ހެޔޮވެރިކަން: ޑައިލެސިސްގެ ހިދުމަތް އަތޮޅުތަކަށް
ޑައިލެސިސް ހަދާ ލެވޭނެ ވަރުކޮށްލާ ނުދީ 25 ބުރީގެ އިމާރާތެއް
ރާއްޖޭގައި ސިއްހީ ހިދުމަތް ދުނިޔޭގެ ފެންވަރަށް ގާއިމު ކުރެވިގެން ފައިހަރު ނުލައިގެން ބަޔަކު އުޅޭ އަޑު އެހީމެވެ. ރާއްޖޭން ބޭރަށް ބޭހަށް ދިވެހިން ދާން ނުޖެހޭނެ ކަމަށް އޭރު އެ މީހުން ކިޔެވެ. ޕީޕީއެމުން ޔާމީނުގެ މޮޅު ވާހަކަ ދައްކަމުން ނަގަނަގާފައި ޖަހަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކައެވެ. ދައުލަތުން ދަރާ ވިކިގެން ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ވުރެ ކުރިން ކުރަންޖެހޭ ސިއްހީ އަސާސީ ކަން ކަމަށް އޮތީ ބޮޑު ތަނުން އިހުމާލު ވެފައެވެ.
ރާއްޖޭގެ އެކި އަތޮޅު ތަކުގައި ދިރިއުޅޭ މީހުން ބޭސްފަރުވާއަށް މާލެ އައިސް ތިބުން ބެންކޮކުގައި ތިބުމަށް ވުރެ ހަރަދު ބޮޑޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެހެނެއް ކަމަކު ކިޑްނީގެ ބަލި ތަހައްމަލު ކުރާ ބަލި މީހުންގެ އާއިލާ ތަކުން މާލެ އައިސް ޑައިލެސިސް ހެދުމަށް ކުރާ ހަރަދާއި އުފުލާން ޖެހޭ ވޭން ޔާމީނަކަށް އިހުސާސެއް ނުވެއެވެ. ކުޑަ މިނުން އަތޮޅު ހޮސްޕިޓަލުން އެ ބަލި މީހާއަށް ޑައިލެސިސް ހަދާ ލެވޭނެ ވަރުކޮށްލާ ނުދީ 25 ބުރީގެ އިމާރާތެއް ދަރައިގެން އެޅުމުގެ ބޭނުމަކީ ރަތްޔިތުންނަށް ހިދުމަތް ދިނުން ނޫންކަން ސާފެވެ. ސިއްހީ ހިދުމަތުން ވެސް ޔާމީނު ބޭނުންވީ ވިޔާފާރި ކުރާށެވެ.
ރައީސް ސާލިހުގެ ވިސްނުންފުޅު އެއާއި މުޅިން ތަފާތެވެ. ރައީސް ސާލިހުގެ ތަފާތަކީ ތަފާތު ނުކުރުމެވެ. އަމާޒު ހިއްޕަވާފައި ވަނީ އަސާސީ ހިދުމަތް ގާއިމު ކުރެއް ވުމަށެވެ. ކޮންމެ ރައްޔިތަކުވެސް އުޅޭ ހިސާބަކުން އަސާސީ ހިދުމަތް ކަށަވަރުކޮށް ދެއްވުމަށް ވުރެ އިސްކަމެއް އެ މަނިކުފާނުގެ ނެތެވެ. ދަރާ ވިކިގެން ވެސް އަސާސީ ހިދުމަތް ގާއިމު ކުރުމަކީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ އެންމެ ފުރަތަމަ ކަންތައްކަން ރައީސް ގަބޫލުފުޅު ކުރައްވައެވެ.
ބ. އޭދަފުއްޓައި ޅ. ނައިފަރުގައި އަތޮޅު ހޮސްޕިޓަލު ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ކިޑްނީގެ ބަލި މީހުން އެ ދެ އަތޮޅުގައި އެހާމެ ގިނައެވެ. އެހެނަސް މި ހުރިހާ ޒަމާން ވީއިރު ޑައިލެސިސްގެ ހިދުމަތް ދޭވޭނެ ގޮތެއް އެ ތަންތާކު ނެތެވެ. ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ މަހު އޭދަފުއްޓާއި ނައިފަރުން ޑައިލެސިސްގެ ހިދުމަތް ލިބެން ފަށާނެއެވެ. ކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވެ ނިމިއްޖެއެވެ. ޑައިލެސިސްގެ ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ވެސް މިހާރު ވަނީ ތަމްރީނު ކޮށްފައެވެެ.
އޭދަފުއްޓާއި ނައިފަރުގައި ޑައިލެސިސްގެ ހިދުމަތް ދޭން ފަށާއިރު ށ. ފުނަދޫ ހޮސްޕިޓަލުގައި އެ ހިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ. ރައީސްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ހުރިހާ އަތޮޅަކުން ޑައިލެސިސްގެ ހިދުމަތް ލިބޭން ހުރުމާ މެދު ޝައްކެއް ނުކުރެވެއެވެ. ޑައިލެސިސްގެ ހިދުމަތް ކުރިން ލިބެނީ މާލޭގެ ބޮޑެތި ހޮސްޕިޓަލުތަކުނެވެ. އެހެން ނަމަވެސް އައްޑޫއާއި ކުޅުދުއްފުއްޓާއި ގދ.ތިނަދޫގައި ޑައިލެސިސްގެ ހިދުމަތް މިހާރު ލިބެން ހުރެއެވެ.