ސްޓެލްކޯގެ މުވައްޒަފުންގެ ފަސްޓް އެއިޑް ޓްރެއިނިންގ

ސްޓެލްކޯގެ މުވައްޒަފުންގެ ފަސްޓް އެއިޑް ޓްރެއިނިންގ

މުވައްޒަފުންނަކީ އެ ބަޔަކާއި ނުލައި އެއްވެސް ވިޔަފާރިއެއް ނުވަތަ ކުންފުންޏެ ކުރިއަށް ނުދާނެ ބޮޑު އެސެޓެކެވެ. ކަންމިހެން އޮތްއިރު މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް ބޮޑު ހާއްސަ ކަމެއް ދޭންޖެހޭ ކަމެއްކަމީ އެއްވެސް ބަޔަކު ދެބަސްވާނެ ކަމެއް ނޫނެވެ.

ސްޓެލްކޯއިން ހާމަކުރާ ގޮތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ސިއްހަތާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނީގެ މަސައްކަތުގެ ހައިރާކީގެ އެއްވަނާގައިވާ ކަންތަކެވެ. އެ ގޮތުން އިޔެއް އެ ކުންފުނިން ވަނީ ބޭސިކް ފަސްޓް އެއިޑް ތަމްރީނު ޕްރޮގްރާމެއް ހިންގައިފައެވެ. ތަމްރީނު ތަކުގައި މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތް ތަކަށް ހޭލުންތެރިވެ ތައްޔާރު ވުމަށް ބޭނުންވާ އިލްމާއި ހުނަރު ވަނީ ކިޔައިދީފައެވެ. މި ތަމްރިނު ހިންގާފައި ވަނީ ސްޓެލްކޯއާއި މޯލްޑިވްސް ރެޑް ކްރޮސެންޓާއި ގުޅިގެންނެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ފަސްޓް އެއިޑްގެ މުހިންމު ޓެކްނިކްތަކާއި ޕްރޮސީޖާރތައް ހިމެނޭއިރު، އެކި އެކި އިމަރޖެންސީ ހާލަތްތަކުގައި ބައިވެރިން ތިބީ ރަނގަޅަށް ތައްޔާރުވެފައިކަން ކަށަވަރު ކޮށްދިނެވެ. އަދި ޒަހަމްވުމާއި، އެނދުމާއި، ވެއްޓުމާއި، މަސައްކަތުގެ މާހައުލުގައި ހިނގާ އެހެނިހެން އާންމު އެކްސިޑެންޓް ތަކުގައި ވަގުތުން އެހީތެރިކަން ފޯރުކޮށް ދޭނެ ގޮތް ބައިވެރިން ދަސްކުރިއެވެ. މީގެ އިތުރުން ހާޓް އެޓޭކް، ސްޓްރޯކް އަދި އެލާޖިކް ރިއެކްޝަން ފަދަ އިތުރު ސީރިއަސް ހާލަތް ތަކުގެ އަލާމާތް ތަކާއި އަލާމާތްތައް ދެނެގަތުމާ ބެހޭ ގޮތުން ވެސް އިރުޝާދު ދީފައިވެއެވެ.

ސްޓެލްކޯއިން މި ތަމުރީނުތައް ހިންގުމުގެ މައިގަނޑު މަގުސަދެއް ކަމުގައި ފާހަގަކޮއްފައި ވަނީ މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި އަވަސް އަދި ހަރުދަނާ ފަސްޓް އެއިޑް ރެސްޕޮންސްގެ މުހިންމުކަން  މުވައްޒަފުންނަށް ދަސްކޮށް ދިނުމެވެ.

ސްޓެލްކޯއިން ހިންގާ މިފަދަ ތަމުރީން ތަކުން ދައްކުވައިދެނީ އެ ކުންފުނިން، އެ ކުންފުނީގެ މުވައްޒަފުންނާއި ދެމެދު ބަހައްޓާ ގާތްކަމާއި މުވައްޒަފުންނަށް އަޅާލާ މިންވަރާއި މުވައްޒަފުންގެ ދުޅަހެޔޮ ކަމަށްދޭ ސަމާލުކަމެވެ.