2026 ވޯލްޑްކަޕަށް އަގުބޮޑު ޓިކެޓް ކެޓަގަރީތަކެއް ތައާރަފުކޮށްފި

2026 ވޯލްޑްކަޕަށް އަގުބޮޑު ޓިކެޓް ކެޓަގަރީތަކެއް ތައާރަފުކޮށްފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ މުހިންމު މެޗުތަކުގެ ޓިކެޓްގެ އަގުތައް ބޮޑުކޮށް، ފީފާއިން އާ ކެޓަގަރީތަކެއް ތައާރަފުކޮށްފިއެވެ.

މިގޮތުން، ޖޫން 12 ވަނަ ދުވަހު ކެލިފޯނިއާގެ އިނގްލްވުޑްގައި އެމެރިކާއާއި ޕެރަގުއޭ ބައްދަލުކުރާ މެޗުގެ އެންމެ މަތީ ފަންތީގެ ނުވަތަ "ފްރަންޓް ކެޓަގަރީ 1" ގެ ޓިކެޓެއްގެ އަގު މިހާރު ވަނީ 4,105 ޑޮލަރަށް އުފުލިފައެވެ. މީގެ ކުރިން މި ކެޓަގަރީގެ ޓިކެޓެއްގެ އަގަކީ 2,735 ޑޮލަރެވެ. މީގެ އިތުރުން، އަލަށް ތައާރަފުކުރި "ފްރަންޓް ކެޓަގަރީ 2" ގެ ޓިކެޓްތަކުގެ އަގު އުޅެނީ 1,940 ޑޮލަރާއި 2,330 ޑޮލަރާ ދެމެދުގައެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ 16 ސިޓީއެއްގައި ޖޫން 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި މުބާރާތުގެ ގިނަ މެޗުތަކެއްގެ އަގުތައް ވަނީ އުފުލިފައެވެ. މިސާލަކަށް، ޓޮރޮންޓޯގައި ކެނެޑާ ކުޅޭ ފުރަތަމަ މެޗުގެ ޕްރީމިއަމް ޓިކެޓެއްގެ އަގު 3,360 ޑޮލަރަށް އަރާއިރު، ފިލަޑެލްފިއާގައި ކުޅޭ ގަދަ 16 ގެ މެޗުތަކުގެ ބައެއް ސީޓުތަކުގެ އަގު އުޅެނީ 905 ޑޮލަރުގައެވެ.

ޖުލައި 19 ގައި މެޓްލައިފް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގެ ޓިކެޓްތަކުގެ އަގުވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ފައިނަލް މެޗުގެ އެންމެ މަތީ ފަންތީގެ ޓިކެޓެއްގެ އަގު 8,680 ޑޮލަރުން 10,990 ޑޮލަރަށް ވަނީ މަތިވެފައެވެ. އަދި ކެޓަގަރީ 2 އަދި 3 ގެ ޓިކެޓްތަކުގެ އަގު ވަނީ 7,380 ޑޮލަރާއި 5,785 ޑޮލަރަށް އަރާފައެވެ.

އަގުތަކަށް އައި މި ބަދަލާ ގުޅޭގޮތުން ފީފާއިން އަދި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އެ އިދާރާގެ ރަސްމީ ވެބްސައިޓުން މިހާރު ފައިނަލް މެޗުގެ އެއްވެސް ޓިކެޓެއް ލިބޭކަށް ނެތެވެ.

ވޯލްޑް ކަޕް ޓިކެޓަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރުވަމުންދާއިރު، އަގުތަކަށް އައި މި ބޮޑު ބަދަލުގެ ސަބަބުން އާންމު ސަޕޯޓަރުންނަށް ޓިކެޓް ގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.