ޖޮޓާމެންގެ ހަނދާނީ ބިނާ ފޯއެވަރ20 ލިވަރޕޫލުން ހަދަނީ

ޖޮޓާމެންގެ ހަނދާނީ ބިނާ ފޯއެވަރ20 ލިވަރޕޫލުން ހަދަނީ

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވި ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ އާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާގެ ހަނދާނުގައި ބިނާކުރާ މެމޯރިއަލްގެ ކުރެހުންތައް ލިވަޕޫލް އެފްސީން އާންމުކޮށްފިއެވެ.

އުމުރުން 28 އަހަރުގެ ޖޮޓާ އާއި 25 އަހަރުގެ ސިލްވާ މަރުވީ މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ސްޕެއިންގެ ޒަމޯރާގައެވެ. ސިލްވާ އަކީ ޕޯޗުގަލްގެ ދެވަނަ ޑިވިޜަންގެ ކްލަބެއް ކަމަށްވާ އެފްސީ ޕެނަފިއެލް އަށް ކުޅެމުންދިޔަ ކުޅުންތެރިއެކެވެ.

"ފޮރެވާ 20" (Forever 20) ގެ ނަމުން ނަންދެވިފައިވާ މި ބިނާ ފަރުމާކޮށްފައިވަނީ ޖޮޓާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރާއިރު ދައްކާލާ ހިތުގެ ބައްޓަމުން އިންސްޕަޔަރ ވެގެންނެވެ. މީގެ އިތުރުން މި ބިނާގައި ދެބެއިން ބޭނުންކުރި ޖާޒީ ނަންބަރު ކަމަށްވާ 20 އަދި 30 ހިމެނުމުގެ އިތުރުން، މެޗުތަކުގެ 20 ވަނަ މިނެޓުގައި ސަޕޯޓަރުން ޖޮޓާގެ ނަމުގައި ކިޔާ ލަވައިގެ ބައެއް ބައިތައް ވެސް ހިމަނާފައިވެއެވެ.

މި ބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެންފީލްޑް ސްޓޭޑިއަމްގެ ބޭރުގައި އޮންނަ "97 އެވެނިއު" ގައެވެ. ލިވަޕޫލް ކްލަބުން ބުނި ގޮތުގައި، މި ބިނާ އަކީ އެ ދެބެއިންގެ ހަޔާތާއި، އެމީހުންގެ މެދުގައި އޮތް ގާތް ގުޅުމުގެ އިތުރުން، އާއިލާ އާއި ޓީމުގެ ކުޅުންތެރިންނާއި މުޅި ދުނިޔޭގެ ސަޕޯޓަރުން އެމީހުންނަށް ކުރާ އިހުތިރާމާއި ލޯބި ރަމްޒުކޮށްދޭ ބިނާއެކެވެ.

މި ބިނާގެ ބިންގަލުގައި، ޖޮޓާ މަރުވުމާ ގުޅިގެން ސަޕޯޓަރުން އެންފީލްޑް ދަނޑު ކައިރީގައި ބެހެއްޓި ތަފާތު ހަނދާނީ ތަކެތި ރިސައިކަލްކޮށްގެން ބޭނުންކޮށްފައިވެއެވެ.

ވުލްވްސް އިން 2020 ވަނަ އަހަރު ލިވަޕޫލާ ގުޅުނު ޖޮޓާ ވަނީ އެ ކްލަބަށް ކުޅެދިން 182 މެޗުގައި 65 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރެއްގެ މަތިން ލީގު ކަޕް ކާމިޔާބުކޮށްފައެވެ.