ރޯދަ: ހިފުމުގައި އަމުރާއި ނަހީ!

ޝަރުއުގައި ނަހީކުރެވިގެންވާ ރޯދައިގެ ދެ ބާވަތެއްވޭ!

ރޯދަ: ހިފުމުގައި އަމުރާއި ނަހީ!

އަރަބި ބަހުގައި ސައުމް އޭ ކިޔެނީ ކަމެއް ދޫކޮށްލުމަށެވެ. ޝަރުއީ އިސްތިލާިގައި ރޯދައަކީ އާލަމުތަކުގެވެރި ރައްބަށް އަޅުކަން ކުރުމުގެ ގޮތުން، ފަޖުރުއްސާދިގުގެ އަލިކަން ފާޅު ވީއްސުރެ އިރުއޮއްސިއްޖެއުމަށް ދާންދެން ކެއުމާއި ބުއިމާއި ރޯދަ ގެއްލެނިވި އެންމެހާ ކަންކަމުން ރައްކާތެރިވެ ހުރުމެވެ.

ރޯދަ ބެހޭ ބައިތައް:

ރޯދައިގެ ބައިތައް އަމުރު ކުރެވިގެންވުމާއި ނަހީވެގެންވުމަށް ބަލާއިރު ރޯދަ ދެ ބަޔަކަށް ބެހެއެވެ.

  • ފުރަތަމަ ބައި: ޝަރުއީ ގޮތުން އަމުރު ވެވިގެންވާ ރޯދައެވެ. މި ފަދަ ރޯދައަކީ ވެސް ދެ ބާވަތެކެވެ.

1. ވާޖިބު ރޯދަ: ވާޖިބު ރޯދަ ވެސް ވަނީ ދެ ބަޔަކަށެވެ.

  • ޝަރުޢީ ނައްސުގެ އަސްލުން ވާޖިބު ރޯދައެވެ:- އެއީ މުކައްލަފުގެ އަމަލެއްގެ ސަބަބަކާ ނުލައި ވާޖިބު ރޯދައެވެ. މިއީ ރަމަޟާން މަހުގެ ރޯދައެވެ.
  • މުކައްލަފުގެ އަމަލެއްގެ ސަބަބުން ވާޖިބުވާ ރޯދަ:- އެއީ ނަދުރު ރޯދަ، ކައްފާރާ ރޯދަ އަދި ގެއްލުނު ރޯދައިގެ ބަދަލުގާ ހިފަންޖެހޭ ރޯދައެވެ.

2. މުސްތަޙައްބު ރޯދަ: މުސްތަހައްބު ރޯދަ ވެސް ވަނީ ދެ ބަޔަކަށެވެ.

  • މުތުލަގު ތަތައްވުއު ރޯދަ:- މިއީ ވަކި ޒަމާނެއްގައި ހިފުން ބަޔާންވެފައި ނުވާ ގޮތުގައި ޝަރުއީ ނައްސުތަކުގައި އައިސްފައިވާ ރޯދައެވެ.
  • މުގައްޔަދު ތަތައްވުއު ރޯދަ:- މިއީ ވަކި ޒަމާނެއްގައި ހިފުމަށް ޝަރުއީ ނައްސުތަކުގައި އައިސްފައިވާ ރޯދައެވެ. މިސާލަކަށް: ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފުން، ހޯމަ ބުރާސްފަތި ދެ ދެދުވަހު ރޯދަ ހިފުން، އަރަފާތް ދުވަހު ރޯދަ ހިފުން އަދި ތާސޫއާއާއި އާޝޫރާ ދެ ދުވަހު ރޯދަ ހިފުން.
  • ދެވަނަ ބައި: ޝަރުއުގައި ނަހީކުރެވިގެންވާ ރޯދައެވެ. މި ފަދަ ރޯދައަކީ ވެސް ދެ ބާވަތެކެވެ.
  • ހަރާމު ރޯދަ:- އެއީ ދެ އީދު ދެ ދުވަސް ފަދަ ރޯދަ ހިފުން ހަރާމު ވެގެންވާ ދުވަސް ދުވަހު ހިފާ ރޯދައެވެ.
  • މަކުރޫހަ ރޯދަ:- އެއީ ހައްޖުވެރިޔާ އަރަފާތް ދުވަހު ހިފާ ރޯދަ ފަދަ ރޯދައެވެ.

ރޯދައިގެ މާތްކަން: ރޯދައިގެ މާތްކަން ގިނަގުނަ ވެގެންވެއެވެ. އޭގެ ތެރޭގައި:

  • ރޯދައަކީ އާލަމުތަކުގެވެރި ރައްބުގެ ޒާތުފުޅަށްޓަކައި ވާ އެއްޗެއް ކަމަށް ބަޔާން ކުރައްވައިފައެވެ. ގުދުސިއްޔަ ހަދީސެއްގައި މިކަން ބަޔާން ކުރައްވައި ވަހީކުރައްވައިފައި ބަސްފުޅެއްގެ މާނާގައި ވަނީ " ރޯދަވަނީ ތިމަން އިލާހަށްޓަކައެވެ. އަދި އެ ރޯދައަށް ޖަޒާ ދެއްވާ ހުށީ ހަމަ ތިމަން އިލާހެވެ."
  • ރޯދައިގައި ކެތްތެރިކަމުގެ ތިން ވައްތަރު ޖަމާވެގެން ވެއެވެ.
  1. އަމުރުކުރައްވާފައިވާ ކަންތައްތައް އަދާކުރުމުގައި ކެތްތެރިވުން
  2. ނަހީކުރައްވާފައި ކަންކަމުން ދުރުހެލިވުން
  3. ކެތްތެރިވުމާއި މުޞީބާތްތަކަށް ކެތްތެރިވުން
  • ގިޔާމަތް ދަވަހު ރޯދަވެރިޔާއަށް އެ ރޯދަ ޝަފާއަތްތެރި ވާނެތެވެ.
  • ރޯދައަކީ އެ އަޅުކަން ކުރާ މީހާއަށް ބޮޑުވެގެން ވާ އަޖުރުއާއި ފާފަފުއްސެވުމަށް ވައުދުވެވޮޑިގެންވާ ކަމެކެވެ.
  • ރޯދައަކީ ފާފަތަކާއި އޮޅިގެން ކުރެވޭ ނުރަނގަޅު ކަންކަމުގެ ކައްފާރާއެކެވެ.
  • ރޯދައަކީ އައްޑަނައެކެވެ. އަދި ނަރަކައިން ރައްކާތެރި ކޮށްދޭ ކިއްލާއެކެވެ.
  • ގިނަގިނައިން ރޯދަ ހިފުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެކެވެ.
  • ރޯދަވެރިޔާގެ އަނގައިގެ ވަހަކީ މާތް ރަސްކަލާނގެ ހަޒުރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރު ވަހެކެވެ.

ރޯދަ ޝަރުއުކުރެއްވުމުގެ ހިކުމަތް:

ރޯދައިގެ ފައިދާތައް ސަލާމަތް ބުއްދީންނާއި ސީދާވެގެންވާ ފިތުރަތުން ކަށަވަރު ވެގެންވެއެވެ. ކަންމިހެން ހުރުމުން އަޅުތަކުންނަށް ރަޙުމަތެއްކަމުގައި އަދި އެއިލާހުގެ އަޅުތަކުންނަށް އިހުސާންވަންތަވެ ވޮޑިގެން، ރޯދަ ހިފުން ޝަރުއުކުރެއްވިއެވެ. އެއީ އެބައިމީހުންނަށް (ނަރަކައިންވާ) ހިމާޔަތެއް ކަމުގައެވެ. އަދި ފާހިޝް ކަންކަމުން ރައްކާތެރި ކުރުވަނިވި އައްޑަނައެއްވެސް މެއެވެ.

ރޯދައިގައި ގިނަގުނަ ފައިދާތަކާއި މަތިވެރި ހިކުމަތް ވެއެވެ. އޭގެ ތެރޭގައި:

  • ރޯދައަކީ ތަގުވާވެރިވުން ކަށަވަރުވުމުގެ ވަސީލަތެކެވެ.
  • ރޯދަވެރިޔާއަށް ނިއުމަތުގެ އިހުސާސު ލިއްބައި ދެއެވެ.
  • އަމިއްލަ ނަފުސުގެ އެދުންތައް ތަރުބިއްޔަތުކޮށް އަދި (ކަންކަން) ތަހައްމަލު ކުރުމުގެ ބާރު ލިއްބައި ދެއެވެ.
  • ރޯދައިން ޝައިތާނާގެ މައްޗަށް ގަދަވެ ގަނެވެއެވެ.
  • ރޯދައިގެ ސަބަބުން ރޯދަވެރިޔާގެ ހިތުގައި މިސްކީނުންގެ މައްޗަށް ރަހުމާއި ކުލުނުވެރިކަން އުފައްދައެވެ.
  • ރޯދައިން ހަށިގަނޑުގައި އުފެދޭ ނުބައި ވިހަ މާއްދާތަކުން ސާފު ކޮށްދެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއް ހާސިލު ކޮށްދެއެވެ.