ފަރުވާހޯދޭ ވަރުގެ ބައެއް ނޫނެވެ. އެހެންކަމުން ބަލީގެ ކުރީކޮޅު ތަޖުރިބާ ކާރު ޑޮކްޓަރުންނާ ހަމައަށް ގޮސް އެކަށީގެންވާ ފަރުވާ ކުރެވޭނެ ގޮތް ސަރުކާރުން ހަދާ ދޭނަމަ ދައުލަތުން ހިނގާ ހަރަދު ކުޑަވެފައި ތަކްލީފް ކުޑަވާނެއެވެ. ބަލިމީހާ ވޭނުގައި އުޅެން ޖެހޭޖެހުން ކުޑަވެފައި ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެއެވެ. އެހެންނަމަވެސް ސަރުކާރުގެ ވިސްނުން ހުންނަނީ ދިމާ އިދިކޮޅަށެވެ.