އެސްޓީއޯއަށް އެންމެ މުއައްޒަފުން ބޭނުމީ ފާމަސީތަކަށް
ފާމަސީ އެސިސްޓެންްޓުންނާއި މެކޭނިކަލް އެސިސްޓެންޓުން އެސްޓީއޯއަށް ބޭނުންވޭ
އެސްޓީއޯއަށް މި ވަގުތު އެންމެ ބޮޑަށް މުއައްޒަފުން ބޭނުންވަނީ ފާމަސީއާ ގުޅޭ ވަޒީފާތަކަށެވެ. އެހެންކަމުން ފާމަސީއާއި ގުޅުން ހުރި ވަޒީފާތަކަށް މި ވަގުތު މުއައްޒަފުން ބޭނުންވާ ކަމަށް އެސްޓީއޯގެ ޓެލެންޓް އެކުއިޒިޝަންގެ މެނޭޖަރު ހައްވާ އިހުސާނާ ވިދާޅުވެއެވެ.
ގދ. ރަތަފަންދޫ އާއި އއ. ތޮއްޑޫ ގެ އިތުރުން މާލެއާއި ހުޅުމާލޭގެ ފާމަސީ ތަކުގައި ވަޒީފާ އަދާކުރާނެ މުއައްޒަފުން ހޯދުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ ހުޅުވާލާފައެވެ. ފުރުސަތު ހުޅުވާ ލެވިފައިވަނީ ފާމަސީ އެސިސްޓެންްޓްގެ ވަޒީފާއާއި މެކޭނިކަލް އެސިސްޓެންޓްގެ ވަޒީފާއަށެވެ. ހަމަ އެހެންމެ އެޑްމިނިސްޓްރޭޓިވް އަދި ފައިނޭންސްގެ ދާއިރާ ތަކުން އިންޓަޝިޕްގެ ފުރުސަތުވެސް އެސްޓީއޯގައި އޮތީ ހުޅުވިފައެވެ.
މިހާރު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށްދާ ނެޝެނަލް ސްކިލްސް އެންޑް އެކްސްޕޯގައި ހުންނަ އެސްޓީއޯ ސްޓޯލުން ވަޒީފާތަކާއި އަދި އިންޓާންޝިޕްއާ ގުޅޭ މައުލޫމާތު ލިބޭނެއެވެ. އެކްސްޕޯގައި މާދަމާ ހަވީރު ހަތަރަކުން ރޭގަނޑު 12 އަށް މައުލޫމަތު ދިނުން ކުރިއަށް ދާނެއެވެ،
ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ވެސް ފާމަސީތައް ގާއިމްކޮށް އެސްޓީއޯއިން ދަނީ ހިންގަމުންނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި އަސާސީ ބޭސް ލިބެން ހުންނާނެ ގޮތް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރަށްރަށުގައި ބޭސް ފިހާރަތައް ގާއިމުކޮށް ހިންގަނީ އެސްޓީއޯ އިންނެވެ.