އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލުން
ރަޖިސްޓްރޭޝަން ނުނިމޭހާ ހިނދަކު ސިމަކީ ޕްލާސްޓިކް ޗިޕެއް
ލިބިފައި އޮންނަ ލުއި ފަސޭހަ ނުހަމަ ގޮތުގައި ބޭނުން ކުރުމުގެ ނުބައި އާދަ ރާއްޖޭގައި ވެސް ވަރަށް ބޮޑެވެ. ލިބޭ ކޮންމެ ލުޔެއްގެ ނާޖާއިޒު ފައިދާ ނެގުމުގެ ނަތީޖާއަކީ ދީފައި އޮންނަ ލުއިތައް ބަންދު ވުމެވެ. ދަތިވެ އުނދަގޫ ވުމެވެ. ބަޔަކު ކުރާ ކަމެއްގެ ސަބަބުން ގޯހެއް ނުހަދާ ރަނގަޅު ގޮތުގައި އުޅޭ މީހުނަށް ވެސް ދައްޗާއި އުދަގޫ ތަހައްމަލު ކުރާން ޖެހުމެވެ.
މުއާސަލާތީ ހިދުމަތަށްޓަކައި ދޫކުރެވޭ ސިމްކާޑަށް ވެސް މި ޖެހެނީ އެ ދަތުރެވެ. ސިމް ލިބެން އޮތް ފަސޭހަ މަގު އެކީ އެކައްޗަކަށް ބަންދު ވަނީއެވެ. ރަޖިސްޓްރީ ނުކުރާ ސިމް ބޭނުން ކޮށްގެން ބަޔަކު ސްކޭމް ކޯލްކޮށް ބޮޑެތި ޖަރީމާތައް ހިންގުން ހައްދު ފަހަނަ އަޅައިގެންނެވެ.
ރަޖިސްޓްރީ ނުކޮށް ޕްރީ އެކްޓިވޭޓަޑް ސިމް ދޫކުރުން ހުއްޓާލަނީއެވެ. ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން އެ ފިޔަވަޅު ނާޅާ ވޭތޯ ވަރަށް ބަލައިފިއެވެ. މުއާސަލާތީ ހިދުމަތް ދޭ ކުންފުނި ތަކުގެ ވިޔަފާރިއަށް ވެސް އެ ކަމުގެ އަސަރު ކުރާނެއެވެ. އެހެން ނަމަވެސް އެހެން ގޮތެއް މިއަދަކު ނެތެވެ. ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ކުންފުނި ތަކުން އަމަލު ކުރަން ޖެހޭ އުސޫލުތައް ލުއިކޮށް އޮތުމުން ރަޖިސްޓްރީ ނުކޮށް ހުންނަ ސިމްތައް ބޭނުން ކޮށްގެން ސްކޭމް ކޯލް ކޮށްގެން މީހުނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ބަޔަކު އެބަދެއެވެ. ހަޑިމުޑުދާރު އަމަލު އެބަ ހިންގައެވެ. ފުރާނަޔާ ހަށިގަނޑަށް ގެއްލު ދިނުމަށް މަގުފަހި ކުރާ އެއްޗަކަށް ރަޖިސްޓްރީ ނުކުރާ ސިމް ވެފައި އެބަހުއްޓެވެ.
އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ މައްސަލަ ތަހުގީގު ކުރުމުގައި ވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިމް ތަކުގެ ރަޖިސްޓްރޭޝަންގެ މައްސަލައެވެ. ކާކުގެ ސިމެއްކަން ހޯދަން ދަތިވެ ސިމާ ޒިންމާވާ ފަރާތެއް ނެތިގެންނާއި ނޭނގިގެން ތަހުގީގުތައް ހުއްޓި ހައްގުތައް ގެއްލި ދެއެވެ. ސިމް ވިއްކުމުގައި ލިމިޓެއްނެތި އެކަކަށް އެތައް ސިމެއް ރަޖިސްޓްރީ ނުކޮށް ވިއްކޭ ވިއްކުން ވެސް ބޮޑު މައްސަލައެއް ގޮތުގައި ފުލުހުން ފާހަގަ ކުރެއެވެ.
ސިމް ވިއްކުމާއި ރަޖިސްޓްރީ ކުރުމުގެ އުސޫލުތައް އޮތަސް ސިމް ވިއްކުމުގެ ވިޔަފާރީގައި އުޅޭ ބައެއް އެޖެންޓުންނާއި ރީސޭލް ކުރާ ފަރާތްތަކުން އެ އުސޫލުތަކަށް އެންމެ ރަނގަޅަށް އަމަލެއް ނުކުރެއެވެ. ސިމް ވިއްކާ ފަރާތުގެ މައުލޫމާތު ހިމެނޭ ރަޖިސްޓްރޭޝަން ފޯމް އެއް މަސް ތެރޭގައި ސާވިސް ޕްރޮވައިޑަރަށް ފޮނުވައި ރަޖިސްޓްރީ ކުރަން ޖެހުނަސް އެތައް މަހެއް ވާއިރު ވެސް ރަޖިސްޓްރީ ނުކުރެވެއެވެ. އެއްގޮތަކަށް ވެސް ރަޖިސްޓްރީ ނުކޮށް ވެސް އެބަހުރެއެވެ. މިހުރީ ހައްތަހާ ވެސް ބޮޑެތި ކަންބޮޑުވުމެވެ.
ވިއްކަނީ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމްތަކެއް ކަމުން ކަސްޓަމަރު އަތަށް ސިމް އަރާ ގޮތަށް ރަޖިސްޓްރީ ނުކުރިޔަސް ބޭނުން ކުރެވެއެެވެ. ބޭނުން ކުރެވޭތީ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރަން އާއްމު ކަސްޓަމަރު ވެސް ބޭނުމެއް ނުވެއެވެ. އަމްދުން ސްކޭމް ހިންގާ މީހުން ސިމް ރަޖިސްޓްރީ ކުރަން ބޭނުމެއް ނުވާނެ ތާއެވެ.
ނުރައްކާ ތެރި މި މައްސަލަ ހައްލު ކުރުމަށްޓަކައި 01 ޑިސެމްބަރ 2022 އިން ފެށިގެން އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލުމަށް ކެމް އިން ވަނީ ނިންމާފައެވެ. އޭގެ ފަހުން ދޫކުރާ ސިމް އެކްޓިވޭޓް ވާނީ މައުލޫމާތު ކަށަވަރު ކޮށް ރަޖިސްޓްރީ ވުމުންނެވެ. މި ބަދަލާ ގުޅިގެން އޮންލައިންކޮށް ސިސްޓަމަކަށް ވަގުތުން ރަޖިސްޓްރޭޝަނަށް ބޭނުންވާ މައުލޫމާތުތައް އަޅާ ރަޖިސްޓްރޭޝަން ނުނިމޭހާ ހިނދަކު އެ ސިމަކީ ޕްލާސްޓިކް ޗިޕެކެވެ. ބޭނުން ކުރެވޭނީ މައުލޫމާތު ފުރިހަމަ ކޮށް ރަޖިސްޓްރީ ވުމުންނެވެ.