އަށްމަހުން ނިންމަންބުނި ރަސްމާލެ ބޮކިޖަހާ އަޑިއަށް!

ރަސްމާލެއަކީ އަންޑަރވޯޓަރ އެކޯ ސިޓީއަކީތަ!

އަށްމަހުން ނިންމަންބުނި ރަސްމާލެ ބޮކިޖަހާ އަޑިއަށް!

ދުނިޔޭގެ ފުރަތަމަ އަންޑަރވޯޓަރ ޓަނަލް އަޅަނީ މާލެއާއި ރަސްމާލެ ގުޅާލަން ކަމަށް މުއިއްޒު ބުނީމާ ހައިރާންވިއެވެ. ދުނިޔޭގެ އެތަން މިތާ އަންޑަވޯޓަރ ޓަނަލްތައް އޮތީމައެވެ. ދުނިޔޭގެ ފުރަތަމަ އަޅާ އަންޑަވޯޓަރ ޓަނަލަކީ ރަސްމާލެ ޓަނަލޭ ބުނީމާ ގަބޫލު ކުރަން އުނދަގޫވީއެވެ. ސިއްސައިގެން ދިޔައީއެވެ.

މުއިއްޒު އަންޑަރވޯޓަރ ޓަނަލޭ ވިދާޅުވެ އެދެއްކެވި ވާހަކަ މިއަދު ގަބޫލުކުރެވިއްޖެއެވެ. އެއީ ހަމަތެދެކެވެ. މުއިއްޒު އެވިދާޅުވާ ރަސްމާލެ އަންޑަރވޯޓަރ ޓަނަލް ވާނީ ދުނިޔޭގެ އެފަދަ ފުރަތަމަ ޓަނަލަށެވެ. ދުނިޔޭގައި މިހާތަނަށް އަޅާފައިވާ ހުރިހާ އަންޑަރވޯޓަރ ޓަނަލް ގުޅިފައި އޮތީ ހިކިފަސް ތަންތަނާއެވެ. އެޓަނަލްތަކުން ދަތުރުކޮށް ދެވެނީ ހިކިފަސް ތާކުން ހިކިފަސް ތާކަށެވެ. 

ރަސްމާލެ ޓަނަލު ތަފާތެވެ. ރަސްމާލެ ޓަނަލަކީ މާލެއާއި އަންޑަރވޯޓަރ ސިޓީއަކާ ގުޅުވާދޭ ޓަނަލެކެވެ. ރަސްމާލެއަކީ އަންޑަރވޯޓަރ އެކޯ ސިޓީއެކެވެ. ހައިދަރު ވިދާޅުވާހެން ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ލޯ ކާބަން ސޭފް އައިލެންޑް ކޮންސެޕްޓަށް ފެތޭ އެކޯސިޓީއެކެވެ. ރަސްމާލެ ފެނުން މައްޗަކަށް ނުހިކޭނެއެވެ. ރަސްމާލެ އޮތީ އަޑީގައެވެ. އޮންނާނީ ވެސް އަޑީގައެވެ. މުއިއްޒު އަޅާ އަންޑަރވޯޓަރ ޓަނަލްގެ އެއްކޮޅު އޮންނާނީ އަންޑަރވޯޓަރ އެކޯސިޓީ ރަސްމާލެއާއި ގުޅިފައެވެ. އެހެންކަމުން ރަސްމާލެ އަންޑަރވޯޓަރ ޓަނަލަކީ އެގޮތަށް ދުނިޔޭގައި އެޅޭ ފުރަތަމަ ޓަނަލަށް ނުވެއެއް ނުދާނެތާއެވެ.   

މާތް ކަލާކޯއޭވެ. ދިވެހިންނަށް މުއިއްޒު މިދައްކަނީ ކޮންފަދަ ނަނާ ހުވަފެނެއް ހެއްޔެވެ. ދިވެހިންނަކީ ޑިޒްނީ ވޯލްޑްގެ ކާޓޫނު ކެރެކްޓަރ ތަކަކީ ހެއްޔެވެ. ސައިޒަށް ވުރެ ބޮޑު ފައިވާނަކަށް އެރިގެން ފުންނާބުން ބަޑިތަޅަން މުއިއްޒެއް ކަމަކު ނުހަދާށެވެ. 

ފުށިދިއްގަރުފަޅު ހިއްކަން ފެށިއިރު ހީވީ ބަލްގީސް ރަނިންގެ ތަހުތު ގެނައުން ފަދަ އަވަސް ކަމަކަށް ރަސްމާލެ ބިނާކުރުން ވާނެހެނެވެ. ބަޖެޓް ނެތަސް ފަރުވާލެއް ނެތެވެ. އެއްރޮއްޖަށް ފޫގަޅައިގެން ދުވަހެއްގެ ހަވީރު ސާޖިދާ ގޮވައިގެން މުއިއްޒު ބަނޑުމައްޗަށް އަރާ ތެޅެގަތް ގޮތަށް ނިންމާނުލާ ބަނޑުމަތިން ފައިބާނެއެކޭ ހިތަކަށް ނާރައެވެ. ކޮށްލި ތެޔޮގުޅާ ސާދައިން ހީވީ އެމޭޒަނާއި މައިކްރޯސޮފްޓަށް ދާންދެން އެތަނަށް ހޮޅި ގުޅާފައި އޮތް ހެންނެވެ. 

ކަމަކުދާކަށް ނެތެވެ. ރަސްމާލެ ހުއްޓި ބުރަކިޖެހި ހަރުވެއްޖެއެވެ. އަށް މަހުން ނިންމަން ބުނި ރަސްމާލެ ބޮކިޖަހާ އަޑިއަށް ހިނގައްޖެއެވެ. އެކަކު ނިކުމެ ދުނިޔެ ތެރޭގައި އަތްފުނާ އަޅައިގެން އެކޯ މާހިރަކު ހޯދަނީއެވެ. އަނެކަކު އުޅެނީ ކަނޑުން ވެލި ހުސްވެގެންނެވެ. އަނެއްކޮޅުން ދުނިޔޭގައި އޮތްކަމަށް ވަނީ އެންމެ ޑްރެޖަރެކެވެ. ގުޅިފަޅު ނުހިކެނީސް ރަސްމާލެ ނުހިކޭން ގަދަ ހަދަނީއެވެ. ބަހަނާގެ މައްޗަށް ބަހަނާއެވެ. ރަސްމާލެ ހިއްކޭނެ ދުވަހެއްގެ ކޮޅެއް މެދެއް ނޭގެއެވެ.