ކަދުރު: އެންމެ ފައިދާހުރި އެއް މޭވާ
ކަދުރަކީ ރޯދަމަސް ނޫނަސް ބޭނުން ކުރުމަށް އެންމެ ރަގަޅު މޭވާއެއް
ކަދުރަކީ ކީރިތި ގުރުއާނާއި މާތް ރަސޫލާ ސުންނަތުންވެސް އެނގޭގޮތުގައި އިންސާނުންނަށް ނުހަނު ފައިދާހުރި މޭވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރަކީ ރަސޫލާ އާންމުކޮށް ފަރިއްކުޅުވާ އުޅުއްވި ކާނާއެވެ. އިސްލާމްދީން ފާޅުވެގެންއައި ދުވަސްވަރުގައި މުސްލިމުންގެ ކެއުމުގެ ގޮތުގައި ބޭނުން ކުރެއްވީވެސް ކަދުރެވެ. ހަނގުރާމައިގެ މައިދާނުގައި އަދި އެ ނޫން މައިދާން ތަކުގައިވެސް މުސްލިމުންގެ މެދުގައި މަގުބޫލް މި މޭވާއަކީ އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި އެތަކެއް މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. އަދި ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިންވެސް ކަދުރަކީ އަރަބި ކަރައިގައި ބޭނުން ކުރެވުނު މޭވާއެކެވެ. ތާރީހުގެ ފަތްފުއްތަކުން އެނގޭގޮތުގައި ކަދުރު އެންމެ ފުރަތަމަ ފެނިފައިވަނީ މެސޮޕޮޓޯމިއަން ސިވިލައިޒޭޝަންގެ ދުވަސްވަރު އެސަރަހައްދުންނެވެ. އެއީ މިހާރު ސައުދީއާއި އިރާގު ގުޅޭ ހިސާބެވެ.
ކަދުރުގެ ވައްތަރުތައް:
ދުނިޔޭގައި ސިލްކް އުފެއްދުމާއި ވިޔަފާރީގައި މީގެ އެތައް އަހަރުތަކެއް ކުރިން ފާހަގަ ކުރެވޭ ޗައިނާ މީހުން ވިޔަފާރިކޮށް ދަތުރު ނިންމާލާފައި އަންނީ ކަދުރު ހިފައިގެންނެވެ. ޒަމާނަކީ ބާޓާ ސިސްޓަމަށް ވިޔަފާރި ހިންގަމުން އައި ޒަމާންކަމުން ސިލްކަށް ކަދުރު ބަދަލުކޮށް ޗައިނާއަށް ގެނެސް އުޅުނެވެ. އަދި މެދުއިރުމައްޗައް ދުނިޔޭގެ އެކި ކަންކޮޅުތަކުންދާ ގިނަ ބަޔަކު އެންމެ ކުރިން ފަށައިގެންވެސް ރަމްޒީ އެއްޗެއްގެ ގޮތުގައި ކަދުރު ގެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. ދަތުރުގެ ހަދިޔާއެއްގެ ގޮތުގައި ގައުމުގައި ތިބޭ އާއިލާއަށް ގިނަ ބަޔަކު ކަދުރުގެނެއެވެ.
ކަދުރު އާންމުކޮށް ހައްދަނީ އަރަބި ދުނިޔޭގައެވެ. ދުނިޔޭގައި ކަދުރު ހައްދާ ގައުމުތަކަކީ ސައުދީ އަރަބިއްޔާއާއި އީރާނާއި އިރާގާއި މިސްރެވެ. އަދި މީގެ އިތުރަށް ޔޫރަޕްގައި އިސްލާމީ ދައުލަތް ފެތުރިފައި ކުރިން އޮތް ދެ ގައުމު ކަމަށްވާ އިޓަލީއާއި ސްޕެއިނާއި އެމެރިކާގައެވެ. އެމެރިކާގެ ކޮންޓިނެންޓްގައި އެމެރިކާގެ އިތުރަށް މެކްސިކޯ ފަދަ ގައުމުތަކުގައި ވެސް ކަދުރު ހައްދާ އުޅެއެވެ. މެކްސިކޯއަށް ކަދުރު ތައާރަފް ކޮށްފައިވަނީ ޕޯރޗުގީޒުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް ކަދުރުގެ މުޑުވައް ގެންގޮސްފައިވަނީ ސައުދީ އަރަބިއްޔާއިންނެވެ. ސްޕެއިންގެ އަންދަލްސަށް ކަދުރު ތައާރްފް ކޮށްފައިވަނީ ހަލީފާ އަބްދުއްރަޙްމާންއެވެ. ޕާކިސްތާނަށް ކަދުރު ގެނެސްފައިވަނީ އެލެކްސެންޑާރ ދަ ގްރޭޓް އޭސިއާގައި މަސައްކަތް ކުރެއްވި ދުވަސްވަރުއެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކަދުރު ހެދޭކަން ވަނީ ފާހަގަ ކުރެވިފައެވެ.
ސަލާމްލެއްވި އިސާގެ ފާނުގެ މައިކަނބަލުން އީސާގެ ފާނާއިގެން ރައްކައުވެ ވަޑައިގަތުމަށް ބަނޑުގައި ރިހުމުގެ ވޭންވަރު އަޅަންފެށި ހިނދު އެކަމަނާއަށް ވަހީ ބަސްފުޅު އިއްވިއެވެ. މި ހާދިސާގެ ވާހަކަ ހިމެނެނީ މަރުޔަމް ސޫރަތުގައެވެ. މިގޮތުން އެ ސޫރަތުގެ 25 ވަނަ އާޔަތުގައި މާނާގައިވަނީ " ވީއިރު، ތިޔަ ކަދުރު ރުކުގައި ހިފާފައި، ކަމަނާއާއި ދިމާއަށް ހަލުވައިލާ ހުށިކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތައް ކަމަނާގެ ކައިރިއަށް އެޅޭނެއެވެ." ދެން ހަމަ އެޔާޖެހިގެން 26 ވަނަ އާޔަތުގެ މާނަގައި ވަނީ “ ދެން އެކަދުރުކައި، ތިޔައޮތް ފެންއާރުން ފެންބޮއި ހިތްހަމަޖައްސާހުށި ކަމެވެ.! ދެން، ކަމަނާއަށް މީހަކު ފެނިއްޖިނަމަ ބުނާށެވެ: ހަމަކަށަވަރުން، އަހަރުރެން މިއިނީ، ރަޙްމާންވަންތަ މާތްރަސްކަލާންގެ ކިބައަށް ރޯދަހިފުމަށް ނަދުރުގަނެގެންނެވެ.! ވީމައި އަދު، އަހުރެން، އެއްވެސް މީހަކާއި ވާހަކަދަށްކައި އުޅޭކަށް ނެތީމެވެ".
ސައިންސް ވެސް ސާބިތު ކޮށްދޭގޮތުގައި ކަދުރަކީ މާބަނޑު މީހުންނަށް ފައިދާހުރި ރަނގަޅު މޭވާއެކެވެ. ކަދުރަކީ މާބަނޑު މީހުން ކެއުމަށް ނުހަނު ރަނގަޅު ފައިދާހުރި މެވާއަކަށް ވަނީ ކީއްވެތޯއެވެ؟ ކަދުރަކީ ވިހެއުމުގައި ދިމާވާ ދަތިތަކުން ސަލާމަތްކޮށްދީ ލޭ ހިނގުމާއި އަދި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުގެ ހެދި ބޮޑުވުމަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ. ކަދުރަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ މޭވާއެކެވެ.
ކަދުރަކީ އިންސާނާގެ ހަށިގަނޑަށް ހާއްސަކޮށް ކުޑަކުދިންނަށް ފައިދާހުރި ކާނާއެކެވެ. ކުޑަކުދިންގެ ބަނޑު އަދި ގޮހޮރުގެ މައްސަލަތައް ރަނގަޅުކޮށްދީ ފަސޭހަކަމާއި އެކު ކާތަކެތި ހަޖަމްކުރުމަށް އެހީއަކަށްވެދެއެވެ. ކުޑަކުދިންނަށް ދިމާވާ ބޭރަށް ހިންގުމާއި ބަނޑު ހަރުވުންފަދަ ބަލިތަކަށް ހާއްސަ ފަރުވާއެއްގެ ގޮތުގައިވެސް ކަދުރު ބޭނުން ކުރެވެއެވެ. މިގޮތުން ކަދުރު ޖޫސް ކިރާ އެއްކޮށްގެން ނުވަތަ މާމުޔާއި އެއްކޮށްގެން ބޭނުން ކުރެވިދާނެއެވެ.
ކަދުރަކީ ފަލަބަލި ނުވަތަ އޮބޭސިޓީއަށްވެސް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ފައިދާހުރި މެވާއެކެވެ. އާންމުކޮށް އޮބޭސިޓީ ބަލި މީހުން އިތުރަށް ބަލި ބޮޑުވެގެން ދަނީ މި ބަލީގެ ސަބަބުން އާދަޔާ ހިލާފަށް ކާހިތްވުމާއި ބަނޑުހައިކަން އިހްސާސްވުމުމުގެ ސަބަބުން ކެއުމުގައި ކޮންޓްރޯލުން ނެއްޓި އަދި މީހާ ކަންނެތްވެ ހަރަކާތްތެރިވުން ކުޑަވުމުންނެވެ. ކަދުރުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ބައި ކޮންޓްރޯލްވެ އަދި ބަނޑުހައިކަން ކުޑަކޮށްދެއެވެ. ހަށިގަނޑުގައި ބާރުޖެހި ލޭ ހިނގުން އަވަސްވެދެއެވެ. މި ބަލި ހުންނަ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީގެން ކަދުރު ކެއުމުން ހަށިގަނޑުގައި ސަރުބީ ވިރުވައިދީ ހީވާގިކަންގެނެސްދީ މި ބައްޔަށް ލުއިކަން ލިބެއެވެ.
ކަދުރަކީ ހަށިގަނޑު ވިހަ މާއްދާތަކުން ސަލާމަތްކޮށް ރަށްކާތެރިކޮށްދޭ މޭވާއެކެވެ. އަދި ހަމަ އެހެންމެ ކަދުރު ޖޫހަކީ އެކި ވައްތަރުގެ ހުމުގެ ބަލިތަކާއި ރޯގާތަކަށް ވެސް ރަނގަޅު ފަރުވާއެކެވެ. ކަދުރަކީ ޖިންސީ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭ މޭވާއެކެވެ. އަދި ކަދުރު ކެއެއުމުން ނުވަތަ މާމުޔާ ކިރު ކަދުރު ޖޫހާއި އެއްކޮށްގެން ބުއިމުން ހަށިގަނޑު ބާރު ގަދަކޮށްދެއެވެ.
ސަހީހުލް ބުހާރީގައި އަދި މުސްލިމްގައި ބަޔާންވެފައިވާ ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވާ ގޮތުން ހެނދުނު އަޖުވާ ކަދުރުގެ 7 ކަދުރު ކައިފި މީހަކަށް އެދުވަހު ވިހައިގެ އަސަރެއް އަދި ސިހުރުގެ އަސަރެއް ނުކުރާނެއެވެ. މީގެ 1400 އަހަރުކުރިން ރަސޫލާ ވިދާޅުވި ބަސްފުޅު މިއަދުގެ ސައިންސް ވަނީ އިތުރަށް ސާބޮތުކޮށްދީފައެވެ. 7 ކަދުރަކީ ގާތްގަނޑަކަށް 70 ގުރާމެވެ. އޭގެން 70 މިލިގްރާމަކީ އިންސާނާގެ ހަށިގަނޑުގެ ނާރުތަކާއި ހުޅުތަކާއި ކަށިގަނޑަށް ބޭނުންވާ ކެލްސިއަމްއެވެ. އަދި 35 މިލިގްރާމް އަކީ ސިކުނޑިއަށް ބޭނުންވާ ކާނާގެ ތެރޭގައިހިމެނޭ ޕޮސްޕަރަސްއެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، ލޮނު، މިނަރަލްސްގެ ބައި ލިބެއެވެ.
ކަދުރުގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ބައެއް ހިމެނޭއިރު އޭގެތެރޭގައި އެންމެ މަތީ މިންވަރަކަށް ހިމެނެނީ ކާބޯހައިޑްރޭޓްސް އެވެ. އެއީ ހަށިގަނޑު ވަރުގަދަވެ ބާރު ޖެހުމަށް ބޭނުންވާ ބާވަތެވެ. ކަދުރުން ލިބޭ ކާބޯހައިޑްރޭޓްސްގެ މިންވަރަކީ 88ޕަސެންޓެވެ. އަދި %5.6-2.3 ޕުރޮޓީންސް ހިމެނެއެވެ. ޕްރޮޓީންސް އަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާބައެވެ. އަދި ހަށިގަނޑަށް ބޭނުންވާ ޑައިޓްރީ ފައިބަރޔާއި ވިޓަމިންސް %11.5-6.4 ހިމެނެއެވެ. އަދި %5-5.2 ގެ ފެޓް ހިމެނެއެވެ. އަދި މީގެ އިތުރަށް %5-0.2 ތެޔޮހިމެނެއެވެ.
ކަދުރަކީ ވިޓަމިން އޭ، ބީ ވަން، އަދި ފުލުއޮރިން ހިމެނޭ މޭވާއެކެވެ. އަދި މީގެ އިތުރަށް ހަށިގަނޑަށް ބޭނުންވާ މިނަރަލްސްގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް، ކޯބަލްޓް، ދަގަނޑު، މެގްނީޒިއަމް، ޕޮޓޭސިއަމް، ޕޯސްފަރަސް، ސޯޑިއަމް، ޒިންކްއެވެ. އަދި އެލްމީނިއަމް، ކްލޯރައިޑް، ލެޑް އާއި ސަލްފަރ، ސެލީނިއަމްވެސް ހިމެނެއެވެ. މި މާއްދަތަކީ ދިފާއީ ނިޒާމް ވަރުގަދަކޮށްދީ ކެންސަރުން ސަލާމަތްވުމަށް އެހީތެރިވެދޭ ބައިތަކެކެވެ.
ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ޑައެޓަރީ ފައިބަރ ހިމެނޭ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. އަދި ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަސްކަމާއެކު ލިއްބައިދެނިވި އެންމެ ރަނގަޅު ކާނާގެ ބާވަތެވެ. ޕޮޓޭސިއަމްވެސް އެންމެ ގިނައިން އެކުލެވިގެންވާ އެއްބާވަތަކީ ކަދުރެވެ. ކަދުރަކީ ބަނޑުހަރުވުމުން ދުރުކޮށްދޭ ކާނާގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ނަމަވެސް އޭގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށްޓަކައި ބަނޑުހަރުވެފައިވާ މީހާ ކަދުރު ބޭނުންކުރަން ޖެހޭނީ އެއްރޭ ވަންދެން ފެނުގައި ލުމަށްފަހު އެފެނާ އެކުގައެވެ..
ގަވާޢިދުން ކަދުރު ބޭނުންކުރާނަމަ، ގޮހޮރުގެ މައްސަލަތައް މެދުވެރިން ކުޑަކޮށް ދެއެވެ. ކަދުރަކީ ބޭރަށް ހިންގުމަށް ވެސް ހުރި ފަރުވާއެކެވެ. ސަބަބަކީ ކަދުރުގައި ހުންނަ ޕޮޓޭސިއަމްއަކީ ބޭރަށްހިންގުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާއަކަށްވާތީއެވެ.
ކަދުރަކީ ބައެއް ވައްތަރުގެ ކެންސަރުން އިންސާނާ ސަލާމަތްކޮށްދޭ އެއްޗެކެވެ. ކަދުރުގައި އެންޓި އޮކްސިޑެންޓް އެކުލެވިގެން ވުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށްދީ، ކެންސަރުން ރައްކާތެރިކޮށްދޭ ކަމެކެވެ. ކަދުރުގައި ވިޓަމިން އޭ ގިނަ މިންވަރަކަށް ހުރެއެވެ. ވިޓަމިން އޭ ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
ކަދުރަކީ ހިތުގެ ބަލިތަކުން ވެސް މީހާ ސަލާމަތް ކޮށްދޭ މޭވާއެކެވެ. އެހެނީ އެއީ ސޯޑިއަމް މަދު ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. އެހެންކަމުން، މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދީ، އަދި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދޭ މޭވާއެކެވެ. ކަދުރުގައި އަޔަން އެކުލެވިފައިވުމުން ހަށިގަނޑުގެ ލޭ އިތުރުވެއެވެ. ކަދުރަކީ އެއްވެސް މިންވަރަކަށް ކޮލެސްޓްރޯލް ހިމެނޭ މޭވާއެއްނޫނެވެ.
މާބަނޑު އަންހެނުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ކަދުރަކީ މާބަނޑު އަންހެނުންނަށް ދިމާވާ ވިހެއުމުގެ ވޭންތައް ކުޑަކޮށްދޭ މޭވާއެއް ވެސް މެއެވެ.
ކަދުރުގައި ވިޓަމިން އޭ އެކުލެވުމަކީ ލޮލުގެ ފެނުމުގެ މައްސަލަ ހުންނަން އެހީތެރިކަން ފޯރުކޮށްދޭ ކަމެކެވެ. ހާއްސަކޮށް ނައިޓް ބްލައިންޑްނެސްގެ މައްސަލަ ހުންނަ މީހުންނަށް ކަދުރު ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަވެއެވެ.
މިހުރިހާ ފައިދާތައް އެކުލެވިގެންވާ ކަދުރަކީ ހަމައެކަނި ރޯދަމަހު ބޭނުން ކުރަންޖެހޭ މޭވާއެއްކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް ކަދުރަކީ ރޯދަމަސް ނޫނަސް ކޮންމެ ދުވަހަކު ވެސް ބޭނުންކުރުމަށް އެންމެ ރަގަޅު މޭވާއެވެ